ކެޕިޓަލް މާކެޓް ޑިވެލްޕްމެންޓް އޮތޯރިޓީ (ސީއެމްޑީއޭ)ގެ ސީއީއޯގެ މަގާމަށް، ކ. މާފުށި، މުސްތަރީގެ އަހުމަދު ނަސީރު އައްޔަން ކުރައްވައިފި އެވެ.

ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހިމް މުއާޒު އަލީ ވެސް ވަނީ މިކަން ކަށަވަރުކޮށްދެއްވާފައި އެވެ.

ސީއެމްޑީއޭގެ ސީއީއޯގެ މަގާމަށް އަހުމަދު ނަސީރު އައްޔަން ކުރައްވާފައި މިވަނީ ކުރި އެ މަގާމުގައި ހުންނެވި ފާތުމަތު ޝަފީގާ މަގާމުން އިސްތިއުފާ ދެއްވުމުން ނެވެ.

ޝަފީގާ އިސްތިއުފާ ހުށައެޅުއްވީ، މިދިޔަ މަހުގެ 17 ވަނަ ދުވަހު އެވެ. ސީއެމްޑީއޭ އިން ބުނީ ޝަފީގާ އެ މަގާމުން އިސްތިއުފާ ދެއްވާފައި ވަނީ އަމިއްލަފުޅަށް ކަމަށެވެ. އަދި އެ އިދާރާއާ އެއްވެސް މައްސަލައެއް ޖެހިފައި ނުވާ ކަމަށް ސީއެމްޑީއޭ އިން ބުންޏެވެ.

ސީއެމްޑީއޭގެ ސީއީއޯގެ މަގާމަށް ބޭފުޅަކު ހަމަޖެހެން ދެން މިއަދާ ހަމައަށް އެ އިދާރާ ހިންގުން ވަގުތީ ގޮތުން ހަވާލުކޮށްފައި ވަނީ ސީއެމްޑީގެ އެ އޮތޯރިޓީގެ ޑިރެކްޓަ ޖެނެރަލް މަޚްޒޫމް ސަލީމްއާ އެވެ.