02 Feb 2015, 13:51
ގާނޫނީ ވަކީލު އަދި ލިޔުންތެރިޔާ އަހްމަދު ނަޖީބު އަވަހާރަކޮށްލި ކަމަށް ކްރިމިނަލް ކޯޓުގެ ޝަރީއަތުގެ މަޖިލީހުގައި އިއުތިރާފުވީ ފުލުހުން ބިރުދެއްކުމުން ކަމަށް މ. މަސްރޫރާ އަހްމަދު މުއްރަތު ބުނެފި އެވެ.
މުއްރަތު މެރުމަށް ކުރި ހުކުމް އޭނާގެ ފަރާތުން އިސްތިއުނާފުކޮށްފައި ވާތީ ހައިކޯޓުގައި މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި މުއްރަތު ބުނީ ކްރިމިމަލް ކޯޓުގެ ޝަރީއަތުގެ މަޖިލީހުގައި ބުނަންވީ ވާހަކަތައް ފުލުހުން ގެންދިޔައީ އޭނަ އަށް ކިޔައިދެމުން ކަމަށެވެ.
މުއްރަތު ބުނީ އޭނާގެ މަންމަ ހައްޔަރުކުރާނެ ކަމަށް ބުނެ ފުލުހުން އޭނާއަށް ބިރުދައްކާފައިވާ ކަމަށާއި ކްރިމިނަލް ކޯޓުގައި ކުށަށް އިއުތިރާފުވީ ފުލުހުން ބިރުދެއްކުމުން ކަމަށެވެ. އެހެންކަމުން އެކަމާ ގުޅިގެން ސުވާލުކުރުމަށް ފުލުހުން ޝަރީއަތަށް ހާޒިރުކޮށްދިނުމަށް މުއްރަތު ވަނީ އެދިފަ އެވެ.
މީގެ ކުރިން ބޭއްވި ޝަރީއަތުގެ މަޖިލީހެއްގައި ވެސް މުއްރަތު ވަނީ އެ މައްސަލަ ތަހުގީގު ކުރި ފުލުހުން ޝަރީއަތަށް ހާޒިރުކޮށްދިނުމަށް އެދިފަ އެވެ. ހައިކޯޓުގެ ފަނޑިޔާރުންގެ ބެންޗުން ބުނީ ފުލުހުން ހާޒިރުކުރާނީ މައްސަލަ ދިރާސާ ކުރުމުގައި ހާޒިރުކުރަން ޖެހޭ ކަމަށް ފަނޑިޔާރުންނަށް ފެނިއްޖެ ނަމަ ކަމަށެވެ.
މުއްރަތު ބުނީ އޭނާއަކީ މެތަޑޯން ބޭނުންކުރާ މީހެއް ކަމަށް ބުނެ މެތަޑޯން ބޭނުންކުރާ މީހުންނަށް ވާނެ ގޮތްތައް އަންގައިދޭ ލިޔުންތަކެއް އޭނާ ވަނީ ޝަރީއަތަށް ހުށަހަޅާފަ އެވެ. އެހެންނަމަވެސް އެކަމާ ބެހޭ ގޮތުން ތަފްސީލީ ގޮތެއްގައި އޭނާ ވާހަކައެއް ނުދައްކަ އެވެ.
މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ދައުލަތުގެ ފަރާތުން ވަނީ މުއްރަތު ދެއްކި ވާހަކަތަކާ ގުޅިގެން ޖަވާބުދާރީވުމުގެ ފުރުސަތަކަށް އެދިވަޑައިގެންފަ އެވެ.
ޝަރީއަތުގެ މަޖިލީސް ނިންމަވާލައްވަމުން ފަނޑިޔާރުންގެ ބެންޗުން ދެން ބާއްވާނީ އެ މައްސަލައިގެ އެންމެ ފަހު އަޑުއެހުން ކަމަށާއި ދެ ފަރާތުން ވެސް ދައްކަން ބޭނުންވާ ހުރިހާ ވާހަކަތަކެއް އެދުވަހު ދައްކަން ޖެހޭނެ ކަމަށެވެ.
ނަޖީބު މަރާލާފައި ވަނީ 2012 ވަނަ އަހަރުގެ ޖުލައި މަހުގެ ފުރަތަމަ ދުވަހުގެ ރޭގެ ވަގުތެއްގަ އެވެ.
މުއްރަތާ އެކު އޭނާގެ ކުރީގެ ލޯބިވެރިޔާ ށ. ގޮއިދޫ ރިހާބު ފާތިމަތު ހަނާ މެރުމަށް ވެސް ކްރިމިނަލް ކޯޓުން ވަނީ ހުކުމް ކޮށްފަ އެވެ. އޭނާ ވެސް ވަނީ އެ ހުކުމް އިސްތިއުނާފުކޮށްފަ އެވެ. ތޫނު އެއްޗަކުން ހަމަލާދީ ނަޖީބު މަރާލި ކަމަށް އިއުތިރާފުވަމުން ކްރިމިނަލް ކޯޓުގައި މުއްރަތު ބުނީ ދެ ހާސް ބާރަ ވަނަ އަހަރުގެ ޖުލައި މަހުގެ ފުރަތަމަ ދުވަހުގެ ރޭ މަސްރޫރާގެއަށް ނަޖީބު ވަޑައިގަތުމުން އެގޭގައި، އޭނާ އާއި ހަނާ ދިރިއުޅޭ ބައިގައި ހުރި ގޮނޑިއެއް (އޮފީސް ޗެއާ) އެއްގައި ނަޖީބު ބައިންދާ ފޮށި ބަންދުކުރާ ޓޭޕުން ނަޖީބުގެ ދެއަތާއި ދެފައި ބަނދެ، މޫނާއި އަނގަމަތިން ވަށައި ޖެހޭ ގޮތަށް ޓޭޕްއެޅި ކަމަށެވެ.
ނަޖީބު އެގޮތަށް ގޮނޑީގައި އިންނެވި އިރު އަޑުގަދަ ކުރައްވާތީ އެކަމާ ހިތްހަމަނުޖެހިގެން ހަތަރު އިންޗި ހުންނަ ވަރުގެ ކަޅު ކުލައިގެ މުއްގަނޑުލީ ވަޅިއަކުން ނަޖީބުގެ ކަރަށް ހަމަލާދީ އޭނާ މާރާލި ކަމަށް މުއްރަތު ވަނީ ބުނެފަ އެވެ.