ސިފައިން ދިރިއުޅެން ދޫކޮށްފައިވާ ބަނޑޭރިކޮށީގައި ގަވައިދާ ހިލާފަށް އުޅެމުންދާ ފަރާތްތައް އެތަނުން ނެރުމުގެ މަސައްކަތް ކުރަމުން ދަނިކޮށް އެ މަސައްކަތް ހުއްޓުވައި ދިނުމަށް އެދި ވަގުތީ އަމުރެއް ނެރެ ދިނުމަށް އެތަނުގައި ދިރިއުޅޭ މީހަކު ސިވިލް ކޯޓުގައި އެދުމުން ވަގުތީ އަމުރެއް ނެރެދެން ޖެހޭ ތަނެއް ނެތް ކަމަށް ސިވިލް ކޯޓުން ބުނެފި އެވެ.

ވަގުތީ އަމުރެއް ނެރެދިނުމަށް އެދި ސިވިލް ކޯޓުގައި އެދިފައި ވަނީ ބަނޑޭރި ކޮށީގައި ދިރިއުޅެމުން އަންނަ ބ. ތުޅާދޫ، ނީސްގެ އަލީ ހަސަނެވެ.

ވަގުތީ އަމުރާ ގުޅޭ ގޮތުން ސިވިލް ކޯޓުން ބުނެފައި ވަނީ ބަނޑޭރި ކޮށީގައި އަލީ ހަސަން ދިރިއުޅެމުން އައި ތަން ތިން ފަހަރެއްގެ މަތީން ހުސްކުރުމަށް އެމްއެންޑީއެފް އިން އަލީ ހަސަނަށް އަންގާފައިވާ ކަން ޝަރީއަތުގައި އަލީ ހަސަން ބުނެފައިވާ ކަމަށެވެ. އަދި އަލީ ހަސަނަށް ބަނޑޭރިކޮށި ހަވާލުކޮށްފައި ވަނީ އޭނާ އެމްއެންޑީއެފްގެ ވަޒީފާ އަދާކުރާ ދުވަހަކަށް ކަމަށާއި އަދި މިހާރު އޭނާ އަކީ އެ ވަޒީފާ އިން ވަކިވެފައިވާ މީހެއް ކަމަށް ވެސް ސިވިލް ކޯޓުން ބުންޏެވެ.

ސިވިލް ކޯޓުން ބުނީ އަލީ ހަސަނަށް ގާނޫނީ ގޮތުން ހިމާޔަތް ލިބެންޖެހޭ "މައުޟޫއީ ހައްގު" ކަމުގައިވާ އޭނާ ދިރިއުޅޭ ބަނޑޭރިކޮށީގެ އެޕާޓުމަންޓުގައި ދިރިއުޅުމުގެ ހައްގު އޮތުމުގެ އިހުތިމާލް ފާޅުކަން ބޮޑު ގޮތެއްގައި ގާއިމުވެ އޮތްކަން ޝަރީއަތަށް ނުފެންނަ ކަމަށެވެ.

"މިކަމުގައި ދައުލަތުގެ ސަލާމަތީ ބާރުތަކުން އަމަލުކުރަމުން ދަނީ ގާނޫނާއި ގަވާއިދާ ހިލާފަށް ކަމަށް ބަލައިގެން ބަނޑޭރިކޮށީގެ އެޕާޓްމަންޓުގައި ދިރިއުޅޭ މީހުންގެ ނުރުހުމުގައި ކޯޓު އަމުރެއް ނެތި އެތަނަށް ނުވަނުމަށާއި މީހުންނާއި ތަކެތި ނެރެ ތަން ހުސްނުކުރުމަށް ދައުލަތުގެ މައްޗަށް އަންގައި އަމުރު ކުރާނެ ތަނެއް މިހިނދުން ނެތް ކަމުގައި ކަނޑައެޅީމެވެ،" ސިވިލް ކޯޓުން ނިންމެވި ގޮތުގައިވެ އެވެ.

ބަނޑޭރިކޮށީގައި ގަވާއިދާ ހިލާފަށް އުޅެމުންދާ ފަރާތްތައް އެތަނުން ނެރުމުގެ މަސައްކަތް ފަށާފައި ވަނީ މިދިޔަ މަހުގެ 19 ވަނަ ދުވަހު އެވެ. އެމްއެންޑީއެފް އިންބުނީ އަމާޒަކީ ވީހާވެސް އަވަހަށް ބަނޑޭރި ކޮށީގައި ދިރިއުޅޭ ފަރާތްތައް އެތަނުން ނެރުން ކަމަށެވެ.

ބަނޑޭރިކޮށީގައި ދިރިއުޅޭ މީހުންނަށް އެތަން ދީފައި ވަނީ ސިފައިންގޭގެ ހިދުމަތުގައި އެމީހުން އުޅޭހާ ދުވަހަކު ދިރިއުޅުމަށެވެ. ނަމަވެސް ސިފައިންގެ ހިދުމަތުން ވަކިވެފައިވާ އެތައް ބަޔަކު ދަނީ އެތަނުގައި ދިރިއުޅެމުންނެވެ. އެކޮށީގައި އިމާރާތްކޮށްފައިވާ އިމާރާތްތަކުގެ ބަދަލުގެ ގޮތުގައި މީގެ ކުރިން ވަނީ ފައިސާ ވެސް އެފަރާތްތަކަށް ދީފަ އެވެ.

މީގެ ކުރިންވެސް އެތައް ފަހަރެއްގެ މަތިން ވަނީ އެކޮށިން މީހުން ނެރުމުގެ މަސައްކަތްކޮށްފަ އެވެ. އެމްއެންޑީއެފުން މިހާރު ނިންމާފައި ވަނީ އެބިމުގައި ފުލެޓް އެޅުމަށެވެ.