02 Feb 2015, 13:26
ޓީޗަރުން ތަމްރީންކުރުމަށް ގައުމީ ފެންވަރުގައި ހިންގުމަށް ހަމަޖެހިފައިވާ ކެމްޕެއިންގެ ދަށުން ތައުލީމީ ދާއިރާގެ ޚިދުމަތުގައި ތިބި މުއައްޒަފުންނަށް މުސާރައާ އެއްވަރުގެ އެލަވަންސެއް ދީގެން އިތުރަށް ތަމްރީކުރުމުގެ އުސޫލު އެޑިއުކޭޝަން މިނިސްޓްރީ އިން މިއަދު އާންމުކޮށްފި އެވެ.
އެޑިއުކޭޝަން މިނިސްޓްރީ އިން މިއަދު އާންމުކުރި އުސޫލުގައި މި އަހަރަށް ތަމްރީންކުރުމަށް ކަނޑައަޅާ ދާއިރާތަކާއި ތަމްރީންވުމަށް ފަހު މަސައްކަތްކުރަން ޖެހޭ އޮފީސްތަކަކީ ކޮބައިކަމާއި އަދި މި އުސޫލުގެ ދަށުން މީހުންތަމްރީން ކުރުމަށް ކަނޑައަޅާ ފެންވަރު ހިމަނާފައިވެ އެވެ. އަދި މީގެ އިތުރުން މަތީ ތައުލީމަށް އެދި ފޯމް ހުށަހަޅާ ފަރާތްތަކަށް ޕޮއިންޓްދެވޭނެ އުސޫލު ވެސް ހިމަނާފައިވެ އެވެ.
އެޑިއުކޭޝަން މިނިސްޓްރީ އިން ބުނީ މިތަމްރީން ޕްރޮގްރާމްގެ ދަށުން ޚިދުމަތުގައި ތިބި މުއައްޒަފުންގެ ތެރެއިން މިއަހަރު 101 ޓީޗަރުންނަށް މުސާރައިގެ އެލަވަންސާ އެކު ކިޔެވުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ.
އެ މިނިސްޓްރީ އިން ބުނީ މުސާރަައާ އެއްވަރުގެ އެލަވަންސަށް އެދި ފޯމް ހުށަހެޅުމުގެ ފުރުސަތު އަންނަ މާޗު މަހުގެ ދެ ވަނަ ދުވަހާ ހަމައަށް ހުޅުވާލެވިފައިވާ ކަމަށެވެ.
އަދި ހަމައެއާ އެކު އެ މިނިސްޓްރީ އިން ބުނީ ޓީޗަރުންނަކީ ގާބިލް ބަޔަކަށް ހެދުމަށް "ތަހުޒީބު މުޖުތަމައުއަކަށް ގާބިލް ޓީޗަރުން"ގެ ސިޔާސަތުގެ ދަށުން ހިދުމަތުގައި ތިބި މުއައްޒަފުންނަށް މަތީތައުލީމު ދިނުމަށް ގިނަ މަސައްކަތްތަކެއް އެ މިނިސްޓްރީ އިން ކުރަމުން އަންނަ ކަމަށެވެ.
އެގޮތުން މިހާރު ތައުލީމީ ދާއިރާގައި މަސައްކަތް ކުރާ ޓީޗަރުންގެ ތެރެއިން ޑިޕްލޮމާއިން ދަށުގެ ސަނަދުތަކުގައި ތިބި ފަރާތްތައް ޑިޕްލޮމާއިން މަތީ ސަނަދުތަކަށް ކިޔެވުމަށް ފުރުސަތު ހޯދައިދިނުމަށް ރާއްޖެ އާއި ރާއްޖެ އިން ބޭރުން ގިނަ ފުރުސަތުތަކެއް ހޯދައިދިނުމަށް އަންނަނީ މަސައްކަތްކުރަމުން ކަމަށް އެޑިއުކޭޝަނުން ބުންޏެވެ.
އެ މިނިސްޓްރީގެ އަމާޒަކީ ސްކޫލުތަކުގައި މަސައްކަތްކުރާ 2000 ވަރަކަށް ބިދޭސީ ޓީޗަރުންގެ ބަދަލުގައި މަސައްކަތްކުރާނެ ދިވެހިން ކުރިއަށް އޮތް 10 އަހަރުތެރޭ އުފެއްދުން ކަމަށް ވެސް އެ މިނިސްޓްރީ އިން ބުންޏެވެ.