ފީފާގެ ރައީސް ކަމަށް ކުރިމަތިލީ ފަރާތްތަކުގެ ތެރެއިން އެ މަގާމަށް ޝަރުތު ހަމަވެ، މިފަހަރުގެ ރިޔާސީ ރޭހުގައި ބައިވެރިވެވޭ ފަރާތްތައް ފީފާއިން އިއުލާނު ކޮށްފި އެވެ.

ފީފާއިން މިއަދު ހާމަކުރި ގޮތުގައި މިއަހަރު ބާއްވާ ފީފާގެ ރިޔާސީ އިންތިހާބުގައި ވޭތުވެދިޔަ ހަތަރު ދައުރު ފީފާގެ ރައީސްކަން އަދާކުރި ސެޕް ބްލެޓާއާ ދެކޮޅަށް ވާދަކުރާ ކެނޑިޑޭޓުންގެ ގޮތުގައި ހޮވިފައި ވަނީ ޕޯޗުގަލްގެ ކުރީގެ މަޝްހޫރު ފޯވާޑް ލުއިސް ފީގޯ އާއި މިހާރު ފީފާގެ ނައިބު ރައީސްކަން އަދާކުރަމުން އަންނަ އުރުދުންގެ ޕްރިންސް އަލީ ބިން އަލް ހުސެއިންގެ އިތުރުން ނެދަލޭންޑްސް އެފްއޭގެ ރައީސް މައިކަލް ވެން ޕްރާގް އެވެ.

އެ ތިން ކެނޑިޑޭޓުންގެ އިތުރުން މަޝްހޫރު ފުޓްބޯޅަ އޭޖެންޓް މިނޯ ރަޔޯލާ އާއި ފީފާ ހިންގާ ކޮމިޓީގެ ކުރީގެ މެންބަރު ޖެރޯމް ޗެންޕޭންވެސް ވަނީ އެ މަގާމަށް ކުރިމަތި ލާފައެވެ. ނަމަވެސް ފަހުން ރަޔޯލާ އެ މަގާމަށް ވާދަ ނުކުރަން ނިންމިއިރު، ޖެރޯމް ފީފާގެ ރިޔާސީ ރޭހުން ކަޓާފައި ވަނީ ޝަރުތު ހަމަ ނުވުމުގެ ސަބަބުންނެވެ.

ވޭތުވެދިޔަ ދެ އަހަރު ފުޓްބޯޅައިގެ އިދާރީ ދާއިރާގައި ހަރަކާތްތެރިވެފައި ވުމުގެ އިތުރުން، ފީފާގެ ރިޔަސީ ކެނޑިޑޭޓަކަށް ކުރިމަތިލާ ފަރާތަށް ފަސް ގައުމެއްގެ އެފްއޭގެ ތާއީދު އޮތްކަންވެސް ސާބިތު ކޮށްދޭން ޖެހެއެވެ. ޖެރޯމް އެ މަގާމަށް ކުރިމަތިލުމުގައި އޭނާއަށް ސަޕޯޓުކޮށްފައި ވަނީ ތިން ގައުމުގެ އެފްއޭއިންނެވެ.

ފީފާގެ ރިޔާސީ ރޭހުގައި ކުރިމަތިލުމަށް ބޭނުންވާ ތާއީދު އޭނާއަށް ނުލިބުމުން ޖެރޯމް ވަނީ އެކަމާމެދު ހިތްހަމަ ނުޖެހުން ފާޅު ކޮށްފައެވެ. އޭނާ ބުނީ ފީފާގެ ރައީސްކަމަށް މިފަހަރު ކުރިމަތިލީ ފަރާތްތަކުގެ ތެރެއިން އެ މަގާމަށް ކުރިމަތިލީ ހަމައެކަނި މިނިވަން ކެނޑިޑޭޓު ކަޓުވާލުން އެއީ ގައުމުތަކުން ރާވައިގެން ކުރި ކަމެއް ކަމަށާއި، އެކަމަކީ ފީފާގެ 'ސިއްރު އެޖެންޑާއެއް' ކަމަށެވެ.

މީގެ ކުރިން ފީފާގެ ޑެޕިއުޓީ ޖެނެރަލް ސެކްރެޓެރީގެ މަގާމް އަދާކުރި ޖެރޯމް ފީފާއަށް ގިނަ ފާޑު ކިޔުންތަކެއް ރައްދުކޮށްފައި ވާއިރު، ދުނިޔޭގެ އެކި ކަންކޮޅުތަކުން ވަނީ ފީފާ މިހާރު ހިންގަމުންދާ ގޮތާމެދު ހިތްހަމަނުޖެހުން ފާޅުކޮށް، ސެޕް ބްލެޓާ ފީފާގެ ރައީސްކަމުން އިސްތިއުފާ ދިނުމަށް ގޮވާލާފައެވެ.

ފީފާގެ މިފަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރާ ކެނޑިޑޭޓުން މިހާރު ޔަގީންވެފައި ވާއިރު، ޔޫރަޕުގެ ފުޓްބޯޅައާ ބެހޭ މައި އިދާރާ ޔޫއެފާއިން ވަނީ މިފަހަރުގެ ރިޔާސީ އިންތިހާބުގައި ޕްރިންސް އަލީއަށް ސަޕޯޓު ދޭނެކަމަށް ބުނެފައެވެ. ނަމަވެސް ބްލެޓާ ފަސްވަނަ ދައުރަކަށް އެ މަގާމަށް ހޮވުމަށް އޭޝިއާ ގައުމުތަކުގެ އެފްއޭތަކުން އޭނާއަށް ބޮޑު ތާއީދެއް ލިބޭނެކަމަށް ބައެއް ފަރާތްތަކުން އަންނަނީ ބުނަމުންނެވެ.

ފީފާގެ މެންބަރު އެސޯސިއޭޝަންތަކުގެ ގޮތުގައި 209 ގައުމެއްގެ އެފްއޭ ހިމެނޭއިރު، އެއިން ކޮންމެ ގައުމަކަށްވެސް ފީފާގެ ރިޔާސީ އިންތިހާބުގައި އެއް ވޯޓު ލުމުގެ ފުރުސަތު އޮވެއެވެ. ފީފާ ރިޔާސީ އިންތިހާބުގެ ވޯޓުލުން ބާއްވަން ނިންމާފައި ވަނީ މޭ މަހުގެ 29 ވަނަ ދުވަހުއެވެ.