10 Feb 2011, 17:17
ހައި ކޯޓަށް ފަނޑިޔާރުން ހޮވިގޮތާ ގުޅޭ ގޮތުން ސުޕްރީމް ކޯޓުގައި މިހާރު ކުރިއަށްދާ ޝަރީއަތަކީ މުޅި ޖުޑިޝަރީ އަދި ޖުޑިޝަރީގެ މަސައްކަތް ކުރައްވާ ހުރިހާ ފަނޑިޔާރުންނާ ގުޅިފައިވާ ނާޒުކު މައްސަލައެއް ކަމަށް އަދުލްއިންސާފު ގާއިމް ކުރުމުގެ އެންމެ އިސް ފަރާތް، އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒު ހުސެއިން މިއަދު ވިދާޅުވެއްޖެ އެވެ.
ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ހައި ކޯޓަށް ފަނޑިޔާރުން ހޮވި ގޮތާ ގުޅޭ ގޮތުން ކްރިމިނަލް ކޯޓުގެ ގާޒީ އަބްދުލްބާރީ ޔޫސުފް ދައުވާ ކުރައްވާ މައްސަލައިގެ ޝަރީއަތުގައި ވާހަކަ ދައްކަވަމުން އުއްތަމަ ފަނޑިޔާރު ވިދާޅުވީ، މީގެ ކުރިން ބޭއްވި ޝަރީއަތުގައި ވެސް ހައި ކޯޓަށް ފަނޑިޔާރުން ނެގުމުގައި އެބޭފުޅުންގެ މުސްތަގިއްލު ކަމަށް ލޮޅުމެއް އަތުވެދާނެތޯ ކިހާ ވަރަކަށް ބެލިންތޯ ކޮމިޝަނާ ސުވާލު އައްސަވާފައިވާނެ ކަމަށެވެ. އުއްތަމަ ފަނޑިޔާރު ވިދާޅުވީ އެ ސުވާލު ކުރެއްވީ ވެސް މިއީ ވަރަށް ބޮޑު ވާހަކައެއް ނުވަތަ ކަމެއް ކަމަށްވާތީ ކަމަށެވެ. އަދި މި މައްސަލައަކީ މުޅި ޖުޑިޝަރީ އާއި ފަނޑިޔާރުންނާ ގުޅުން ހުރި ނާޒުކު މައްސަލައެއް ކަމަށް ފާހަގަ ކުރައްވަމުން އެމަނިކުފާނު ވިދާޅުވީ މި މައްސަލައިގައި ވާހަކަ ބިނާ ކުރަން ޖެހޭނީ ޖުޑިޝަރީގެ ހައްގަށް އަދި ފަނޑިޔާރުންގެ ހައްގަށް ލޮޅުމެއް ނާންނަ ފަދަ ގޮތަކަށް ކަމަށެވެ.
މި މައްސަލައިގައި މައުލޫއާ ނުގުޅޭ ވާހަކަ ދައްކަމުން ދިޔުމުން ޝަރީއަތް ކޮންޓްރޯލް ކުރުމުގެ ގޮތުން އުއްތަމަ ފަނޑިޔާރު ވަނީ ކިތަންމެ ފަހަރަކު ޖޭއެސްސީ އާއި ދައުވާ ކުރައްވާ ބާރީ ވެސް ހުއްޓުވައިފަ އެވެ. އަދި އެންމެ ފަހުން ވިދާޅުވީ ދެން ނަސޭހަތް ދެއްވުމުގެ ބަދަލުގައި ވަގުތުން އިންޒާރު ދެއްވުމަށް ފަހު އަޅަން ޖެހޭ ފިޔަވަޅެއް އަޅުއްވާނީ ކަމަށެވެ.
މިއަދުގެ ޝަރީއަތް ބާއްވާފައި ވަނީ މި މައްސަލައިގެ ތެރެއަށް އާއިލާއާ ބެހޭ ކޯޓުގެ އިސް ގާޒީ ހަސަން ސައީދު މައްސަލައިގެ ތެރެއަށް ވަދެފައިވާތީ އެވެ. އޭނާގެ ފަރާތުން ގާނޫނީ ވަކީލު މުހައްމަދު އީސާ ވިދާޅުވީ ހައި ކޯޓުން ޖޭއެސްސީއަށް ކަނޑައަޅާފައިވާ އެ ކޯޓުގެ އިސް ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދު ކޮމިޝަނުގައި އިންނަވަނީ ގާނޫނާ ހިލާފަށް ކަމަށެވެ. އަދި ހައި ކޯޓަށް ފަނޑިޔާރުން ހޮވުމުގައި ޣަނީ ވެސް އިންނެވި ކަމަށާއި އޭނާ ފަނޑިޔާރުން ހޮވުމަށް ވޯޓު ވެސް ދެއްވި ކަމަށެވެ.
ވަކީލު ވިދާޅުވީ ހައި ކޯޓުން ޖޭއެސްސީއަށް އައްޔަން ކުރާ ފަނޑިޔާރަކަށް އެ ކޮމިޝަނުގައި ހުރެވޭނީ ފަސް އަހަރުގެ އެއް ދައުރަށް ކަމަށް ގާނޫނު އަސާސީގެ 61 ވަނަ މާއްދާގެ ހ. ގައި ބަޔާންކޮށްފައިވާ ކަމަށެވެ. މި ދައުރު ދިގު މުއްދަތަކަށް ބަހާލައިގެން ހަމަނުކުރެވޭނެ އިރު ޣަނީ މިހާރު ޖޭއެސްސީގައި އެ ހުންނެވީ ދެ ވަނަ ފަހަރަށް އައްޔަންވެގެން ކަމަށް ވަކީލު ވިދާޅުވި އެވެ. އަދި ދެ ދައުރަކަށް އައްޔަން ކުރުމަކީ ގާނޫނު އަސާސީއާ ހިލާފް ކަމެއް ކަމަށް ފާހަގަ ކުރައްވަމުން ވަކީލު ވިދާޅުވީ އެއް ދައުރެއް ދެ ފެށުމަކުން ނުފެށޭނެ ކަމަށެވެ.
އާއިލާއާ ބެހޭ ކޯޓުގެ އިސް ގާޒީގެ ފަރާތުން ވަކީލު ވިދާޅުވީ ގާނޫނު އަސާސީގެ 158 ވަނަ މާއްދާގެ ނ. ގައި ބުނެފައި ވަނީ ޖޭއެސްސީއަށް ހައި ކޯޓުން ފަނޑިޔާރަކު ކަނޑައަޅަން ޖެހޭނީ "ހައި ކޯޓުގައި ހިމެނޭ ފަނޑިޔާރުންގެ ތެރެއިން" ކަމަށެވެ. އަދި ހައި ކޯޓުގެ ފަނޑިޔާރުންގެ ބެންޗުގެ އަދަދަކީ ނުވަ ފަނޑިޔާރުން ކަމަށާއި ގާނޫނު އަސާސީގައި ބަޔާންކޮށްފައި އެ ވަނީ މެޖޯރިޓީ ބެންޗެއްގެ ވާހަކަ ކަމަށްވާއިރު ޣަނީ ޖޭއެސްސީއަށް ހޮވާފައި ވަނީ މައިނޯރިޓީ ބެންޗަކުން ކަމަށް ވެސް ވަކީލު އީސާ ވިދާޅުވި އެވެ.
ވަކީލު ވިދާޅުވީ ހައި ކޯޓަށް ފަނޑިޔާރން ހޮވުމަކީ ޖޭއެސްސީއަށް މުތުލަގުކޮށް ލިބޭ ބާރެއް ނޫން ކަމަށާއި ފަނޑިޔާރުން ހޮވަން ޖެހޭނީ ޝަރުތުތަކަށް ރަނގަޅަށް ބަލައިގެން ކަމަށެވެ. އެކަމަކު ޖޭއެސްސީން ފަނޑިޔާރުން ހޮވި އިރު ތައުލީމުގެ ފެންވަރާއި ތަޖުރިބާގެ ފެންވަރުގެ މުހިންމު ކަމަށް ވިސްނާފައިނުވާ ކަމަށް އޭނާ ވިދާޅުވި އެވެ. ވަކީލު ވިދާޅުވީ ދުވަހަކު ވެސް ފަނޑިޔާރުކަން ނުކުރައްވާ ބޭފުޅުން ހައި ކޯޓުގެ ބެންޗަށް ހޮވާފައިވާއިރު ވަކާލާތު ކުރުމުގެ ހުއްދަ ނަންގަވައިގެން ވަކާލާތު ނުކުރައްވާ އަދި މަދު ފަހަރަކު ވަކާލާތު ކުރައްވާފައިވާ ބޭފުޅުން ވެސް ބެންޗަށް ހޮވާފައިވާ ކަމަށެވެ.
މީގެ އިތުރުން ވަކީލު ވިދާޅުވީ މިހާރުގެ ސިޔާސީ ހަގީގަތަށް ބަލާއިރު ރައްޔިތުންނަށް އިތުބާރު ކުރުން ދަތި ބޭފުޅުން އަދި ހައި ކޯޓަށް ކުރިމަތިލުމަށްޓަކައި ސިޔާސީ ޕާޓީތަކުގެ ދަފްތަރުން ނަން ކަނޑާލާފައިވާ ބޭފުޅުން ވެސް ހައި ކޯޓަށް ހޮވާފައިވާ ކަމަށެވެ. އަދި ވިދާޅުވީ ފަނޑިޔާރުންނާ އިންޓަވިއު ކުރުމުގެ ކަންތައް ގެންގޮސްފައި ވަނީ ނަސީބު ގަދަ ފަރާތެއް ހޮވާ ގޮތަށް ގުޅިއަކުން ސުވާލު ކަރުދާސްތަކެއް ނަގައިގެން ކަމަށާއި ކެންޑިޑޭޓުންނަށް މާކްސް ދީފައިވާ ގޮތް ވެސް ގޯސް ކަމަށެވެ. މާކްސް ދީފައިވާއިރު އެވްރެޖް ހަދާފައި ވަނީ ވެސް ނުބައިކޮށް ކަމަށް ވެސް ވަކީލު ވިދާޅުވި އެވެ.
ޖޭއެސްސީގެ ފަރާތުން ވަކީލު އަބްދުލްފައްތާހު އަބްދުލްޣަފޫރު ވިދާޅުވީ ޖޭއެސްސީއަށް މެންބަރުން ހޮވަނީ އަދި އައްޔަން ކުރުނީ ވެސް އެ ކޮމިޝަނުން ނޫން ކަމަށާއި ޣަނީގެ މައްސަލައިގައި ކޮމިޝަނުން ޖަވާބުދާރީވާން ނުޖެހޭނެ ކަމަށެވެ. އަދި މިއަދު ވެސް މައިގަނޑު ގޮތެއްގައި ޖޭއެސްސީން ދައްކަވާފައި ވަނީ ހަމަ ކުރީ ދުވަހުގެ އަޑުއެހުމުގައި ވެސް ދައްކާފައިވާ ވާހަކަތަކެވެ.
މީގެ އިތުރުން މި މައްސަލައިގެ ތެރެއަށް ވަދެފައިވާ ހައި ކޯޓަށް މިހާރު ހޮވާފައިވާ ފަސް ފަނޑިޔާރުންގެ ފަރާތުން ވަކީލު މަސްތޫރު ހުސްނީ ވިދާޅުވީ މައްސަލަ ނުނިމި ގިނަ ދުވަސްވަމުންދާ ކޮންމެ ވަގުތަކަށް އެބޭފުޅުންނަށް ގެއްލުންވަމުންދާ ކަމަށެވެ. އަދި ހައި ކޯޓުގެ ފަނޑިޔާރަކަށް ހޮވުމުން އެބޭފުޅުންގެ ހައިބަތާއި ގަދަރު އުފުލިފައިވާއިރު މި މައްސަލައިގެ ސަބަބުން އެބޭފުޅުންގެ ގަދަރު ތަޣައްޔަރުވަމުންދާ ކަމަށް ވެސް ވަކީލު ވިދާޅުވި އެވެ.
އެ އަޑުއެހުމަށް ހާޒިރުވެ އިންނެވި ޖޭއެސްސީއަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާފައިވާ މެންބަރު އައިޝަތު ވެލެޒިނީ ދެއަތަށް ބޯ ހޫރުވަން ފެއްޓެވުމުން ކޯޓް އޮފިސަރު ވަނީ އޭނާއަށް އެހެން ނުހެދުމަށް އަންގައިފަ އެވެ.
ބުރާސްފަތި ދުވަހުގެ ޝަރީއަތުގެ އަޑުއެހުން އުއްތަމަ ފަނޑިޔާރު ނިންމާލެއްވީ މި މައްސަލައިގެ އަޑުއެހުމުގެ ދޮރު ބަންދުވީ ކަމަށް އިއުލާން ކުރައްވައިފަ އެވެ.