ރައްޔިތުންނާއި ފުލުހުންނާ މެދު އެކި ކަންކަމުގައި އޮންނަ ގުޅުން ދެނެގަތުމަށް އދ. މާމިގިލީގައި މަސައްކަތް ކުރާ ފުލުހުން ހާއްސަ ޕްރޮގްރާމެއް ހިންގައިފި އެވެ.

"ކޮމިއުނިޓީ ރިލޭޝަން ހައުސް ވިޒިޓްސް"ގެ ނަމުގައި ފުލުހުން ހިންގި އެ ޕްރޮގްރާމްގެ މަގްސަދަކީ ފުލުހުންނާއި ރައްޔިތުންނާއި އޮންނަ ގުޅުން ދެނެގަތުމަށާއި ފުލުހުން ކުރަމުންދާ މަސައްކަތްތަކުގައި ރައްޔިތުންގެ ފަރާތުން އެހީތެރިވެވޭނެ ގޮތްތައް އޮޅުން ފިލުވައި ހިޔާލު ހޯދުން ކަމަށް ފުލުހުން މިއަދު އާންމު ކުރި ބަޔާނުގައި ބުންޏެވެ.

ފުލުހުން ބުނީ މިދިޔަ ޖެނުއަރީ މަހުގެ 31 ވަނަ ދުވަހު ހިންގި އެ ޕްރޮގްރާމުގައި 50 އަށް ވުރެ ގިނަ ގޭގެއަށް ޒިޔާރަތްކޮށް މަޢުލޫމާތު ދީފައިވާ އިރު އެ ޕްރޮގްރާމުގައި ފުލުހުންނާއި ރައްޔިތުންނާ އޮންނަ ގުޅުން ދެނެގަނެ ފުލުހުން ކުރަމުންދާ މަސައްކަތްތަކުގައި ރައްޔިތުންގެ ފަރާތުން އެހީތެރިކަން ވެވޭނެ ގޮތްތަކާއި ބެހޭގޮތުން މައުލޫމާތު ހޯދާފައިވާ ކަމަށެވެ. އަދި ކުށް މަދުކުރުމަށް ކުރެވިދާނެ ކަންތައްތަކާ މެދު ހިޔާލު ހޯދައި މަޝްވަރާކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

އޭގެ އިތުރުން އެ ޕްރޮގްރާމުގައި ވަނީ ރައްކާތެރިކަމުގެ ގޮތުން ކުރެވެން ހުރި ކަންތައްތަކާއި ބެހޭ ގޮތުން ވެސް މަޢުލޫމާތު ދީފައި ކަމަށް ފުލުހުން ބުންޏެވެ. އެގޮތުން ގޭގައި އަގުބޮޑު މުދާ ގެންގުޅުމުގައި ސަމާލުވުމާއި ރީލޯޑް އަދި ރާސްޓަސް ކުރުމުގައި މިހާރަށް ވުރެ ސަމާލުވުމާ ގުޅޭ ގޮތުން މައުލޫމާތު ފޯރުކޮށްދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެ ޕްރޮގްރާމް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ކަމަށާއި އެ މަސައްކަތަށް ރައްޔިތުންގެ ވަރަށް ފުރިހަމަ އެއްބާރުލުމެއް ލިބޭ ކަމަށް ފުލުހުން ބުންޏެވެ.