އެެމެރިކާގެ ތިން އަހަރުގެ ކުއްޖަކު އޭނާގެ މަންމަގެ އަތްދަބަހުން ފިސްތޯލައެއް ނަގައި އެ ކުއްޖާގެ ބައްޕަ އާއި މާބަނޑު މަންމަ އަށް ހަމަލާދީފި އެވެ.

ސީއެންއެން އިން އިއްޔެ ބުނީ، އެ ހާދިސާ ހިނގީ ނިއު މެކްސިކޯގެ އަލްބުކެރެކިއު ސިޓީގެ ހޮޓެލް ކޮޓަރިއެއްގައި ކަމަށެވެ.

ފުލުހުން ބުނީ އެ ކުއްޖާ އޭނާގެ މަންމަގެ އަތް ދަބަހުން ފިސްތޯލަ ނެގުމަށް ފަހު، އޭނާގެ ބައްޕަގެ ބުރަކަށްޓާ ދިމާލަށް އަމާޒުވި ވަޒަން ގޮސް، ބައްޕަގެ އުނަގަނޑުގެ އެއް ފަރާތުގައި ޖެހި ވިއްސައިގެން ގޮސް އޭނާގެ މަންމަގެ ކޮޑަށް އެރީ ކަމަށެވެ.

ފުލުހުން ބުނީ އެ ކުއްޖާގެ މަންމަ ބަނޑުބޮޑު ކަމަށާއި ބަނޑަށް އަށް މަސް ކަމަށެވެ.

އެ ކުއްޖާގެ ބައްޕަ އަށް ހޮސްޕިޓަލުން ފަރުވާ ދިނުމަށް ފަހު ވަނީ ދޫކޮށްލައިފަ އެވެ. ނަމަވެސް މަންމަ އޮތީ އަދި ވެސް ހޮސްޕިޓަލުގަ އެވެ. މަންމަގެ ހާލު އާންމުކޮށް ރަނގަޅެވެ. އެކަމަކު މާބަޑު މީހާގެ ބަނޑުގައި އޮތް ކުއްޖާގެ ހާލަތަކީ ކޮބައިކަން ނޭނގޭ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.

ބަޑިޖެހި ކުއްޖާ އާއި އޭނާގެ ދެ އަހަރުގެ އަންހެން ކޮއްކޮ މިހާރު އޮތީ ޔޫތު އެންޑް ފެމެލީ ޑިޕާޓްމަންޓްގަ އެވެ. ތިން އަހަރުގެ ކުއްޖާ ބަޑި ޖެހި އިރު އޭނާގެ ދެ އަހަރުގެ ކޮއްކޮ ވެސް ހޮޓަލްގައި ހުއްޓެވެ. އެ ކުދިންނަށް އެ ހާދިސާގައި އަނިޔާއެއް ނުވެ އެވެ.

އެ މައްސަލާގައި އެ ކުއްޖާގެ ބެލެނިވެރިންގެ މައްޗަށް ޖިނާއީ ދައުވާ ކުރާނެތޯ ބެލުމަށް ވަނީ ޑިސްޓްރިކް އެޓާނީ އަށް މައްސަލަ ފޮނުވައިފަ އެވެ.

އެ އާއިލާއަކީ ކޮބައި ކަމެއް އަދި އިތުރު ތަފްސީލެއް ފުލުހުން ނުދެ އެވެ.