02 Feb 2015, 20:13
ޖުމްހޫރީ ޕާޓީ (ޖޭޕީ) އާއި ޕީޕީއެމާ ދެމެދު ވެފައިވާ އެއްބަސްވުން އުވާލައި އެއްބަސްވުން ނިމުމަކަށް ގެނެސްފައި ވަނީ ޖޭޕީން ކަމަށް ޕީޕީއެމުން ބުނެފި އެވެ.
ޕީޕީއެމްއާ ޖޭޕީއާ ދެމެދު ވެފައިވާ އެއްބަސްވުން އުވާލާފައިވާ ގޮތާއި ގުޅޭ ގޮތުން ބައެއް މީޑިއާތަކުން ޕީޕީއެމްއާ އަދި އެ ޕާޓީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް ފާޑުކިއާފައި ވާތީ އެކަން ކުށްވެރިކޮށް ޕީޕީއެމުން ނެރުނު ބަޔާނެއްގައި ބުނީ 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމަށް ވާދަކުރުމުގައި ޖޭޕީއާ ޕީޕީއެމާ ދެމެދު ހިޔާލު ތަފާތުވުންތަކެއް އުފެދުނު ހިސާބުން ފެށިގެން އެކަން ހައްލުކޮށް ދެ ޕާޓީގެ ހިޔާލު ތަފާތުވުންތައް ނައްތާލުމަށް ޕީޕީއެމުން މަސައްކަތްކޮށްފައި ވާނެ ކަމަށެވެ.
ނަމަވެސް މަޝްވަރާ ކުރުމަށް ޖޭޕީގެ ފަރާތުން އެއްވެސް ވަރަކަށް އެއްބާރުލުމެއް ލިބިފައި ނުވާ ކަމަށް ޕީޕީއެމުން ބުންޏެވެ. ޕީޕީއެމްގެ ބަޔާނުގައި ބުނެފައި ވަނީ ހިޔާލުތަފާތުވުމުގެ ތެރޭގައި ޖޭޕީ ވަނީ ދެ ޕާޓީގެ ދެމެދު ވެފައިވާ އެއްބަސްވުމަށް އިހުތިރާމް ކުރުމެއް ނެތި އެއްބަސްވުމުގެ ރޫހާ ހިލާފަށް ސަރުކާރާ އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ތާއީދާއެކު މަޖިލީހުގެ ރައީސްކަން ހޯދުމަށް ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި މަސައްކަތް ކޮށްފައިވާ ކަމަށެވެ.
"އެއްބަސްވުމައި ހިލާފަށް ޖުމްހޫރީ ޕާޓީން އަމަލު ކުރަމުން ގެންދާތީ އެކަން ހައްލުކުރުމަށް މި ޕާޓީން ކުރި މަސައްކަތަށް ޖުމްހޫރީ ޕާޓީގެ އެއްބާރުލުން ލިބޭ ގޮތް ނުވުމުން 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމަށް ޖުމްހޫރީ ޕާޓީން ވާދަކޮށްފިނަމަ އެ ޕާޓީއާއެކު ޕީޕީއެމްއިން ވެފައިވާ އެއްބަސްވުން ޖުމްހޫރީ ޕާޓީން ރޫޅާލި ކަމަށް ބަލައި އެއްބަސްވުން ބާތިލް ކުރެވޭނެ ކަމަށް މި ޕާޓީގެ ކައުންސިލުން ނިންމައި އެކަން މީޑިއާ މެދުވެރިކޮށް ވާނީ އަންގާފައިއެވެ،" ޕީޕީއެމްގެ ބަޔާނުގައިވެ އެވެ.
މަޖިލީހުގެ ރައީސް ކަމަށް ގާސިމް ކުރިމަތިލައްވައިފިނަމަ ޖޭޕީއާއެކު ޕީޕީއެމުން ހަދާފައިވާ ކޯލިޝަންގެ އެއްބަސްވުން ނިމުމަކަށް އަންނާނެ ކަމަށް ޕީޕީއެމް ކައުންސިލުން ފާސްކޮށްފައި ވަނީ މެއި، 27، 2014 ވަނަ ދުވަހު އެވެ. ޖެހިގެން އައި ދުވަހު ބޭއްވި އާ މަޖިލީހުގެ ފުރަތަމަ ޖަލްސާގައި މަޖިލީހުގެ ރައީސް ކަމަށް ގާސިމް ކުރިމަތިލެއްވުމުން ކޯލިޝަން ރޫޅުނީ ކަމަށް ބެލި އެވެ. އޭގެ ހަތް މަސް ފަހުން މި މަހުގެ 24، ވަނަ ދުވަހު ބޭއްވި ޖޭޕީގެ ކައުންސިލުން ފާސްކުރީ ސަރުކާރު ކޯލިޝަނުން ޖޭޕީ ރަސްމީކޮށް ވަކިވުމަށެވެ.
ޖޭޕީ އާއި އެމްޑީއޭ އަދި ޕީޕީއެމް ކޯލިޝަނުން ރިޔާސީ އިންތިހާބު 51 ޕަސެންޓް ވޯޓާއެކު ކާމިޔާބުކޮށް، ރައީސް އަބްދުﷲ ޔާމީނަށް ވެރިކަން ލިބިވަޑައިގެންނެވުމުން ޖޭޕީގެ ހަތަރު ބޭފުޅުން މިނިސްޓަރުކަމަށް ލެއްވި އެވެ. އެއީ ޓްރާސްޕޯޓް މިނިސްޓްރީ އާއި ހޯމް މިނިސްޓްރީ އާއި އެންވަޔަރަމަންޓް މިނިސްޓްރީ އާއި އިކޮނަމިކް މިނިސްޓްރީ އެވެ.
އިކޮނަމިކް މިނިސްޓަރު މުހައްމަދު ސައީދާއި އެންވަޔަރަމަންޓް މިނިސްޓަރު ތާރިގު އިބްރާހިމް މިހާރު ވަނީ ޕީޕީއެމަށް ސޮއި ކުރައްވާފަ އެވެ. ޓްރާސްޕޯޓް މިނިސްޓަރުގެ މަގާމުން އަމީން އިބްރާހިމް ވަނީ ވަކިކުރައްވާފަ އެވެ. ހޯމް މިނިސްޓަރު އުމަރު ނަސީރު އެއްވެސް ޕާޓީއަކަށް އަދި ސޮއެއް ނުކުރައްވަ އެވެ.