އުތުރުގައި މަސް ގަންނަ ސެންޓަރު "ކީކިމިނި" ހުޅިވިގެން ދިޔައީ އެ ރަށުގެ ވެރިޔާ އަދި މަޝްހޫރު ވިޔަފާރި ވެރިޔާ ގާސިމް އިބްރާހިމްގެ މަސައްކަތުން ނޫން ކަމަށާއި އެތަން ހުޅުވިގެން ދިޔައީ ސަރުކާރުގެ ސިޔާސަތުގެ ހަރުދަނާވުމުން ކަމަށް ފިޝަރީޒް މިނިސްޓަރު މުހައްމަދު ޝައިނީ ވިދާޅުވެއްޖެ އެވެ.

"ސަން"އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ޝައިނީ ވިދާޅުވީ ސަރުކާރު ވެރިކަމަށް އައުމަށްފަހު ކީކިމިނިގައި މަސް ގަންނަ ސެންޓަރެއް އެޅުމުގެ ގޮތުން މުއްދަތެއް ދިން ކަމަށެވެ. އަދި ހަމައެއާއެކު އެ މުއްދަތު އިތުރުކޮށް ދިނުމަށް އެދި ކީކިމިނިން މިނިސްޓްރީގައި އެދުނު ކަމަށް ޝައިނީ ވިދާޅުވި އެވެ.

"އަޅުގަނޑަށް ރިކުއެސްޓު ވެސް ކުރި އެއަށްވުރެއް މުއްދަތު އިތުރު ކުުރުމަށް ވެސް. ނަމަވެސް އަޅުގަނޑު ދެންނެވިން މިހާރު 10 އަހަރު ވެގެން ދިއުމުން ރައްޔިތުންނެއް ގަބޫލެއް ނުކުރެއޭ ރައްޔިތުންނަކަށް އަޅުގަނޑަކަށް ޖަވާބުދާރީއެއް ނުވެވޭނޭ އިތުރަކަށް މުއްދަތު ދޭ ކަށެއް،" ޝައިނީ ވިދާޅުވި އެވެ.

ޝައިނީ ވިދާޅުވީ ރާއްޖޭގެ އުތުރުގައި މަސްވެރިކަން "މިހާތަނަށް" ތަރައްގީ ނުވެ ގޮސްފައިވާ އެއް ސަބަބަކީ ކީކިމިނިގައި މަސްވެރިންނަށް ދޭންޖެހޭ ރަނގަޅު ހިދުމަތެއް ނުދެވުން ކަމަށެވެ.

"އުތުރުގައި މަސްވެރިކަން ދަށް ވެގެން ދިޔަ ސަބަބުތަކުގެ ތެރޭގައި އެއް ސަބަބެއް އިނގޭތޯ މިއީ ކީކިމީނިގައި އެ ސާވިސްދޭނެ ތަނެއް ނެތުމަކީ. އެތާނގައި އިގްތިސާދު ސްޓިއުމިލޭޓު ކުރެވޭނެ (ކުރިއަރޭނެ) ގޮތެއް އޮންނަންޖެހޭ. އެހެންވީމަ މަސް ބަނދަރެއް އެތާ ނެތި އެކަމެއް ނުކުރެވޭނެ،" ޝައިނީ ވިދާޅުވި އެވެ.

މިނިސްޓަރު ޝައިނީ ވިދާޅުވީ ކީކިމިނީ އަކީ މީގެ އެތައް އަހަރެއް ކުރިން މަސްވެރިން ބާނާ މަސް ގަތުމުގެ ގޮތުން މަސް ބަނދަރެއް އެ ރަށުގައި ހެދުމަށް ދީފައިވާ ރަށެއް ކަމަށެވެ. އެހެންނަމަވެސް 10 އަހަރު ވެގެން ދިޔައިރުވެސް އެ ރަށުގައި އެއްވެސް މަސައްކަތެއް ކޮށްފައި ނުވާ ކަމަށާއި މިއަދުގެ ސަރުކާރުން އެ ރަށުގެ ވެރިންނަށް ޕްރެޝަރު ކޮށް މިހާރު އެރަށަކީ މަސްވެރިންނަށް އެ ހިދުމަތް ދެވޭ ތަނަކަށް ވެފައިވާ ކަމަށެވެ.

"މިސާލަކަށް މިދިޔަ ދިހަ އަހަރު ކީކިމިނި ނުހުޅިވިގެން ދިޔައީ. އޮންނަ އުސޫލަކުން އަޅުގަނޑުމެން ކަންކަން ކުރާނަން. ނަގަން ޖެހިއްޖެ ރަށެއް ނަގާނަން. މަސައްކަތް ނުކޮށްފިއްޔާ ރަށްތައް ނެގޭނެ. މަސް ބަނދަރުތައް ވެސް ނެގޭނެ އެ ބަނދަރުތައް ހުންނަ ގޮތަށް ނުހުންނަންޏާ،" ޝައިނީ ވިދާޅުވި އެވެ.

ޝައިނީ ވިދާޅުވީ ކީކިމިނީގެ މަސައްކަތަކީ ވެސް "ސަރުކާރުގެ ވިސްނުމުގައި ސަރުކާރުން ކުރާ ކަންތައްތައް،" ކަމަށެވެ. އަދި އެ މަސައްކަތްތައް ސަރުކާރުން ކުރަން ބޭނުންވަނީ އަމިއްލަ ފަރާތްތައް ނުވަތަ އަމިއްލަ ކުންފުނިތައް މެދުވެރި ވެގެން ކަމަށް ޝައިނީ ވިދާޅުވި އެވެ.

މިނިސްޓަރު ޝައިނީ ވިދާޅުވީ ސަރުކާރުގެ އުއްމީދަކީ ކޫއްޑޫ ފަދަ ތަނަކަށް ކީކިމިނީ ވެސް ތަރައްގީވެ މަސްވެރިންނަށް ރަނގަޅު ހިދުމަތެއް ލިބިގެން ދިއުން ކަމަށެވެ.