ތޫނިސް (ފެބްރުއަރީ3): ތޫނިސްގެ އައު ބޮޑުވަޒީރު އަލްޙަބީބް އައްސައިދު އެގައުމުގެ އިސްލާމިކް ނަހްޒާ މޫމެންޓް ޕާޓީ ހިމެނޭގޮތަށް ކޯލިޝަން ސަރުކާރެއްގެ ކެބިނެޓް އެކުލަވާލައްވައިފި އެވެ. އިސްލާމިކް ނަހްޒާ ޕާޓީއަކީ ތޫނިސްގެ ވެރިކަމުގެ އިންތިގާލީ މަރްޙަލާގައި އެގައުމުގައި ވެރިކަން ކުރި ޕާޓީ އެވެ. މީގެއިތުރުން ތޫނިސްގެ ޕާލަމެންޓްގައި ދެވަނައަށް އެންމެ މެންބަރުން ގިނަ ޕާޓީއަކީ ވެސް ނަހްޒާ ޕާޓީ އެވެ. އައު ބޮޑުވަޒީރު އަލްޙަބީބް އައްސައިދުގެ އައު ކެބިނެޓްގައި އެނޫންވެސް ބައެއް ކުދި ޕާޓީތައް ބައިވެރިކޮށްފައިވެ އެވެ. ތޫނިސްގެ ޕާލަމެންޓްގައި އެންމެ ގިނަގޮނޑި ލިބިފައިވަނީ އެގައުމުގެއިލްމާނީ ފިކުރުގެ ޕާޓީއެއްކަމަށްވާ އައްނިދާއު ޕާޓީއަށެވެ. އަލްޙަބީބް އައްސައިދުގެ އައުކެބިނެޓްގައި ނަހްޒާ ޕާޓީ ބައިވެރިކޮށްފައި މިވަނީ އޭނާ ކުރިން އެކުލަވާލެއްވި ސަރުކާރުގެ ކެބިނެޓްގައި ނަހްޒާ ޕާޓީ ބައިވެރިކޮށްފައި ނުވާތީ އެ ސަރުކާރަށް ތޫނިސްގެ ޕާލަމެންޓްގެ އިތުބާރުއޮތްތޯ ބެލުމުގެ ވޯޓު ކާމިޔާބު ނުވުމުގެ ސަބަބުންނެވެ. ތޫނިސްގެ ކުރީގެ ރައީސް ޒައިނުލްއާބިދީން ބިން އަލީގެ ވެރިކަން ރައްޔިތުންގެ އުތުރިއެރުމެއްގައި 2011 ވަނަ އަހަރު ވެއްޓުމާ ގުޅިގެން އެގައުމުގައި ކުރިޔަށްދިޔަ އިންތިގާލީ މަރްޙަލާ ނިމި އާންމު އިންތިޚާބާއި ރިޔާސީ އިންތިޚާބު ބާއްވާފައިވަނީ މިދިޔަ އަހަރު އެވެ. ތޫނިސްގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވައިގެން މިދިޔަ އަހަރުގެ ފަހުކޮޅު އެގައުމުގެ ރައީސްކަމާ ޙަވާލުވެ ވަޑައިގެންފައި ވަނީ ބިން އަލީގެ ވެރިކަމުގައި ޚާރިޖީ ވަޒީރުކަން ކުރައްވާފައިވާ ބޭފުޅެއް ކަމަށްވާ އަލްބާޖީ ގާއިދް އައްސިބްސީ އެވެ. އުމުރުފުޅުން 90 އަހަރުގެ އައްސިބްސީ އަކީ ތޫނިސްގެ އިންތިގާލީ މަރްޙަލާގައި ބޮޑުވަޒީރުކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ. ތޫނިސްގެ އައު ކެބިނެޓްގައި 25 ވަޒީރުން ހިމެނެ އެވެ. (އަލްއަރަބިއްޔާ)