02 Feb 2015, 15:53
ޗައިނާ އިން ރާއްޖެ އަށް އަންނަ ފަތުރުވެރިންނަށް ރާއްޖެއިންދޭ އަހައްމިޔަތަށް ޗައިނާ ސަރުކާރުން ޝުކުރު އަދާކޮށްފި އެވެ.
ދިވެހިރާއްޖެ އަށް ޒިޔާރަތްކުރާ ޗައިނާ ފަތުރުވެރިންގެ ސަލާމަތާ ގުޅޭ ގޮތުން މަޝްވަރާކުރުމަށް މިއަދު ފޮރިން މިނިސްޓްރީގައި ބޭއްވި ބައްދަލުވުމެއްގައި، ޗައިނާ އިން ރާއްޖެ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވަންގް ފުކާންގް ވިދާޅުވީ ޗައިނާ ފަތުރުވެރިންގެ ސަލާމަތަށް އިތުރަށް މަސައްކަތްކުރަން ދިވެހި ރާއްޖެއާ އެކު ހުންނެވި ކަމަށާއި މިހާރު ވެސް އެކަމުގައި ލިބެމުންދާ އެއްބާރުލުމަށް ޝުކުރު އަދާކުރައްވާ ކަމަށެވެ.
އެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ވިދާޅުވީ ދިވެހިރާއްޖެއަކީ ޗައިނާގެ ފަތުރުވެރިންނަށް މިހާރަށް ވުރެ ވެސް ރައްކާތެރި އަދި ރައްޓެހި މާހައުލަކަށް ހެދުމަށް މަސައްކަތް ކުރައްވާނެ ކަމަށާއި ދިވެހިރާއްޖެއާ ޗައިނާއާ ދެމެދު ފަތުރުވެރިކަން އިތުރަށް ފުޅާކުރުން މުހިންމު ކަމަށެވެ.
މިދިޔަ އަހަރު ޗައިނާގެ ރައީސް ރާއްޖެ އަށް ކުރެއްވި ދަތުރުފުޅުގައި ވެވުނު އެއްބަސްވުމެއްގެ ދަށުން ބޭއްވި އެ ބައްދަލުވުމުގައި ސަރުކާރުގެ އެކި މުއައްސަސާތަކުގެ އިސްވެރިންނާއި ބައެއް ރިސޯޓުތަކުގެ އިސްވެރިން ވެސް ބައިވެރިވެ ވަޑައިގެންނެވި އެވެ.
ބައްދަލުވުމުގެ ރިޔާސަތު ބެލެހެއްޓެވީ ފޮރިން މިނިސްޓަރު ދުންޔާ މައުމޫނާއި ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވަންގް ފުކާންގް އެވެ.