03 Feb 2015, 11:51
ދިރާގުން އަލަށް އޭޑީއެސްއެލް އަދި އަލްޓްރާ ފާސްޓް ކަނެކްޝަނެއްނަގާ ކޮންމެ ފަރާތަކަށް މުޅިން ހިލޭ ގުޅައިދޭ ޕްރޮމޯޝަނެއް ފަށައިފި އެވެ.
ދިރާގުން ބުނީ އެ ޕްރޮމޯޝަންގެ ތެރޭ ގޭގެއަށާއި ކުދި ވިޔަފާރި އަށް މުޅިން ހިލޭ ދިރާގު އޭޑީއެސްއެލް ކަނެކްޝަނެއް ނެގޭނެ ކަމަށެވެ. އެ ޕްރޮމޯޝަން ކުރިއަށް ދާނި މިމަހުގެ 28 ގެ ނިޔަލަށް ކަމަށް ވެސް ދިރާގުން ބުނެ އެވެ. އަދި ޕްރޮމޯޝަން މުއްދަތުގެ ތެރޭ ދިރާގު އޭޑީއެސްއެލް ހިދުމަތް ލިބޭ ކޮންމެ ރަށަކުން ވެސް ހިލޭ ކަނެކްޝަން ލިބޭނެ ކަމަށް އެކުންފުންނިން ބުނެ އެވެ.
މިހާރު ދިރާގުން ކުރިއަށްގެންދާ ޕްރޮމޯޝަންގެ ތެރޭ މުޅިން ހިލޭ ކަނެކްޝަން ލިބޭނީ ޕްރޯ އަންލިމިޓެޑް 15 އެމް، ޕްރޯ އަންލިމިޓެޑް 5 އެމް، ޕްރޯ އަންލިމިޓެޑް 2އެމް، ޕްރޯ އަންލިމިޓެޑް 1 އެމް، އަދި ހޯމް ޕްރެމިއަރ 4 އެމް، ހޯމް ޕްލަސް އާއި ސްޓުޑަންޓް ލައިޓް އާއި ހޯމް އަލްޓްރާ ފާސްޓް ޕްލަސް އާއި ހޯމް އަލްޓްރާ ފާސްޓް އަދި ކުދި ވިޔަފާރިތަކަށް ހާއްސަކޮށް ތައްޔާރުކޮށްފައިވާ ފިކްސްޑް ބްރޯޑްބޭންޑް ބިޒުނަސް ޕެކޭޖްތަކަށް ކަމަށެވެ.
އެ ޕްރޮމޯޝަނާ ގުޅޭ ގޮތުން ދިރާގުގެ އެސިސްޓަންޓް މެނޭޖާ ޕަބްލިކްރިލޭޝަން އިމްޖާދު ޖަލީލް ވިދާޅުވީ "މިދުވަސްވަރު ޕްރޮމޯޝަން ފެށުމަށް އަޅުގަނޑުމެން ގަސްތުކުރި ވަރަށް މުހިއްމު އެހެން ބޭނުމަކީ އާ އަހަރު ފެށި ސްކުލްތައް ހުޅުވޭ ދުވަސް ވަރަށް ވުމުން ގިނަ ބެލެނިވެރިން ދަރިވަރުންގެ ކިޔެވުމުގެ މަސައްކަތްތައް އިންޓަނެޓް ހިދުމަތް ފޯރުކޮށްދޭން ބޭނުންވޭ،"
އިމްޖާދު ވިދާޅުވީ މިފަދަ ދަނޑިވަޅެއްގައި މުޅިން ހިލޭ ހިދުމަތް ގުޅައި ދިނުމަށް ނިންމުމުން ބެލެނިވެރިންނަށް ވަރަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށެވެ. އަދި އެ ޕްރޮމޯޝަނަކީ ދިރާގު މެދުވެރިކޮށް ޓިވީ ބެލުމަށް ޝައުގުވެރިވާ ފަރާތްތަކަށާއި ފިކްސް ބްރޯޑްބޭންޑް ނެގުމަށް ބޭނުންވާ ވިޔަފާރިތަކަށް ވެސް މުހިންމު ޕްރޮމޯޝަނަކަށް ވެގެންދާނެ ކަމަށް އުއްމީދު ކުރާ ކަމަށް އިމްޖާދު ވިދާޅުވި އެވެ.