ލަންޑަން : ވެރިކަން ދޫކޮށްލެއްވުމަށްފަހު މިސްރުގެ ރައީސް ޙުސްނީ މުބާރަކް ވަރަށް އަވަހަށް ޤައުމުން ބޭރަށް ފުރާވަޑައިގަންނަވާނެ ކަމަށް ލަންޑަންގައި ނުކުންނަ ދުވަހު ނޫހެއް ކަމަށްވާ "ދި އިންޑިޕެންޑެންޓް އޮން ސަންޑޭ" އާ ޙަވާލާދީ ލުބްނާނުގެ އަލްމަނާރު ޓީވީ ނެޓްވާރކް ބުނެފިއެވެ.

މިސްރުގެ ބައެއް ދާއިރާތަކުން ލިބިފައިވާ ވަރަށް ޚާއްސަ މަޢްލޫމާތު ތަކަކާ ޙަވާލާދީ އެނޫސް ބުނިގޮތުގައި އެމެރިކާ ވެސް މިހާރު ބޭނުން ވަނީ މިސްރުގެ ވެރިކަން މުބާރަކްގެ ކިބައިން އެހެން ބޭފުޅަކަށް ނަޤްލު ކުރުމަށެވެ. މުބާރަކް ވެރިކަމުގައި ހުންނަވައިގެން މިސްރުގެ ރައްޔިތުން ދެން މައިތިރި ނުކުރެވޭނެކަން މިސްރުގެ އިސް ފަރާތްތަކަށް ވެސް މިހާރު ޤަބޫލުކުރެވެން ފަށާފައިވާ ކަމަށާއި އެމެރިކާގެ މަސްއޫލުވެރިން ވެސް މިކަމަށް ތާއީދު ކުރައްވާ ކަމަށް އެނޫސް ބުނެއެވެ.

މިސްރުގެ ވެރިކަން ފޮރޮލާނަމަ ވެރިކަމުގެ މުގުލުގައި ހިފާނީ ސިފައިންގެ ލަޝްކަރުތައް ކަން ދޭހަވާފަދަ ގޮތަކަށް ޚާރިޖީ ވަޒީރު އަޙްމަދު އަބުލްޣައިތު ވަނީ ވާހަކަ ދައްކަވާފައެވެ. މުބާރަކްގެ ވެރިކަން ވައްޓާލަން މަސައްކަތްކުރާ މިސްރުގެ ރައްޔިތުން ތިބީ އެނޫން އެހެން އެއްވެސް ގޮތެއް ޤަބޫލުކުރާ ގޮތަކަށް ނޫނެވެ. އަދި މުޒާހަރާކުރާ މީހުންގެ ޢަދަދު މިލިޔަނުން ގުނާލެވޭއިރު އެމީހުން މިހާރުވަނީ މިސްރުގެ ބޮޑުވަޒީރުގެ އޮފީހާއި ރައްޔިތުންގެ މަޖިިލީހާއި ސަރުކާރުގެ ބައެއް ވުޒާރާތައް ޙިސާރުކޮށް އެތަންތަނުގެ މަސައްކަތް ހުއްޓުވަން ފަށާފައެވެ.
މުޒާހަރާކުރާ މީހުން މިހާރުވަނީ މުބާރަކް ދިރިއުޅުއްވާ ގަނޑުވަރުތައް ޙިސާރުކުރާނެ ކަމުގެ އިންޒާރުވެސްދީފަ އެވެ. ނަތީޖާއެއްގެ ގޮތުން މިސްރުގެ ސިފައިން ވަނީ މުބާރަކްގެ ގަނޑުވަރުތަކާއި އޭނާގެ ހަށިކޮޅު ދިފާޢުކުރުމަށް ޚާއްސަ އޮޕަރޭޝަނެއް ފެށުމަށް ތައްޔާރުވެފައެވެ.

އަނެއްކޮޅުން މާދަމާގެ ހުކުރު ނަމާދަށް ފަހު މުބާރަކްގެ ވެރިކަން ވައްޓާލެވޭ ވަރުގެ ބޮޑު އަދި ވަރުގަދަ މުޒާހަރާތަކެއް ކުރިޔަށް ގެންދިޔުމަށް މުޒާހަރާތައް އިންތިޒާމްކުރާ ރައްޔިތުންގެ ކޮމިޓީތަކުން ގެންދަނީ މަސައްކަތް ކުރަމުންނެވެ.
-- އަލްމަނާރު ޓިވީ، ބީބީސީ