02 Feb 2015, 17:08
ދުއްވާ އުޅަނދުތަކަށް ނުވަދެވޭ ގޮތަށް މި މަހުގެ 15 ވަނަ ދުވަހުން ފެށިގެން މާލޭގެ ބައެއް މަގުތައް ބަންދު ކުރާ ގޮތަށް ހައުސިން މިނިސްޓްރީން ހަމަޖައްސައިފި އެވެ.
ހައުސިން މިނިސްޓްރީގައި މިއަދު ހަވީރު ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ދުއްވާ އެއްޗެއްސަށް ނުވަދެވޭ ގޮތަށް ބައެއް މަގުތައް ބަންދު ކުރަން ނިންމީ ރައްޔިތުންނަށް ހިތް ފަސޭހަ ތަނަކަށް މާލެ ހެދުމުގެ ބޭނުމުގައި ކަމަށެވެ.
"މި ކަމަކީ ވަރަށް މުހިއްމު ކަމެއް ދީގެން އަޅުގަނޑުމެން ކުރިއަށް ގެންދާ މަޝްރޫއުއެއް. ދެން މިކަމުގެ އަޖުމަ ބެލުމުގެ ގޮތުން ކުރިއަށް ގެންދާނެ ދެތިން ހަތަރު ސަރަހައްދެއް އަޅުގަނޑުމެން ވާނީ ފާހަގަކުރެވިފައި،" މުއިއްޒު ވިދާޅުވި އެވެ.

ހައުސިން މިނިސްޓްރީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން: ސަން ފޮޓޯ / ޔޫސުފް ސޮފްވާން
މުއިއްޒު ވިދާޅުވީ މާލޭގެ ބައެއް މަގުތައް އޭގެ ޒާތުގައި ވެސް ހަނިކަމުން ހަތަރު އުޅަނދުލީ ދުއްވާ އެއްޗެއްސަށް ވަނުމުގެ ދައްޗާ ކުރިމަތިލާން ޖެހޭ ކަމަށެވެ. އެހެންކަމުން އެ ސަރަހައްދުތައް މިހާރު ހައުސިން މިނިސްޓްރީ އިން ބަލާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. މުއިއްޒު ވިދާޅުވީ ބަންދު ކުރާ މަގުތަކުގައި ހުންނަ ޕާކިން ޒޯންތަކުގެ ބަދަލުގައި "ހާއްސަ ޕާކިން ޒޯންތަކެއް" ކަނޑައަޅާނެ ކަމަށެވެ.
"އެހެން ޒޯންތަކުގައި ޕާކް ނުކުރެވޭ ގޮތަށް މި ނިންމަނީ. އަދި ޕާމިޓު ހޯލްޑާއެއް އައިޑެންޓިފައި ކުރެވޭނެ ފަދަ ނިޒާމެއް ވެސް އަޅުގަނޑުމެން ގާއިމްކުރާނަން،" މުއިއްޒު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މުސްތަގުބަލުތައި މި މަޝްރޫއު އިތުރަށް ތަރައްގީ ކުރުމުގެ ވިސްނުން ސަރުކާރުގެ އެބަ ހުރި ކަމަށެވެ. މުއިއްޒު ވިދާޅުވީ މީގެ އެތައް އަހަރުތަކެއް ކުރިން ފެށިގެން މާލޭގެ ގިނަ މަގުތަކަކީ އެއްކޮޅަށް ދުއްވޭ މަގުތަކެއް ކަމަށެވެ. އެހެންކަމުން މި މަހުގެ ތެރޭގައި މިނިސްޓްރީ އިން ބައެއް މަގުތައް ބަންދު ކުރުމުން މާލޭގެ "ޓްރެފިކް ފުލޯ" އަށް ބަދަލުތަކެއް އަންނާނެ ކަމަށެވެ.
ހައުސިން މިނިސްޓްރީ އިން ކަނޑައެޅި ބައެއް ސަރަހައްދުތަކަކީ ހެންވޭރުކޮޅުން ފެށިގެން މަޖީދީމަގުގެ ދެކުނަށް އަދި ޖަނަވަރީ މަގުގެ އިރުން ބޮޑުތަކުރުފާނު މަގުގެ ހުޅަނގަށް އޮންނަ ކޮށްޓެވެ. ހައުސިން މިނިސްޓްރީ އިން ބުނީ އެ ކޮށީގައި ހިމެނޭ ގިނަ އަދަދެއްގެ ގޯޅިތަކެއް ބަންދު ކުރެވޭނެ ކަމަށެވެ. އަދި ހަމައެއާއެކު ހިތިގަސް މަގުގެ އުތުރަށް އޮންނަ ކޮށީގައި ވެސް ހިމެނޭ ގިނަ އަދަދެއްގެ ގޯޅިތައް ބަންދު ކުރާނެ ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ. އެ މިނިސްޓްރީން ބުނީ އަމީނިއްޔާ ސުކޫލާއި އަރަބިއްޔާ ސުކޫލާއި ހިމެނޭ ސަރަހައްދުގައި ހިމެނޭ ދެ މަގެއް ބަންދު ކުރާނެ ކަމަށެވެ.
ހައުސިން މިނިސްޓްރީން ބުނީ މަގުތައް ބަންދުކޮށްފައި ވަނީ ޓްރާންސްޕޯޓު އޮތޯރިޓީގައި އޮން އުސޫލުތަކާއި އެއްގޮތަށް ކަމަށެވެ. އަދި މަގުތަކާއި ގުޅޭ ތަފްސީލީ ޗާޓު އަންނަ ހަފްތާ ތެރޭގައި އިއުލާން ކުރެވިގެން ދާނެ ކަމަށް ވެސް އެ މިނިސްޓްރީ އިން ބުނެއެވެ.