ރައްކާތެރި ގޮނޑުދޮށްތަކުގެ ގޮތުގައި ނަން މަޝްހޫރު ވެފައިވާ މި ރާއްޖެ އިން ނުރައްކާތެރި ކިނބޫ ފެނުމަކީ އާކަމެއް ނޫނެވެ. ނަމަވެސް ވޭތުވެ ދިޔަ ކައިރި މާޒީގައި ވެސް އެތައް ކިނބުލެއް ރާއްޖޭގެ އެކި ސަރަހައްދުތަކުން ފެނިފައިވެ އެވެ. ނަމަވެސް އެއީ މާ އާންމުކަމެއް ވެސް ނޫނެވެ. މި ދުވަސްވަރަކީ ކިނބުލުގެ ބިރުވެރިކަން އާންމުންގެ ހިތުގައި އުފެދިފައިވާލެއް ބޮޑު ދުވަސްވަރެކެވެ. މިދިޔަ ހަފްތާގެ ތެރޭގައި ލ. އަތޮޅުން ބޮޑުސިންގާ ކިނބުލެއް ހިފާފައިވާ އިރު ރާއްޖޭގެ އެންމެ އުތުރުގެ އަތޮޅުން ކިނބުލެއް "ފެނިގެއްލޭތާ" ދެތިން ދުވަހެއް މި ވަނީ ވެފަ އެވެ. އެ ހަބަރާއެކު ދިވެހިންގެ ދުލުކުރިއަށް މިހާރު އަންނަނީ ކިނބުގެ ވާހަކަ އެވެ. އެ އަންނަނީ ކޮންތަނަކުން ބާއޭ ކުރެވޭ ބޮޑު ސުވާލެވެ.

އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)ގެ ޑިރެކްޓަރު ޖެނެރަލް އިބްރާހިމް ނައީމް ވިދާޅުވި ގޮތުގައި ރާއްޖެ އަށް ކިނބޫ އަންނަނީ ކޮންމެ އަހަރެއްގެ ވެސް އިރުވާ މޫސުމާ ދިމާކޮށެވެ. އެ މޫސުމާ ދިމާކޮށް "ފާޑުފާޑު" އެއްޗެހި އަންނަ ކަމަށް ބެލެވިފައިވާ ކަމަށް ނައީމް ވިދާޅުވި އެވެ. ނައީމް ވިދާޅުވި ގޮތުގައި ރާއްޖެ އިން ފެނިފައި ވަނީ "ސޯލްޓުވޯޓާ ކޮރޮކޮޑައިލް"ގެ ބާވަތެކެވެ.

އެ ވާހަކަތަކަށް ބާރު ލިބޭ ހެކިތައް އެ ބަހުއްޓެވެ. ދެހާސް އެގާރަ ވަނަ އަހަރުން ފެށިގެން މިއަދާ ހަމައަށް ބަލަމާތޯ އެވެ. ރާއްޖެ އިން މުޅިން ވެސް ކިނބޫ ފެނިފައި ހުރީ އިރުވައި މޫސުން ކަމަށްވާ ޑިސެމްބަރު މަހާއި އޭޕްރީލް މަހާއި ދެމެދުގަ އެވެ. އެގޮތުން 2011 ވަނަ އަހަރު ޖެނުއަރީ މަހު ދެ ކިނބޫ ފެނުނު އިރު ފެބުރުއަރީ މަހު އެއް ކިނބޫ އަދި މާޗް މަހު އެއް ކިނބޫ ފެނިފައިވެ އެވެ. އަދި އެ އަހަރުގެ ޑިސެމްބަރު މަހު ވެސް ވަނީ ކިނބުލެއް ހިފާފަ އެވެ. އެއާ އެކު 2012 ވަނަ އަހަރު ވެސް ކިނބުލެއް ހިފާފައި ވަނީ ޖެނުއަރީ މަހު އެވެ. އަދި 2013 ވަނަ އަހަރު ފެނބްރުއަރީ މަހުގެ ތެރޭގައި ކިނބުލެއް ފެނިފައިވާއިރު މި އަހަރު ތިން ކިނބުލެއްގެ ވެސް ފެނިފައި މި ވަނީ ޖެނުއަރީމަހުގެ ތެރޭގަ އެވެ. އެހެންކަމުން މިއީ އިރުވައި މޫސުމާއި ގުޅުން ހުރި ކަމަކަށް ބެލުމުގެ ފުރުސަތު އެބައޮތެވެ. ނަމަވެސް ތަޖުރިބާކާރުންގެ ބަހަށް ބަލާއިރު ކިނބޫ ރާއްޖޭގައި އާލާވުމުގެ ފުރުސަތު ވެސް އެބައޮތެވެ.

ދުނިޔޭގެ އެހެން ގައުމަކުން ފެނިފައިވާ ކިނބުލެއް--

ތިމާވެށިގެ ތަޖުރިބާ ކާރެއް ކަމަށްވާ މުހައްމަދު ޒާހިރު (މީމު ޒަވިޔަނި) ވިދާޅުވި ގޮތުގައި ރާއްޖޭގައި ކިނބޫ އާލާވުމުގެ ފުރުސަތު އެބައޮތެވެ. އެގޮތުން ބަނޑުބޮޑު ކިނބުލެއް ރާއްޖެ އައިސްފި ނަމަ ރަށަކަށް އަރައި ބިސް އަޅާފާނެ ކަމަށާއި އެއީ ރާއްޖޭގައި ކިނބޫ އާލާވުމަށް އޮތް ފުރުސަތެއް ކަމަށް ވިދާޅުވި އެވެ. ނަމަވެސް އެ ކަހަލަ ނިޝާނެއް އަދި ނުފެންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

"ކިނބުލަކީ ރެޕްޓައިލްސް އާއިލާގެ އެއްޗެއް، އެހެންވީމަ ރަށަކަށް އަރައި ބިސް އަޅައިފި ނަމަ ވެލާ ހެން އާލާވާނެ،" މީމު ޒަވިޔަނި ވިދާޅުވި އެވެ.

ކިނބުލަކީ އިންޑިއާ ލަންކާގައި އުޅޭ އެއްޗަކަށްވާއިރު ރާއްޖެ އާއި އެ ގައުމުތަކުގެ މާހައުލުގެ މާކަ ބޮޑު ތަފާތެއް ނެތުން ވެސް އެއީ ކިނބޫ ރާއްޖޭގައި އާލާވުމަށް އޮތް ފުރުސަތެއް ކަމަށް މީމު ޒަވިޔަނި ވިދާޅުވި އެވެ. ހަމައެހެންމެ އެހެން ފެންނަ ކިނބޫ އެކި ރަށްރަށުގައި ފެންގަނޑުތައް ހަދައިގެން ގެންގުޅުމަކީ ވެސް ކިނބޫގެ އާއިލާ ރާއްޖޭގައި އާންމުވުމަށް އޮތް ފުރުސަތެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ރާއްޖެއަށް އަންނަ ކިނބުލަކީ ކޮންތަނަކުން އަންނަ އެއްޗަކާ މެދި ބޮޑު ބަހުސްއެއް ކުރެވޭއިރު އެވައްތަރުގެ ކިނބުލަކީ އިންޑިއާ އާއި ސައުތު އީސްޓު އޭޝިއާ އާއި އޮސްޓްރޭލިއާ އިން އާންމުކޮށް ފެންނަ ޒާތުގެ ކިނބުލެކެވެ. ތާރީހީ ގޮތުން އެންމެ ގިނައިން އެވައްތަރުގެ ކިނބޫ ފެނިފައި ހުރީ އެފްރިކާ އާއި ޖަޕާނުންނެވެ. އެވައްތަރުގެ ކިނބުލަކީ ވަރަށް ދުރަށް ދަތުރުކުރުމުގެ ގާބިލްކަން ލިބިފައިވާ ކިނބުލެއްކަން ދިރާސާތަކުން ހެކިދެ އެވެ. އެހެންކަމުން ކައިރި ގައުމަކުން ކަނޑުމަގުން މިވައްތަރުގެ ކިނބޫ ރާއްޖެ ސަރަހައްދަށް އައުމަކީ ވުން ވަރަށް ގާތްކަންކަމެވެ.

އޮސްޓްރޭލިއާގެ ކުއީންސްލޭންޑް ޔުނިވާސިޓީގެ ބިހޭވިއޮރަލް އިކޯލޮޖިސްޓެއް ކަމަށްވާ ހޭމިޝް ކެމްޕްބެލް ވިދާޅުވީ އެކިނބުލަކީ ފެތުމަށް "މާ މޮޅު ނޫން" ކިނބުލެއް ކަމުގައި ވިޔަސް ކަނޑުގައި ގިނަ އިރެއް ވަންދެން އޮވެވުމާ ގުޅިގެން އޭތީގެ ފައިދާއަކަށް ކަނޑުގެ އޮއިވަރު ބޭނުން ކުރަނީ ކަމަށެވެ.

"މި ކިނބުލަކީ ފަތަން މާ މޮޅު އެއްޗެއް ނޫން. އެހެން ކަމުން ފަތާފައި ބޮޑެތި ތަންތަނެއް އޭއްޗެއް ހުރަހެއް ނުކުރާނެ. އެކަމު އޭއްޗަކީ ކަނޑުގައި ގިނަ އިރު އޮވެވޭ އެއްޗެއް. އެހެން ކަމުން ކަނޑުގެ އޮއިވަރުގެ އެހީގައި އޭތި ދިގު ރާސްތާތައް ހުރަސް ކުރާނެ،" އޭނާ ވިދާޅުވި އެވެ.
ލ. އަތޮޅުން ފެނުނު ކިނބޫ-- ސަން ފައިލް ފޮޓޯ

ރާއްޖެއިން މި ފެންނަ ސޯލްޓު ވޯޓާ ކޮރޮކޮޑެއިލް ނުވަތަ "ކޮރޮކޮޑައިލަސް ޕޯރޯސަސް" ވައްތަރުގެ ކިނބުލަކީ އިންސާނުންނަށް އެންމެ ނުރައްކާތެރި ވައްތަރުގެ ކިނބުލެވެ. އޮސްޓްރޭލިއާގެ މިީހުން މި އަށް ކިޔާ އުޅެނީ "ސޯލްޓީ" އެވެ. އެއީ އެންމެ ގިނައިން އިންސާނުން ކައި ހަމަލާދޭ ވައްތަރުގެ ކިނބުލެވެ. އެ ކިނބޫ މިޔަރާއި ކަނޑު ގެރި ފަދަ ތަކެއްޗަށް ވެސް ހަމަލާދީ ކައި ހަދަ އެވެ. އެހެންކަމުން މިއީ އިންސާނުންނަށް އެންމެ ނުރައްކާތެރި ކިނބުލެވެ.

އެ ވައްތަރު ކިނބުލަކީ 22 ފޫޓަށް ދިގުވާ އެއްޗެކެވެ. އަދި 400 އާއި 1000 ކިލޯއަށް ބަރު ވެސް ވާ ކިނބުލުގެ ވައްތަރެކެވެ. އެ ވައްތަރު ކިނބޫ ގިނައިން އުޅެނީ ޗަކަ ނުވަތަ ކުޅި ފަދަ ކަހަލަ ތަންތަނުގަ އެވެ. އެންމެ މޮޅަށް ކަނޑުގައި ދަތުރު ކުރާ ވައްތަރު ކިނބުލަކީ ވެސް އެއީ އެވެ. އެ ވައްތަރުގެ ކިނބޫ ހަމަލާދޭ އިރު ގަޑިޔައަކު 24 – 29 ކިލޯ މޯޓަރުގެ ބާރު މިނެއްގައި ދުވާނެ އެވެ. އާންމުކޮށް ދަތުރުކުރަނީ 3.2 – 4.8 ކިލޯމީޓަރަށެވެ. އެ ބާވަތުގެ ކިނބުލަށް ބަލާއިރު އާންމުކޮށް ކައިހަދައި އުޅެނީ،، އޭރަކު ފެންނަން އޮތް މަސް ހުރި ކޮންމެއެއްޗެކެވެ.

އެންމެންވެސް ކިނބޫދެކެ ބިރުގަނެ އެވެ. ހއ. އަތޮޅާއި އަތޮޅުތެރޭ އެހެން ރަށްތަކުގައި ވެސް މޫދަށް ގާތްވާން ނުކުރޭ އެތައް ބަޔަކު ތިބޭނެކަން ޔަގީނެވެ. ކިނބޫ ކާލަ ފާނެތީ އެވެ. ނޫނީ ހަމަލާދީފާނެތީ އެވެ. ހަގީގަތުގައި ވެސް އެއީ ރައްކާތެރި ފިޔަވަޅު އެޅުން ވަރަށް މުހިންމު ކަމެކެވެ. ސަބަބަކީ ރާއްޖެއިން މި ފެންނަ ޒާތުގެ ކިނބުލަކީ އެންމެ ގިނައިން އިންސާނުންނަށް ހަމަލާދޭ ވައްތަރުގެ ކިނބުލައްވުމާއި ނުރައްކާތެރިކޮށް ހަމަލާދޭ ކިނބުލަކަށްވުމެވެ. އެގޮތުން މިޒާތުގެ ކިނބުލަކީ ވަރަށް ބޮޑަށް ފާރަވެރިވެ ކުއްލިއަކަށް ހަމަލާދޭ ކިނބުލެކެވެ. ކުއްލި ހަމަލާއާ އެކު އެމީހެއް މޫދަށް ގެންދަން މިވައްތަރުގެ ކިނބޫ މަސައްކަތްކުރެ އެވެ. ކާލާނީ މޫދަށް ގެންގޮސް ގަންބާފަ އެވެ.

މިހާނުރައްކާތެރި އެއްޗެއް ފެންނަ ނަމަ ރައްކާތެރި ފިޔަވަޅު އެޅުން ވަރަށް މުހިންމެވެ. ހާއްސަކޮށް ކިނބޫ ފެނިގެއްލޭ ސަރަހައްދުގެ ރަށްތަކުންނެވެ. އެގޮތުން ގޮނޑުދޮށްތަކާއި ހޭޅީފަށުގައި ހަރަކާތްތެރިވާ ނަމަ ހާއްސަ ސަމާލުކަމެއް ދޭންވާނެ އެވެ. ހަމައެހެންމެ އެފަދަ ސަރަހައްދުތަކަށް ކުޑަކުދިން ފޮނުވާއިރު ބޮޑު ސަމާލުކަމެއްދީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަންވާނެ އެވެ. ސައިންސްވެރިންގެ ހޯދުންތަކުން ހާމަކޮށްފައިވާ ބައެއް ކަންކަމަށް ބަލާއިރު ކިނބުލުގެ ހަމަލާއިން ސަލާމަތްވެވޭނެ ގޮތްތަކެއް އެބަހުއްޓެވެ. ކިނބުލެއްގެ އެންމެ ނާޒުކު އެއް ތަނަކީ އޭތީގެ ލޮލެވެ. އެހެން ކަމުން އަތުގައި އޮތް އެއްޗަކުން އޭތީގެ ލޮލުގައި ޖެހުން ނުވަތަ ވަރުގަދަ އެއްޗަކުން އޭތީގެ ނޭފަތުގައި ޖެހުމުން އޭތި އިންސާނާ ދޫކޮށްލާނެ އެވެ.

ކިނބުލުގެ ބިރުވެރިކަން އިންތިހާއަށް ބޮޑުވެފައިވާއިރު އެންމެންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ހއ. އަތޮޅުން ދެ ފަހަރެއްގެ މަތިން ކިނބުލުގެ ހަބަރެއްވެ އެ ފެނިފައި ނުވާތީ އެވެ. އެއް ކިނބޫ ހޯރަފުށީ ކައިރިން ފެނުނުއިރު ދެން ކިނބޫ ފެނިފައި ވަނީ އެ އަތޮޅު ފިއްލަދޫ އިންނެވެ. ނަމަވެސް އެ ކިނބޫތައް އަތުވާގޮތެއްނުވެ އެވެ. އަދި ދެ ސަރަހައްދުން ފެނުނީ އެއް ކިނބޫ ކަމެއް ނުވަތަ ދެ ކިނބުލެއް ކަމެއް ކިނބޫ އައިނެއް އުޅެނީ ކަމެއް މިއިގެން އެއްވެސް ކަމެއް އަދި ސާފެއްނުވެ އެވެ.
އެހެން ގައުމެއްގައި ކިނބުލެއް ހަމަލާދޭ މަންޒަރު--

ފިއްލަދޫ ކައުންސިލު އިދާރާގެ އެޑްމިނިސްޓްރޭޓިވް އޮފިސަރު އަބްދުﷲ އިހުވާނު ވިދާޅުވާ ގޮތުގައި ފިއްލަދޫ ކައިރިން އިއްޔެ ފެނުނީ އިއްޔެ ހޯރަފުށި ކައިރިން ފެނުނު ކިނބޫ ނޫން ކަމަށާއި މިއަދު ފިއްލަދޫން ކިނބޫ ފެނުނު ވަގުތު، ހޯރަފުށި ކައިރިން ފެނުނު ކިނބޫ ހިފަން މަހަށް ދިޔަ ބަޔަކު އުޅުނު ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.

އެމްއެންޑީއެފް އިންފޮމޭޝަން އޮފިސަރު މޭޖަރު އަދުނާން މުޙައްމަދު ވިދާޅުވި ގޮތުގައި ކިނބޫ ފެންނަމުންދާތީ ރައްޔިތުންގެ ސަމާލު ކަމަށް އެކަން ގެނެސް މޫދަށް އެރި އުޅުމުގައި ސަމާލުވުމަށް ރައްޔިތުންނަށް އަންގަމުން ދެއެވެ. ހަމައެހެންމެ ކިނބޫ ހޯދޭތޯ އެ ސަރަހައްދުގެ ރަށްތައް ބަލަމުން އަންނަ ކަމަށް ވިދާޅުވި އެވެ.

"ފަޅުރަށްތައް ބޮޑަށް ބަލަމުން ދަނީ، މީހުން އުޅޭ ރަށަކުން އަލާމަތެއް ފެނިއްޖެއްޔާ އެނގޭނެތާ، އެހެންވެ ބޮޑަށް ފަޅުރައްތައް ޗެކްކުރަމުންދަނީ، އިއްޔެ ވެސް އެ މަސައްކަތް ކުރަމުންދަނީ،" އަދުނާން ވިދާޅުވި އެވެ.

ފަހަކަށް އައިސް ގިނަ އަދަދަކަށް ކިނބޫ ފެންނަ ނަމަ މިއީ ކަންބޮޑުވުމެއް ހިމެނޭ ކަމެކެވެ. އެއީ ހަމައެކަނި ނަފްސާނީ ބިރުވެރިކަމެއް އެކަންޔެއް ނޫނެވެ. މާލީ ވެސް ގޮންޖެހުމެކެވެ. މީމުޒަވިޔަނި ވިދާޅުވާ ގޮތުގައި ރާއްޖޭގައި ކިނބޫ އާލާވުމަކީ ރާއްޖެއަށްއޮތް ގޮންޖެހުމެކެވެ. އެގޮތުން ކިނބޫ ފަދަ ޖަނަވާރުތައް ރާއްޖެ އިން އާލާނުވާނެ އުސޫލުތަކެއް ނެތުމާއި އެފަދަ ތަކެތި އެހެން ގައުމުތަކަށް ފޮނުވުމުގެ ހަރަދުތަކަކީ ރާއްޖެ ފަދަ ކުދި ގައުމަކަށް އޮތް ގޮންޖެހުމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"މިސާލަކަށް ބަލަމާ އެފަދަ ތަކެތި އުފުލަން މިޖެހެނީ އަސްކަރީ ވެހިކަލްތަކުގައި، ބޮޑެތި މަނަވަރުތަކުގައި އާންމުކޮށް އުފުލާއިރު މަނަވަރަށް ގެންދަނީ ހެލިކޮޕްޓަރުތަކުގަ،" މީމުޒަވިޔަނި ވިދާޅުވި އެވެ.

އެނގޭހާ އެއްޗަކީ ރާއްޖެއިން ފަހަކަށް އައިސް ކިނބޫ ފެންނަލެއް އިތުރުކަމެވެ. މިހާތަނަށް މުޅިން ވެސް ފެންނަނީ ކިނބުލެއް ފެންނައިރަށް ސިފައިން އެކިނބުލެއް ހިފައި ކޮންމެވެސް ކޮޢްޓަކަށް ލާ ކަމެވެ. ނަމަވެސް މިއީ މިއަށްވުރެ ފުޅާކޮށް ވިސްނަންޖެހޭ ކަމެކެވެ. ކިނބޫ ރާއްޖޭގައި އާލާވަނީތޯ ބަލަންޖެހެ އެވެ. އެފަދަ ނިޝާންތަކަށް ބަލައި ފިޔަވަޅުތައް އަޅަންޖެހެ އެވެ. އެހެން ނޫންނަމަ ވެލާ ކަނހަބު ހެން، ނުރައްކާތެރި ކިނބޫ ގިނަ ވުމަކީ ދުރުގައިއޮތްކަމެއް ނޫނެވެ.