03 Feb 2015, 11:38
ސަރުކާރު ސްކޫލުތަކުގައި މަސައްކަތް ކުރާ މުދައްރިސުންނަކީ ގާބިލު ޓީޗަރުންނަށް ހެދުމަށް އެޑިއުކޭޝަން މިނިސްޓްރީ އިން ކަނޑައަޅާފައިވާ ސިޔާސަތުގެ ދަށުން ހިދުމަތުގައި ތިބި ޓީޗަރުންގެ ތެރެއިން 2000 ޓީޗަރުން ޑިގްރީ ފެންވަރަށް ތަމްރީނު ކޮށްދިނުމަށް ކޮލެޖުތަކާއި ޔުނިވަސިޓީތަކަށް ހުޅުވާލި ޕްރޮގްރާމުގައި ކޮރަޕްޝަންގެ މައްސަލައެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބަލަން ފަށައިފި އެވެ.
އެޑިއުކޭޝަން މިނިސްޓްރީން މިދިޔަ މަހުގެ 19 ވަނަ ދުވަހު ކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ ހިދުމަތުގައި ތިބި މުދައްރިސުން ޑިގްރީ ފެންވަރަށް ގެންދިއުމަށް ޝައުގުވެރިވާ ފަރާތްތަކުން އެ މިނިސްޓްރީއަށް ޕްރޮޕޯސަލް ހުށަހެޅުއްވުމަށެވެ. އަދި ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު، ރާއްޖެ އާއި ރާއްޖެއިން ބޭރުގެ ތަޢުލީމާއި ތަމްރީނުދޭ ކޮލެޖް އަދި ޔުނިވަސިޓީތަކަށް ހުޅުވާލައިފައިވާ ކަމަށް އެ އިއުލާނުގައި ވަނީ ބުނެފަ އެވެ.
އޭސީސީގެ އޮފިޝަލަކު މިއަދުު "ސަން" އަށް ވިދާޅުވީ އެ މައްސަލަ އޭސީސީން ބަލަމުން އަންނަ ކަމަށާއި އެ މައްސަލަ އޭސީސީ އަށް ހުށަހެޅީ އަމިއްލަ ފަރާތަކުން ކަމަށެވެ. އޭނާ ވިދާޅުވީ އެޑިއުކޭޝަނުން އިއުލާންކޮށްފައިވާ ޕްރޮގުރާމަކީ ބޮޑު ޕްރޮގުރާމެއް ކަމަށެވެ. އެހެންނަމަވެސް އެހާ ކުރު މުއްދަތެއްގެ ތެރޭގައި އެހާ ތަފްސީލް މަސައްކަތެއް ހުށަހެޅުމުން އެ މަސައްކަތުގައި މައްސަލައެއް އުޅޭ ކަމަށް އެފަރާތަށްވެސް ފާހަގަކުރެވިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަމިއްލަ ފަރާތަކުން ހުށަހެޅި އެ މައްސަލަ. ދެން އެ މައްސަލައިގައި އަޅުގަނޑުމެންނަށް ވެސް ފާހަގަކުރެވުނު ކަމަކީ އެ މަސައްކަތަކީ ވަރަށް ބޮޑު މަސައްކަތެއް. އެހެންނަމަވެސް އެހާ ކުރު މުއްދަތެއްގެ ތެރޭގައި އެކަން ކުރުމަށް ބުނެފައި ވާތީ އެކަމުގައި މައްސަލައެއް އުޅޭ ކަމަށް ފާހަގަކުރެވޭ." އޮފިޝަލް ވިދާޅުވި އެވެ.
މުދައްރިސުން ޑިގްރީ ފެންވަރަށް ގެންދިއުމަށް ޝައުގުވެރިވާ ފަރާތްތަކުން ހުށަހަޅާ ޕްރޮޕޯސަލްގައި އެ މަސައްކަތް ކުރިއަށް ގެންދާނެ ގޮތުގެ ތަފްސީލު ލިޔެފައި އޮންނަންވާނެ ކަމަށް އިއުލާނުގައި ވަނީ ބުނެފަ އެވެ. އަދި ޕްރޮޕޯސަލް ހުށަހަޅާ ޔުނިވަސިޓީ ނުވަތަ ކޮލެޖުގެ ވަނަވަރާއި އެ ފަރާތުގެ ތަފުސީލު ބަޖެޓް، ވާކްޕްލޭނުގެ ކޮންމެ ބައެއްގެ ތަފުސީލު ޚަރަދު އެނގޭނެ ގޮތަށް ހިމަނަން ވާނެ ކަމަށް ބުނެފައިވެ އެވެ.