ގާހިރާ (ޖަނަވަރީ3): އަސްކަރީ އިންގިލާބެއްގައި މަގާމުން ދުރުކޮށްފައިވާ މިސްރުގެ ކުރީގެ ރައީސް މުހައްމަދު މުރުސީ ނިސްބަތްވެ ވަޑައިގަންނަވާ އިޚްވާނުލްމުސްލިމޫން ޖަމާއަތުގެ 183 މެންބަރުންނަށް މަރުގެ އަދަބު ދިނުމަށް ޖީޒާގެ ޖިނާއީ ކޯޓުން ޙުކުމްކޮށްފި އެވެ.

އަލްކަރާދިސާގެ ގަޒިއްޔާގެ ނަމުން މަޝްހޫރުވެފައިވާ މިމައްސަލައަކީ 2013 ވަނަ އަހަރު މިސްރުގެ ސިފައިން ޑރ. މުހައްމަދު މުރުސީގެ ވެރިކަމާ ދެކޮޅަށް ގެނައި އަސްކަރީ އިންގިލާބާ ދެކޮޅު ހެދުމުގެ ގޮތުންނާއި މުރުސީ އަލުން އަނބުރައި ވެރިކަމަށް އިޢާދަކުރުމަށް ގޮވާލައި އިޚްވާން ޖަމާއަތުގެ މެންބަރުންނާއި އާންމުންކުރި މުޒާހަރާތަކާ ގުޅިގެން މަރުވި ފުލުހުންގެ 16 މީހުންގެ މަރުގެ މައްސަލަ އެވެ. މި 16 މީހުން މަރުވީ އަސްކަރީ އިންގިލާބާ ދެކޮޅަށް މުޒާހަރާ ކުރި ފަރާތްތަކާ ދެކޮޅަށް ބާރުގެ ބޭނުންކޮށް މުޒާހަރާ ރޫޅާލުމާ އެކު ޖީޒާ ގަވަރނޭޓްގެ އަލްކަރާދިސާ ގައިވާ ފުލުހުންގެ މަރުކަޒަށް މުރުސީއަށް ތާއީދުކުރާ ބަޔަކު ވަދެގަތުމާގުޅިގެން އެކަން ހުއްޓުވުމަށް ފުލުހުން ބާރުގެ ބޭނުންކުރުމުގެ ތެރޭގަ އެވެ.

މި 16 މީހުން މަރުވީ ސަލާމަތީ ބާރުތަކުން ދިން ޙަމަލާތަކެއްގެ ސަބަބުންކަން ނޫނީ ކަރާދިސާ މަރުކަޒަށްވަން މީހުންގެ ސަބަބުންކަން ސާފުނުވާކަމަށް މީޑިޔާ ރިޕޯޓްތައްބުނެ އެވެ. އަލްކަރާދިސާގެ ކުރިމަތިލުންތަކުގައި އެތަނުގައި ހުޅުޖެހުމުގެ އިތުރުން އިޚްވާން ޖަމާއަތުގެ މެންބަރުންގެ ތެރެއިން ވެސް އެތައްބަޔަކު މަރުވެފައިވާ ކަމަށް އެޖަމާއަތުން ބުނެފައިވެ އެވެ. ނަމަވެސް ކޯޓުން އިއްޔެ ނިންމާފައި ވަނީ މި 16 މީހުން މަރުވި އިޚްވާން ޖަމާއަތުގެ މެންބަރުން ގަސްދުގައި ދިން ޙަމަލާތަކެއްގައިކަން ސާބިތުވާ ކަމުގަ އެވެ.

މީގެ އިތުރުން 2013 ވަނަ އަހަރު މުރުސީގެ ވެރިކަން ވައްޓާލުމަށް ފަހު އުފެއްދި މިސްރުގެ އިންގިލާބީ ސަރުކާރާ ދެކޮޅަށް އިޚްވާން ޖަމާއަތާއި މުރުސީއަށް ތާއީދުކުރާ އާންމުން ކުރި މުޒާހަރާތައް މައިތިރި ކުރުމަށް ޓަކައި މިސްރުގެ ސިފައިންނާއި ފުލުހުން ބާރުގެ ބޭނުންކޮށްގެން 3،000 އަށް ވުރެ ގިނަ މީހުން މަރާލާފައިވެ އެވެ. ނަމަވެސް މިކަމާގުޅިގެން މިސްރުގެ ސަލާމަތީ ބާރުތަކަށް ނިސްބަތްވާ އެއްވެސް މީހެއްގެ މައްޗަށް މީހުން މެރުމުގެ ތުހުމަތެއް އަދި ދައްވާއެއް ވެސް މިސްރުގެ ދައުލަތުގެ ޕްރޮސެކިއުޓާ އުފުއްލަވާފައެއް ނުވެ އެވެ. އިޚްވާން ޖަމާއަތުގެ 183 މީހުންނަށް މަރުގެ ޙުކުމް އިއްޔެ އިއްވާފައިވާ އިރު މީގެތެރެއިން ބައެއް މީހުން މިސްރުގެ ސަލާމަތީ ބާރުތަކުގެ ޙަމަލާތަކުގައި މިދިއަހަރު މަރުވެފައިވާ ކަމަށް އެޖަމާއަތުން ބުނެ އެވެ. އަދި މަރުގެ ޙުކުމް އިއްވި ބައެއް މީހުން މިސްރުގައި ދިރިނޫޅޭތީ އެމީހުންގެ މައްޗަށް މަރުގެ ޙުކުމް އިއްވާފައި ވަނީ ޣައިރު ޙާޒިރުގައި ކަމަށް ޚަބަރުތައް ބުނެ އެވެ.

މިދިޔަ އަހަރުވެސް އިޚްވާން ޖަމާއަތުގެ 80 އަށްވުރެ ގިނަ މީހުންގެ މައްޗަށް މިސްރުގެ ކޯޓުތަކުން މަރުގެ ޙުކުމް އިއްވާފައިވެ އެވެ. (އަލްޖަޒީރާ)