ޏ. ފުވައްމުލަކުގައި ގާއިމްކުރާ ފެނާއި ނަރުދަމާގެ ނިޒާމް ޑިޒައިންކޮށް އަމަލީ މަސައްކަތް ކުރާ އިރު އެ މަސައްކަތް ބެލެހެއްޓުމަށް ބަޔަކާ ހަވާލުކޮށްފި އެވެ.

މޫކައި ހޮޓަލުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ފުވައްމުލަކުގެ ފެނާއި ނަރުދަމާގެ ނިޒާމް ޑިޒައިންކޮށް އަމަލީ މަސައްކަތް ބެލެހެއްޓުމަށް 6.4 މިިލިއަން ރުފިޔާ އަށް ހަވާލުކުރީ ރިޔަން ޕްރައިވެޓް ލިމިޓެޑް އިން އެސޯސިއޭޝަން ވިތް ލަމާ ގްރޫޕާ އެވެ.

އެ ޕްރޮޖެކްޓުގެ ޑިޒައިން ކުރުމުގެ މަސައްކަތް އަންނަ އޮގަސްޓް މަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް ލަފާކޮށްފައިވާ އިރު، މަސައްކަތް އެއްކޮށް ނިންމުމަށް ކަނޑައަޅާފައި ވަނީ ދެ އަހަރު ދުވަހުގެ ތެރޭގަ އެވެ.

ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގް އިބްރާހިމް ވިދާޅުވީ، ފުވައްމުލަކުގައި ގާއިމްކުރަން ހަމަޖެހިފައިވާ ފެނާއި ނަރުދަމާގެ ނިޒާމަކީ އެ ރަށުގެ ރައްޔިތުންގެ ވަރަށް ދިގު އިންތިޒާރެއް ކުރަމުން އައި ކަމެއް ކަމަށެވެ.

އެންވަޔަރަމަންޓް މިނިސްޓްރީ އިން މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން-- ސަން ފޮޓޯ/ ޔޫސުފް ސޮފްވާން

އެގޮތުން ސަރުކާރުގެ އަމާޒަލީ އަސާސީ ހިދުމަތްތައް ބޭނުންވާ ރަށްތަކަށް އަމާޒުކޮށް ކުރިއަށް އޮތް ހަތަރު އަހަރު ދުވަހުގެ ތެރޭގައި ވީހާ ވެސް ގިނަ ޕްރޮޖެކްޓްތަކެއް ހިންގުން ކަމަށް ވިދާޅުވި އެވެ.

އާބާދީގައި 8579 މީހުން ދިރިއުޅޭ ފުވައްމުލަކުގައި ގާއިމު ކުރާ ފެނާއި ނަރުދަމާގެ ނިޒަމަކީ ކުވެއިތު ފަންޑު ފޯ އަރަބް އިކޮނޮމިކް ޑެވެލޮޕްމަންޓުގެ ލޯން އެހީގެ ދަށުން 174 މިލިއަން ރުފިޔާ އާއި ސަރުކާރުގެ ބަޖެޓުން 57 މިލިއަން ރުފިޔާއާ އެކު ޖުމްލަ 231 މިލިއަން ރުފިޔާ ހަރަދުކޮށްގެން ގާއިމްކުރާ ނިޒާމެކެވެ.