02 Feb 2015, 17:34
ހއ. ބާރަށު އިންޖީނުގޭގެ ޖަނަރޭޓަރަށް މައްސަލަ ޖެހި ރަށުން އިރު އިރުކޮޅާ ކަރަންޓު ކެނޑެމުންދާ ކަމަށް އެ ރަށު ކައުންސިލުން ބުނެފި އެވެ.
ބާރަށު ކައުންސިލްގެ ރައީސް މުހައްމަދު އަބްދުލް ހަކީމް ވިދާޅުވީ ބާރަށުގައި ފެނަކައިން ހިންގަމުން އަންނަ އިންޖީނުގޭގައި ބަހައްޓާފައި ހުރި ޖަނަރޭޓަރުގެ "ރޭޑިއޭޓަރަށް" މައްސަލަ ޖެހި އެ ރަށުން އިރު އިރުކޮޅާ ކަރަންޓު ކެނޑޭތާ ހަފްތާއެއް ވެފައިވާ ކަމަށެވެ.
"ގާތްގަނޑަކަށް ހަފްތާއެއް ވެއްޖެ ކަރަންޓް ކެނޑޭތާ. ހަމަ ކަރަންޓު އައިއްސަ ދަނީ. މިއަދު ވެސް ތިނެއް ޖެހި އިރު ކަރަންޓު ކެނޑުނު ގޮތަށް އަދި ކަރަންޓު ނުލިބޭ،" ބާރަށު ކައުންސިލްގެ ރައީސް ވިދާޅުވި އެވެ.
މުހައްމަދު އަބްދުލް ހަކީމް ވިދާޅުވީ އެ ރަށު އިންޖީނުގޭގައި ޖުމްލަ ތިން ޖަނަރޭޓެރު ހުންނަ ކަމަށެވެ. އެއީ 120 ކިލޯވޯޓުގެ ޖަނަރޭޓަރަކާއި 80 ކިލޯވޯޓުގެ ޖަނަރޭޓަރަކާއި "24 ގަޑިއިރު ކަރަންޓު ޔަގީން" މަޝްރޫގެ ދަށުން ލިބުނު 200 ކިލޯވޯޓްގެ ޖަނަރޭޓަރެއް ކަމަށެވެ. ނަމަވެސް ކުރިން ހުރި ދެ ޖަނަރޭޓަރަށް މައްސަލަ ޖެހި ހައްލު ނުކުރެވިފައިވާ އިރު، ފަހުން ލިބުނު 200 ކިލޯވޯޓުގެ ޖަނަރޭޓަރަށް މިހާރު މައްސަލަ ޖެހިފައިވާ ކަމަށެވެ.
"މިއަދު މިހާރު މި އޮތީ ކަރަންޓު ކެނޑިފައި. އިއްޔެ ވެސް އިރުއޮއްސި 6:30 ހާއިރު ކަރަންޓު ކެނޑުނު ގޮތަށް އަލުން ކަރަންޓު ލިބުނީ ރޭ 11:00 ހާއިރު. އަޅުގަނޑުމެން ބާރަށުގައި ހުންނަ ފެނަކަ އިދާރާގެ މުއައްޒަފުންނާ ވާހަކަ ދައްކައިފިން. އެބޭފުޅުން ވިދާޅު ވަނީ ހައްލުކުރަން މަސައްކަތް ކުރާ ކަމަށް،" ބާރަށު ކައުންސިލްގެ ރައީސް ވިދާޅުވި އެވެ.
އިރުއިރުކޮޅާ ކަރަންޓު ކެނޑުމުގެ ސަބަބުން ސްކޫލްގައި ކިޔަވައިދިނުމަށާއި ގޭގޭގައި ކުދިންގެ ކިޔެވުމަށް ދަތިކަން ކުރިމަތިވަމުން އަންނަ ކަމަށާއި އެކަމުގެ ސަބަބުން ރައްޔިތުންގެ ޝަކުވާ ކައުންސިލަށް ހުށަހަޅާކަމަށް ބާރަށު ކައުންސިލުން ބުންޏެވެ.
އެ މައްސަލާގައި ފެނަކަ ކޯޕަރޭޝަންގެ ބަހެއް ހޯދުމަށް އެ ކުންފުނީގެ މީޑިއާ އޮފިޝަލަށް ތަކުރާރުކޮށް ގުޅުމުން ވެސް ފޯނަށް ޖަވާބު ނުދެއްވާތީ ފެނަކައިގެ ބަހެއް ވަނީ ލިބޭގޮތް ނުވެފަ އެވެ.