02 Feb 2015, 14:45
މިދިޔަ ސީޒަންގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއެޝަނަށް ކުޅުނު ސިއެރަ ލިއޯންގެ ފޯވާޑް އަބޫ ޑެސްމަންޑް މަންސާރޭ މި ސީޒަނަށް ކްލަބް އީގަލްސްއަށް ސޮއި ކޮށްފި އެވެ.
އީގްލްސްއިން ބުނީ އަބޫ އެ ޓީމަށް ސޮއިކުރީ، އެއް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން ކަމަށެވެ. މިދިޔަ އަހަރު މާޒަޔާގައި ރަނގަޅު ކުޅުމެއް ދެއްކި އަބޫ ވަނީ މިދިޔަ ސީޒަންގައި އެ ކްލަބަށް އެފްއޭ ކަޕް ކާމިޔާބު ކުރުމަށް އެހީތެރި ވެދީފައެވެ.
މީގެ ކުރިން އޭވައިއެލްއަށްވެސް ކުޅުނު އަބޫ ވަނީ 2013 ވަނަ އަހަރު އެއްވަނަ ޑިވިޝަންގެ ގަދަ ހަތަރަކުން ޖާގަ ހޯދުމަށް އެ ޓީމަށް އެހީތެރިވެ ދީފައެވެ. އޭގެ ކުރިން ވީބީ އައްޑޫ އެފްސީންވެސް ފެނިގެން ދިޔަ އަބޫ އެންމެ ފުރަތަމަ ރާއްޖޭގެ ފުޓްބޯޅައިން ފެނިގެން ދިޔައީ 2008 ވަނަ އަހަރު އެވެ.
އަބޫ އީގަލްސްއާ ގުޅުމާ ބެހޭގޮތުން އެ ކްލަބުގެ ޖެނެރަލް ސެކްރެޓެރީ މުފާވިޒް ހާޝިމް ބުނެފައި ވަނީ އަބޫގެ ސަބަބުން އީގަލްސްގެ އެޓޭކިން އިތުރަށް ވަރުގަދަ ވެގެން ދާނެ ކަމަށާއި، އޭނާގެ ސަބަބުން ޓީމަށް ކުރިއެރުންތަކެއް ލިބިގެން ދާނެ ކަމަށެވެ. އަދި މީގެ ކުރިން އަބޫގެ އިތުރުން އީގަލްސްއަށް އިތުރު ބިދޭސީ ކުޅުންތެރިން ގެންނަން ވިސްނަމުން ދާކަމަށް ހާޝިމް ބުނެފައި ވާއިރު، އިތުރު ބިދޭސީ ކުޅުންތެރިއަކު ގެންނަން ދެން ނުވިސްނާ ކަމަށް އެ ކްލަބުން މިއަދު ވަނީ ބުނެފައެވެ.
އަބޫގެ އިތުރުން މި ސީޒަނަށް އީގްލްސްއާ ގުޅުނު ކުޅުންތެރިންގެ ތެރޭގައި ވެލެންސިޔާގެ ޑިފެންޑަރު މުޖުތާޒް މުހައްމަދު (މުޖޭ) އާއި މީގެ ކުރިން ނިއު އާއި މާޒިޔާއިން ފެނިގެން ދިޔަ އަހުމަދު މުހައްމަދު (އަންމަޑޭ) ހިމެނެއެވެ.
މިދިޔަ އަހަރު އެއްވަނަ ޑިވިޝަންގައި ބޮޑެތި ކުރިއެރުންތަކެއް ހޯދި އީގަލްސް ވަނީ އެ ސީޒަންގެ ދިވެހި ލީގުގެ ތިންވަނަ މަގާމް ހޯދާފައެވެ. އޭގެ އިތުރުން ވިކްޓްރީ އާއި މާޒިޔާ ބަލިކޮށް ގައުމީ މުބާރާތުގެ ފައިނަލަށްވެސް އެ ޓީމް ދަތުރު ކުރި އިރު، ފައިނަލް މެޗުގައި ނިއުރޭޑިއެންޓާ ވާދަކޮށް އެ ޓީމް ބަލިވީ އިތުރު ވަގުތު ކުޅުމަށްފަހު 1-0ގެ ނަތީޖާއަކުންނެވެ.