އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް)ގެ ކުރީގެ ވެރިޔާ ޑޮމިނިކް ސްޓްރައުސްޚާންގެ މައްޗަށް ކޮށްފައިވާ ޖިންސީ ކުށްތަކުގެ ދައުވާތަކުގެ ޝަރީއަތް ފްރާންސްގައި ފަށަން ތައްޔާރުވެއްޖެ އެވެ.

ފޮކްސް ނިއުސް ބުނީ ސްޓްރައުސްޚާނާއި އޭނާގެ ބައެއް އެހީތެރިންގެ ޝަރީއަތް ކުރުމަށް ހަމަޖެހިފައި ވަނީ ފްރާންސާއި ބެލްޖިއަމް ގުޅޭ ސަރަހައްދީ ރޮނގުގެ ކައިރީގައިވާ ލިލޭ ނަމަކަށް ކިޔާ ރަށެއްގައި ކަމަށެވެ. އަދި ބުނީ ތިން ހަފުތާއަށް ދެމިގެންދާ ޝަރީއަތުގައި ސްޓްރައުސްހާން ބަޔާންދޭން ހަމަޖެހިފައި ވަނީ މިމަހުގެ 10 ވަނަ ދުވަހު ކަމަށެވެ.

ފްރާންސްގެ ރައީސްކަމަށް ވާދަކުރައްވަން ތައްޔާރުވަމުން އައި ސްޓްރައުސްޚާންގެ މައްޗަށް ފުރަތަމަ އުފުލި ދައުވާއަކީ ނިއުޔޯކްގެ ހޮޓަލެއްގައި މަސައްކަތް ކުރަމުން ދިޔަ އަންހެނަކަށް ޖިންސީ ގޮތުން ގޯނާ ކުރިކަމުގެ ދައުވާ އެވެ. ނަމަވެސް ލަގްޒަރީ ހޮޓާތަކުގައި ހިދުމަތްދޭ ހަށިވިއްކާ ގްރޫޕްތަކެއް ހިންގިކަމުގެ ތުހުމަތު ވެސް ފަހުން އޭނާއަށް ވަނީ ކޮށްފަ އެވެ.

އެ މައްސަލަތަކުގައި ޚާން އާއި އޭނާގެ އެކުވެރި ބައެއް ވިޔަފާރިވެރިންނާ ދެކޮޅަށް ތަހުގީގު ހިންގާ ފަރާތުން ވަނީ ހަށިވިއްކާ މީހުން ދިން އެތައް ސަތޭކަ ސަފުހާއެއްގެ ހެކިބަސް އެއްކޮށްފަ އެވެ.

ބައެއް އަންހެނުންނާ ގުޅުން ހިންގެވި ކަމަށް ޚާން ވަނީ އެއްބަސްވެފަ އެވެ. ނަމަވެސް އެ މީހުންނަކީ ހަށިވިއްކާ މީހުންކަން ނޭނގޭ ކަމަށް ވެސް އޭނާ ވަނީ ތަހުގީގުގައި ބުނެފަ އެވެ. ޚާންގެ މައްޗަށް ކޮށްފައިވާ ދައުވާތައް ސާބިތުވެއްޖެ ނަމަ އޭނާއަށް 10 އަހަރު ދުވަހުގެ ޖަލު ހުކުމެއް އަންނާނެ އެވެ.