ހދ. ކުޅުދުއްފުށީ ކުނިގޮނޑުން އިއްޔެ ފެނުނު ބަނގުރާ ހުސްކުރި ފުޅިތަކަކާއި ބިޔަރު ދަޅުތަކަކީ އެ ސަރަހައްދުގައި އޮތް ސަފާރީ އަކުން އުކާލާފައިވާ އެއްޗެހި ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން މިއަދު ބުނީ ބަނގުރާ ހުސްކުރި ފުޅިތަކާއި ބިޔަރު، ހުސްދަޅުތަކަކީ އެ ސަރަހައްދުގައި އޮތް "އަންބާ" ނަމަކަށް ސަފާރީ އަކުން އުކައިލި ތަކެތި ކަމަށް އެ ސަފާރީން ބުނެފައިވާ ކަމަށެވެ.

ބަނގުރާ ހުސްކޮށްފައި ހުރި ފުޅިތަކަކާއި ދަޅުތަކެއް ކުޅުއްދުއްފުށީ ކުނިގޮނޑުން ފެނުނީ އިއްޔެ އިރުއޮއްސުނު ވަގުތެވެ. ނަމަވެސް އެއީ ކިތައް ފުޅި ކަމެއް ފުލުހުން ނުބުންޏެވެ.

ގިނަ އަދަދެއްގެ ރާ ހުސްކުރި ފުޅިތަކަކާއި ބިޔަރު ދަޅުތަކެއް ކުޅުދުއްފުށީ ކުނިގޮނޑަށް އުކާލާފައި ހުއްޓާ ފެނުނު ވާހަކަ ޓީވީ ޗެނަލް "ދިޓީވީ" އާއި ރޭޑިއޯ، "ދިއެފްއެމް" އިން ގެނެސްދިނީ ހަގީގަތާ ޚިލާފަށް ކަމަށާއި ފުލުހުން ވެސް އެ މަޢުލޫމާތު އާންމުކޮށްފައިވަނީ ހަގީގަތާ ޚިލާފަށް ކަމަށް ބުނެ މިއަދު ހަވީރު ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަން ކުރިމަތީ އެ ރަށު ބަޔަކުގެ މުޒާހަރާއެއް ވެސް ކުރި އެވެ.