02 Feb 2015, 14:57
މިދިޔަ އަހަރުގެ ޖެނުއަރީ މަހާ އަޅާބަލާއިރު، މިއަހަރުގެ ޖެނުއަރީ މަހު ފުލުހުންނަށް ހުށަހެޅުނު ކުށުގެ މައްސަލަތައް 38 ޕަސެންޓް ދަށްވެއްޖެ އެވެ.
މައްސަލައެއް ފުލުހުންނަށް ހުށަހެޅުމާއެކު ވަގުތުން އަޕްޑޭޓްވަމުންދާ ފުލުހުންގެ ވެބްސައިޓުގެ ކުށުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިއަހަރުގެ ޖެނުއަރީ މަހު އެކި ކުށްތަކުގައި 1082 މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވެ އެވެ. ނަމަވެސް މިދިޔަ އަހަރުގެ ޖެނުއަރީ މަހު ފުލުހުންނަށް ހުށަހަޅާފައި ވަނީ ޖިނާއީ 1755 މައްސަލަ އެކެވެ.
މިއަހަރުގެ ޖެނުއަރީ މަހު އެންމެ ގިނައިން ހުށަހަޅައި، ތަހުގީގު ކުރަން ފަށާފައިވަނީ ވައްކަމާއި މަސްތުވާތަކެތީގެ އިތުރުން ޓްރެފިކުގެ މައްސަލަ ތަކެވެ. ނަމަވެސް ފޯޖަރީ އަދި ޖިންސީ އަނިޔާގެ މައްސަލަތައް މިދިޔަ އަހަރުގެ ޖެނުއަރީ މަހާ އަޅާބަލާއިރު، މިއަހަރުގެ ޖެނުއަރީ މަހު ވަނީ އިތުުރުވެފަ އެވެ.
ވައްކަމުގެ މައްސަލަތައް މިދިޔަ އަހަރުގެ ޖެނުއަރީ މަހާ އަޅާބަލާއިރު، މިއަހަރުގެ ޖެނުވަރީގައި ވަނީ 43 ޕަސެންޓް ވަނީ ދަށްވެފަ އެވެ. އެގޮތުން މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ވައްކަމުގެ 623 މައްސަަލައެއް ހުށަހެޅިފައިވާއިރު، މިއަހަރުގެ ޖެނުއަރީ މަހު ހުށަހެޅިފައިވަނީ އެފަދަ 355 މައްސަލަ އެކެވެ.
މިދިޔަ އަހަރުގެ ޖެނުއަރީ މަހު ދެވަނަ އަށް އެންމެ ގިނައިން ހުށަހެޅިފައިވަނީ މަސްތުވާތަކެތީގެ މައްސަލަތަކެވެ. މަސްތުވާތަކެތީގެ މައްސަލަތައް މިދިޔަ އަހަރުގެ ޖެނުއަރީ މަހާ އަޅާބަލާއިރު މިއަހަރު ވަނީ 61 ޕަސެންޓް ދަށްވެފަ އެވެ. އެގޮތުން މަސްތުވާތަކެތީގެ 459 މައްސަަލައެއް މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ ފުލުހުންނަށް ރިޕޯޓް ކޮށްފައިވެ އެވެ. އަދި މިދިޔަ ޖެނުއަރީ މަހުގެ ހުށަހެޅި ތަހުގީގު ކުރަމުންދަނީ 179 މައްސަލައެކެވެ.
ތިން ވަނަ އަށް މިދިޔަ އަހަރުގެ ޖެނުއަރީ މަހު އެންމެ ގިނައިން ފުލުހުންނަށް ހުށަހަޅައި، ތަހުގީގު ކުރަން ފަށާފައިވަނީ ޓްރެފިކްގެ މައްސަލަތަކެވެ. ނަމަވެސް މިއަހަރުގެ ޖެނުއަރީ މަހު ޓްރެފިކްގެ މައްސަލަތައް ވެސް ވަނީ 10 ޕަސެންޓް ދަށްވެފަ އެވެ. މިއަހަރުގެ ޖެނުއަރީ މަހު ޓްރެފިކްގެ 152 މައްސަލައެއް ހުށަހަޅައިފައިވާއިރު، މިދިޔަ އަހަރުގެ ޖެނުއަރީ މަހު ހުށަހަޅާފައިވަނީ ޓްރެފިކްގެ 168 މައްސަލައެކެވެ.
މިދިޔަ އަހަރާ އަޅާބަލާއިރު މިއަހަރު އިތުރުވެފައިވާ ޖިންސީ އަނިޔާކުރި މައްސަލަތަކަށް ބަލާއިރު، މިދިޔަ އަހަރަށްވުރެ ޖިންސީ އަނިޔާކުރި ކަމުގެ އެއް މައްސަލަ އިތުރަށް ހުށަހެޅި ދަނީ ތަހުގީގުކުރެވެމުންނެވެ. އެގޮތުން މިދިޔަ އަހަރު ޖިންސީ އަނިޔާކުރި ކަމުގެ 40 މައްސަލައެއް ހުށަހެޅިފައިވާއިރު، މިއަހަރުގެ ޖެނުއަރީ މަހުގެ ނިޔަލަށް ހުށަހެޅި ތަހުގީގު ކުރަމުންދަނީ 41 އެއް މައްސަލައެކެވެ.
މިއަހަރު ފުލުހުންނަށް ހުށަހެޅުނު ފޯޖަރީގެ މައްސަލަތައް ވެސް ވަނީ މިދިޔަ އަހަރާ އަޅާބަލާއިރު 33 ޕަސެންޓް އިތުރުވެފަ އެވެ. މިއަހަރުގެ މިހާތަނަށް ފޯޖަރީގެ ނުވަ މައްސަލައެއް ރިޕޯޓް ކުރެވިފައިވާއިރު، މިދިޔަ އަހަރު ހުށަހަޅާފައިވަނީ އެފަދަ ހަ މައްސަލައެކެވެ.