10 Feb 2011, 17:07
ސާކްގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް ކުރީގެ ބަންޑާރަ ނާއިބު ފާތިމަތު ދިޔާނާ ސައީދު އައްޔަންކުރެއްވުމަށް ސާކުގެ ހާރިޖީ ވަޒީރުންގެ މަޖިލީހުން ނިންމަވައިފި އެވެ.
ފޮރިން މިނިސްޓްރީން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނަނީ، ދިޔާނާ އެ މަގާމަށް އައްޔަންކުރެއްވުމަށް ޚާރިޖީ ވަޒީރުން ތާއީދުކުރައްވައިފައި ވަނީ މި މަހުގެ ހަތް ވަނަ ދުވަހު ބޫޓާންގެ ވެރިރަށް ތިމްޕޫގައި ބޭއްވި ސާކްގެ ކައުންސިލް އޮފް މިނިސްޓާޒްގެ 33 ވަނަ ބައްދަލުވުމުގައި ކަމަށެވެ. ސާކުގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމާ އެކަމަނާ ރަސްމީކޮށް ހަވާލުވެވަޑައިގަންނަވާނީ އަންނަ މާޗް މަހު ކަމަށް ވެސް ފޮރިން މިނިސްޓްރީން ބުންޏެވެ.
ދިޔާނާއަކީ އެމަގާމަށް އައްޔަންކުރައްވާ އެންމެ ހަގު، އަދި ފުރަތަމަ އަންހެން ބޭފުޅާ އެވެ. އޭނާގެ ކުރިން ސާކުގެ ސެކްރެޓަރީ ޖެނެރަލްކަން ކުރެއްވި ހަމައެކަނި ދިވެއްސަކީ ސްޕެޝަލް އެންވޯއި ޓު ދަ ޕްރެސިޑެންޓް އިބްރާހީމް ހުސައިން ޒަކީ އެވެ.
ކައުންސިލް އޮފް މިނިސްޓާޒްގެ ބައްދަލުވުމުގައި ރާއްޖޭގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ، ފޮރިން އެފެއާޒްގެ ސްޓޭޓް މިނިސްޓާ އަހްމަދު ނަސީމާއި ދެކުނު އޭޝިޔާ އަށް ދިވެހި ސަރުކާރުން ކަނޑައަޅުއްވާފައި ހުންނަވާ ހާއްސަ މަންދޫބު ފާތިމަތު ދިޔާނާ ސައީދާއި ފޮރިން މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ މުހައްމަދު ނަސީރެވެ.