02 Feb 2015, 15:27
ވޮޝިންޓަން (ފެބްރުއަރީ 2) : ހިމަބިހިން ރައްކާތެރިވުމަށް ޓަކައި އެމެރިކާގެ ކުޑަކުދިންނަށް ވެކްސިން ދިނުމަށް އެމެރިކާގެ ރައީސް ބަރަކް އޮބާމާ އެގައުމުގެ މައިންބަފައިންނަށާއި ބެލެނިވެރިންނަށް އިލްތިމާސް ކުރައްވައިފި އެވެ.
އެންބީސީ ނިއުޒް ޗެނަލް އަށް ދެއްވި ބަސްދީގަތުމެއްގައި އޮބާމާ ވިދާޅުވީ ވެކްސިން ނުދިނުމުގެ ސަބަބުން އެމެރިކާގެ ކުޑަކުދިންނަށް ހިމަބިހި ޖެހެމުންދިޔުމަކީ ވަރަށް ދެރަކަމެއް ކަމަށާއި ކުޑަކުދިންނަށް ދޭންޖެހޭ ވެކްސިންތައް ދިނުމުގައި މައިންބަފައިންނާއި ބެލެނިވެރިން ފަރުވާ ކުޑަކުރުމަކީ އެމެރިކާ ޙާސިލްކޮށްފައިވާ ސިއްޙީ ކާމިޔާބީތައް އަނެއްކޮޅަށް ޖެހިގެން ހިނގައިދާނެ ކަމެއް ކަމުގަ އެވެ.
އެމެރިކާގެ މައިންބަފައިންނަށާއި ބެލެނިވެރިންނަށް ނަސީހަތްތެރިވަމުން އޮބާމާ ވިދާޅުވީ ހިމަބިއްސަކީ ވެކްސިން ޖަހައިގެން އެބަލިން ކުޑަކުދިން ސަލާމަތް ކުރެވިދާނެ ބައްޔެއް ކަމަށާއި އެމެރިކާގެ ސިއްޙަތާ ބެހޭ އިދާރާތަކުގެ އިރްޝާދުތަކަށް ހުރިހާ ރައްޔިތުން ވެސް ތަބާވެ އެއާ އެއްގޮތަށް އަމަލުކުރުމަށް އިލްތިމާސް ކުރައްވާ ކަމުގަ އެވެ. އެމެރިކާގެ 100 އަށް ވުރެ ގިނަ ކުޑަކުދިންނަށް ހިމަބިހިޖެހިފައިވާކަން އެގައުމުގެ ސިއްޙަތާ ބެހޭ ދާއިރާތަކުން ކަށަވަރުކޮށްދީފައިވާ އިރު މީގެ ތެރެއިން 91 ކުދިންނަކީ ކެލިފޯނިޔާއަށް ނިސްބަތްވާ ކުދިންނެވެ. ކެލިފޯނިޔާގައި މިހާރު ވެސް ދަނީ މިބަލި ފެތުރެމުންނެވެ.
މިއީ، އެމެރިކާއަކީ ހިމަބިހީގެ ބަލި ނައްތާލެވިފައިވާ ގައުމެއްކަން 2000 ވަނަ އަހަރު އިޢްލާން ކުރުމަށް ފަހު މިބަލި އެގައުމުން ފެނުނު ފުރަތަމަ ފަހަރެވެ. އެމެރިކާ އިން ހިމަބިހި ނައްތާލެވިފައި ވަނީ އެގައުމުގެ ސިއްޙަތާބެހޭ ދާއިރާތަކުން އެތައް އަހަރެއްގެ މަތިން ކޮށްފައިވާ ބުރަމަސައްކަތްތަކެއްގެ ނަތީޖާއިންނެވެ. ނަމަވެސް އެކި ސަބަބުތަކާގުޅިގެން ކުދިންނަށް ވެކްސިން ދިނުމަށް ދެކޮޅުހަދާ މައިންބަފައިންނާއި ބެލެނިވެރިން އެމެރިކާގައިވެސްދަނީ އިތުރުވަމުންނެވެ. މިއާއެކު ވެކްސިން ދިނުމުގެ އިންސައްތަ އެމެރިކާގައި އުޅެނީ 96 ގައި ކަމަށް އެމެރިކާގެ ޕަބްލިކް ހެލްތުގެ ދާއިރާގެ ރިޕޯޓްތައް ބުނެއެވެ.
ދަރިންނަށް ވެކްސިން ދިނުމަށް ދެކޮޅު ހަދާ މައިންބަފައިންނާއި ބެލެނިވެރިންގެ ތެރޭގައި ދީނީ ވިސްނުމުގެ ސަބަބުންނާއި ވެކްސިންގެ ސަބަބުން ސިއްހީ ގެއްލުންތައް ލިބިދާނެކަމުގެ ބިރު އިޙްސާސްކުރާ ބެލެނިވެރިން ހިމެނޭކަމަށްވެ އެވެ. މިފަދަ ފަރާތްތަކަށް މިކަމުގެ ހަގީގަތް ވިސްނައިދިނުމަށް އެމެރިކާގެ ކަމާބެހޭ ފަރާތްތަކުން އެކަށީގެންވާ މަސައްކަތް ނުކުރާކަމަށް ޚަބަރުތައް ބުނެއެވެ.
ކެލިފޯނިޔާއިން ފެނުނު ހިމަބިހީގެ ހާލަތްތަކާއެކު އެމެރިކާގެ އެހެން ސްޓޭޓްތަކަށްވެސް މިބަލި ފެތުރިދާނެ ކަމުގެ ބިރުވަނީ ހީވެފައެވެ. (ރޮއިޓާސް)