ޅ. ހިންނަވަރުގައި އުމުރުން 14 އަހަރުގެ އަންހެން ކުއްޖެއްގެ މަންމަ އޭނާގެ ލޯބިވެރިޔާއަށް ޖިންސީ ގޯނާ ކުރުމަށް ދަރިފުޅު ދިން މައްސަލައިގައި ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ސަން އަށް ވިދާޅުވީ، 14 އަހަރުގެ އެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި ރޭ ހިންނަވަރުން ފިރިހެނަކު ހައްޔަރުކޮށްފައިވާއިރު ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރާކަން އެނގިހުރެ އެކަން ނުހުއްޓުވި މައްސަލައިގައި އަންހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

ސަން އަށް އެނގިފައިވާގޮތުގައި ހައްޔަރުކޮށްފައިވާ އަންހެން މީހާއަކީ 14 އަހަރުގެ ކުއްޖާގެ މަންމަ އެވެ. އެމަންމަ ދަނީ އޭނާ ގެ ލޯބިވެރިޔާއަށް ދަރިފުޅަށް ޖިންސީ ގޯނާ ކުރަން ފުރުސަތު ދެމުންނެވެ.

އެ އަންހެން މީހާއަކީ ނ. އަތޮޅު އަންހެނެކެވެ. އޭނާ ހިންނަވަރުގައި އުޅެނީ ކުރިން އެރަށު މީހަކާ އިނދެގެން އުޅެފައިވާތީއެވެ. އެ ކައިވެނި މިހާރު ވަނީ ރޫޅިފައެވެ.

އެކައިވެންޏަށް ތިން ކުދިން ލިބިފައިވާއިރު އޭގެ ތެރެއިން މި މަންމަ ބަލަހައްޓަނީ ހަށި ވިއްކުވި އެ 14 އަހަރުގެ އަންހެން ކުއްޖާއެވެ. އަނެއް ދެ ދަރިން ތިބެނީ ބައްޕަގެ ބެލުމުގެ ދަށުގައެވެ. ޖިންސީ އަނިޔާލިބުނު ކުއްޖާވެސް މިހާރު އިނީ ބައްޕަގެ ބެލުމުގެ ދަށުގައެވެ.

ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގައި ބުނާގޮތުން އެފަދަ ކުށެއްގެ އަދަބަކީ 20 އަހަރާއި 25 އަހަރާއި ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ.