02 Feb 2015, 15:09
ޑްރީމްސް އިލެކްޓޯނިކްސް ޕްރައިވެޓް ލިމިޓެޑުން ދައުލަތަށް ޓެކްސް ނުދެއްކުމުން ޖޫރިމަނާއާ އެކު ޖުމްލަ 457،813 ރުފިޔާ މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ދެއްކުމަށް ސިވިލް ކޯޓުން ހުކުމް ކޮށްފި އެވެ.
ސިވިލް ކޯޓުން އިއްޔެ ކުރި ހުކުމްގައިވާ ގޮތުން ޖީއެސްޓީގެ ގޮތުގައި ޑްރީމްސް އިލެކްޓޯނިކްސްގެ ފަރާތުން ދައުލަތަށް ދައްކަންޖެހެނީ 316،366 ރުފިޔާ އެވެ. އެ ފައިސާ ކަނޑައެޅިފައިވާ މުއްދަތުގައި ނުދެއްކުމުން ޖޫރިމަނާގެ ގޮތުގައި މިދިޔަ އޯގަސްޓު މަހުގެ 21 ވަނަ ދުވަހާ ހަމައަށް ދައްކަންޖެހެނީ 141،447 ރުފިޔާ ކަމަށް ސިވިލް ކޯޓުގެ ހުކުމްގައި ވެއެވެ.
ސިވިލް ކޯޓުގެ ހުކުމްގައި ވަނީ ކަނޑައެޅިފައިވާ ތާރީޚަށް ޖީއެސްޓީ ނުދެއްކުމުން ޖޫރިމަނާގެ ގޮތުގައި އަރާފައިވާ ފައިސާ ދައްކާފައިނުވާކަން ދެ ފަރާތުގެ ބަހުންނާއި ޝަރީއަތަށް ހުށަހެޅުނު ލިޔުންތަކުން އެނގެން އޮން ކަމަށެވެ.
ޑްރީމްސް އިލެކްޓޯނިކްސް އިން ޓެކްސްގެ ގޮތުގައި ދައުލަތަށް ދައްކަންޖެހޭ 457،813 ރުފިޔާ ކޮންމެ މަހަކު ވެސް އެމަހަކަށް ޖެހޭވަރު ދައްކަމުން ގޮސް ހަ މަސް ދުވަހުގެ ތެރޭގައި ދައްކައި ޚަލާސްކުރުމަށް ސިވިލް ކޯޓުން ވަނީ ހުކުމް ކޮށްފައެވެ.