އަންނަ އަހަރުން ފެށިގެން ގެސްޓް ހައުސްތަކަށް ލައިސަންސް ދޫކުރަން ކައުންސިލްތަކާ ހަވާލުކުރަން ސަރުކާރުން ނިންމާފައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރު އަހްމަދު އަދީބު ވިދާޅުވެއްޖެ އެވެ.

އިންސްޓިޓިއުޓް އޮފް ގަވާނެންސް އެންޑް ޑިވެލޮޕްމެންޓް އިން ހިންގި ޑިވެލޮޕްމެންޓް މެނޭޖްމެންޓް ސެޓްފިކޭޓް 1 ކޯސް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަފުޅު ދައްކަވަމުން އަދީބު ވިދާޅުވީ ގެސްޓް ހައުސްތަކަށް ލައިސަންސް ދޫކުރަން ކައުންސިލްތަކާ ހަވާލު ކުރުމަށް ނިންމާފައިވާ އިރު މިހާރު ވެސް ގެސްޓް ހައުސް އެޅުމަށް ބިން ކަނޑައަޅަނީ ކައުންސިލްތަކުން ކަމަށެވެ.

"އަޅުގަނޑުމެން ހެދި ޓުއަރިޒަމް މާސްޓާ ޕްލޭންގައި އިންނާނެ އަންނަ އަހަރު އިރާދަ ކުރެއްވިއްޔާ ގެސްޓް ހައުސްތަކަށް ލައިސަންސް ދިނުމަށް ކައުންސިލާ ހަވާލު ކުރުމަށް ނިންމާފައި. ގެސްޓްހައުސްގެ ބިންތައް ކަނޑައެޅުން މިހާރު ވެސް އަޅުގަނޑުމެން ދޫކޮށްލަނީ މި ކައުންސިލަށް،" މިނިސްޓަރު ވިދާޅުވި އެވެ.

އެފަދަ ކަންތައްތަކަކީ ކައުންސިލްތައް އިތުރަށް ބާރުވެރިކުރުމަށް ކުރެވޭ މަސައްކަތެއް ކަމަށް ވެސް ޓޫރިޒަމް މިނިސްޓަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ލާމަރުކަޒީ ނިޒާމު އަދި ކާމިޔާބުވާނެ ކަމަށާއި ކާމިޔާބުކަމާ އެކު ލާމަރުކަޒީ ނިޒާމު ހިންގުމަށް އޮތް އެންމެ ބޮޑު ހުރަހަކީ ވަސީލަތްތައް މަދުވުން ކަމަށެވެ.

ކޯހުގެ ބައިވެރިންނާއި މެނޭޖުމަންޓާ އެކު --

މިއަދު ފެނިގެން މިދަނީ ބިންތަކާއި ފަޅުތަކާއި ގިރިތައް ބޭނުންވެގެން ސަރުކާރާއި ކައުންސިލްތައް ތަޅާފޮޅާތަން ކަމަށާއި ރާއްޖެ ފުދުންތެރި ގައުމަކަށް ވުމުން އެކަންކަން ހައްލުވެގެންދާނެ ކަމަށް ވެސް އަދީބު ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް މިފެންނަނީ ބިންތަކަށް، ފަޅުތަކަށް ގިރިތަކަށް ވެސް ކައުންސިލުންނާއި މައި ސަރުކާރާއި އަދި ދެންވެސް ހުރި ސަރުކާރުގެ މިނިވަން މުއައްސަސާތަކާ މި އެންމެން ތަޅާފޮޅާތަން. އަޅުގަނޑު ގަބޫލުކުރަނީ އަޅުގަނޑުމެން ފުދުންތެރި ގައުމަކަށްވެ އަޅުގަނޑުމެންގެ ގައުމު ތަރައްގީވެގެން ދާއިރު. މިކަންތައްތައް ހަމަޖެހިގެންދާނެ،" އަދީބު ވިދާޅުވި އެވެ.

ޑިވެލޮޕްމެންޓް މެނޭޖްމެންޓް ސެޓްފިކޭޓް 1ގައި މިފަހަރު ރާއްޖޭގެ އެކި ހިސާބުތަކުން 31 މީހަކު ބައިވެރި ވެފައިވެ އެވެ. ކައުންސިލަރުންނަށާއި ކައުންސިލް އިދާރާގެ މުވައްޒަފުންނަށް އަމާޒުކޮށްގެން ހިންގާ އެކޯސް ފަށާފައި ވަނީ މިދިޔަ މަހުގެ 19 ވަނަ ދުވަހުއެވެ. އެ ކޯސް ކުރިއަށްގެންގޮސްފައި ވަނީ 15 ދުވަހުގެ މުއްދަތަކަށެވެ. މިހާތަނަށް 20 ފަހަރު އެ ކޯސް ވަނީ ހިންގާފަ އެވެ.

އިންސްޓިޓިއުޓް އޮފް ގަވާނެންސް އެންޑް ޑިވެލޮޕްމެންޓް އިން ބުނީ އެކި ފަހަރުމަތިން އެ ކޯހުގައި މިހާތަނަށް 800 ވަރަކަށް މީހުން ބައިވެރިވެފައިވާ ކަމަށެވެ.