02 Feb 2015, 14:31
އޮޕެކް ފަންޑް ފޯރ އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓް (އޮފިޑް) ލޯން އެހީގެ ދަށުން ފަސް ރަށެއްގައި ފެނުގެ ނިޒާމާއި ނަރުދަމާގެ ނިޒާމް ގާއިމްކުރުމުގެ ގޮތުން ސާވޭ ކުރަން ފަށައިފި އެވެ.
އެންވަަޔަރަންމަންޓު މިނިސްޓްރީން ބުނީ އޮފިޑް ލޯން އެހީގެ ދަށުން ނ. ވެލިދު އާއި ބ. ތުޅާދޫ އާއި ރ. ހުޅުދުއްފާރާއި ގއ. ކޮލަމާފުށި އަދި ގދ. ގައްދޫގައި ނަރުދަމާގެ ނިޒާމު ގާއިމްކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި ފެނުގެ ނިޒާމު ގާއިމުކުރުމަށް ނ. ވެލިދު އާއި ބ. ތުޅާދު އާއި ރ. ހުޅުދުއްފާރު އަދި ގއ. ކޮލަމާފުށީގައި ހަމަޖެހިފައިވާ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
އެ މިނިސްޓްރީން ބުނީ، މިރަށްތަކުގެ ފެނާއި ނަރުދަމާއަށް ބޭނުންވާ ޑިޒައިން އެންޑް ސްޕަވިޝަން ކޮންސަލްޓަންޓްސީގެ މަސައްކަތް އަލް ހަބްޝީ ކޮންސަލްޓެންޓުންނާއި މިދިޔަ މަހުގު 14ވަނަ ދުވަހު ގައި ހަވާލުކުރެވިފަވާ ކަމަށެވެ.
މިހާރު ކޮންސަލްޓެންޓުން ވަނީ ބ. ތުޅާދޫގެ ސާރވޭގެ މަސައްކަތް ނިންމާފައި ކަމަށާއި މި ހަފްތާގައި ގއ. ކޮލަމާފުށި އަދި ގދ. ގައްދޫގައި ސާވޭގެ މަސައްކަތް ފެށިގެންދާނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ. އަދި އަންނަ ހަފުތާގެ ފަހުކޮޅުގައި ނ. ވެލިދޫއާ ރ. ހުޅުދުއްފާރުގައި ސާވޭގެ މަސައްކަތްތަށް ފެއްޓުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.
މި މަޝްރޫއުގެ އަމަލީ މަސައްކަތް ކުރާނެ ފަރާތެއް ހޯދުމަށް މި އަހަރުގެ ޖުލައި ފަހުކޮޅު އިއުލާންކޮށް މިއަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި މި މަސައްކަތް ބަޔަކާ ހަވާލުކުރެވޭނެ ކަމަށް އެންވަޔަރަންމަންޓު މިނިސްޓްރީން ބުންޏެވެ. އަދި މި މަސައްކަތަށް ޖުމުލަ 20 މިލިއަން ޑޮލަރު ހަރަދުވާނެ ކަމަށް ވެސް އެ މިނިސްޓްރީ އިން މައުލޫމާތުދެ އެވެ.