03 Feb 2015, 10:52
އިސްލާމިކް ސްޓޭޓް (އައިއެސް) އާ ހަނގުރާމަކުރުމަށް 3.5 ބިލިޔަން ޑޮލަރުގެ ބަޖެޓެއް ހޯދަން އެމެރިކާ ސަރުކާރުން އެގައުމުގެ ކޮންގްރެސްއަށް ހުށަހަޅައިފި އެވެ.
އެސޯސިއޭޓެޑްޕްރެސް (އޭޕީ) ބުނީ، އެމެރިކާ ސަރުކާރުން އިއްޔެ ހުށަހެޅި ބަޖެޓްގައި ދިފާއީ ކަންކަމަށް ޖުމްލަ 63.3 ބިލިޔަން ޑޮލަރު ހިމަނާފައިވާ ކަމަށާއި އޭގެ ތެރެއިން 3.5 ބިލިޔަން ހާއްސަކޮށްފައި ވަނީ އައިއެސްއާ ހަނގުރާމަކުރުމަށާއި ސޫރިޔާގެ ރެފިއުޖީންނަށް އެހީތެރިވުމަށް ކަމަށެވެ. އަދި ބުނީ އެމެރިކާއިން އަފްޣާނިސްތާނުގައި ހިންގާ އޮޕަރޭޝަންތަކަށް 1.5 ބިލިޔަން ޑޮލަރާއި އެގައުމުގެ ސަރުކާރަށް އެހީތެރިވުމަށް 963 މިލިޔަން ހިމަނާފައިވާ ކަމަށެވެ.
އެމެރިކާގެ ދިފާއީ ކަންކަމަށް ބަޖެޓްގައި ހިމަނާފައިވާ ފައިސާގެ ބޮޑުބައެއް ހާއްސަކޮށްފައި ވަނީ ޖާސޫސީ ކަންކަމަށެވެ. އެގޮތުން ޖުމްލަ 53.9 ބިލިޔަން ޑޮލަރު އެކަމަށް ހާއްސަކޮށްފައި ވެއެވެ.
އެމެރިކާއިން ދިފާއީ ކަންކަމަށް ހަރަދުކުރުމަށް މިފަހަރު މި ހުށަހެޅި ބަޖެޓް މިފަހަރު ވަނީ 4.4 ޕަސެންޓް އިތުރުވެފައެވެ. ނަމަވެސް އެމެރިކާގެ ދިފާއީ ވެރިން އަންނަނީ އަސްކަރީ ކަންކަމަށް އެގައުމުން ކުރާ ހޭދަކުޑަކަމަށާއި އެކަމުގެ ސަބަބުން ދަތިތަކާ ކުރިމަތިވާ ކަމަށް ބުނަމުންނެވެ.
އައިއެސްއާ ދެކޮޅަށް އެމެރިކާއާއި އެގައުމާ ބައިވެރިވާ ގައުމުތަކުން ކުރަމުން އަންނަ ހަނގުރާމައިގައި ބިމުގެ ލަޝްކަރު ފޮނުވުމަށް ވެސް ބައެއް ޖެނެރަލުން އަންނަނީ ގޮވައިލަމުންނެވެ.