08 Apr 2010, 13:02
14:30
ނ. މާފަރުގައި އެއާޕޯޓް އެޅުމަށް ކަނޑައަޅައިފައިވާ ބިމުގައިވާ ރުއްގަނޑުގެ ސަރަހައްދު ބަންދުކޮށްގެން އެ ރުއްގަނޑުގެ ބަދަލު ރައްޔިތުންނަށް ނުދީ އެތަނުން ހޮވާ ކާށި ރައްޔިތުންނަށް ވިއްކަމުންދާ ކަމަށް ބުނެ އެ ރަށުގެ ބައެއް މީހުން ޝަކުވާކުރަން ފަށައިފި އެވެ.
ސަންއެފްއެމްގެ ރައްޔިތުންގެ ނޫހުގައި ބައިވެރިވެ އެކިފަހަރުމަތިން ޝަކުވާކޮށްފައިވާ މާފަރުގެ ބައެއް ރައްޔިތުން ބުނީ، އެ ރަށުގައި އެއާޕޯޓް އެޅުމަށް ކަނޑައަޅައިފައިވާ ސަރަހައްދުގެ ރުއްތަކުގެ ބަދަލު ރައްޔިތުންނަށް ނުދީ، އެތަން ވަކި ބަޔަކަށް ކުއްޔަށްދީގެން، ހުއްދައެއް ނެތި އެ ސަރަހައްދުގައިވާ ރުއްތަކުން ކާށި ވިއްކަމުންދާ ކަމަށެވެ.
މީގެ އިތުރުން އެއަރޕޯޓް އެޅުމަށް ކަޑައަޅައިފައިވާ ސަރަހައްދުގައިވާ ބަންޑާރަ ރުއްތަކުގެ ބަދަލު ރައްޔިތުންނަށް ދޭނެ ކަމަށް ސަރުކާރުން ވައުދުވެފައި ވީނަމަވެސް މިހާތަނަށް ބަދަލު ދީފައިނުވާ ކަމަށް އެރަށު މީހަކު ބުންޏެވެ. އަދި އެ ސަރަހައްދަށް ރައްޔިތުނަށް ނުވަދެވޭ ގޮތަށް ވަށައިގެން ދަގަނޑު ޖަހާ ބަންދުކޮފައިވާ ކަމަށް ވެސް އެ ރަށުން ވާހަކަ ދެއްކި މީހަކު ބުންޏެވެ.
މިކަމާ ގުޅިގެން މާފަރު ކަތީބު އަހުމަދު ބަދީއު މިއަދު ވިދާޅުވީ އެ ސަރަހައްދުގައިވާ ބަންޑާރަ ރުއްތަކަކީ ސަރުކާރުގެ މިލްކެއް ކަމަށާއި ނަމަވެސް ސަރުކާރުން އެ ރުއްތަކުގެ ބަދަލު ދިނުމަށް އެއްބަސްވެފައިވާ ކަމަށެވެ. އަދި ސަރުކާރުގެ ވިސްނުން މިހާރު ހުރީ އާންމު ރައްޔިތުންނާއި ރަށުގެ ތަރައްގީއަށް މަގުފައިވާ ގޮތަށް އެ ރުއްތަކުގެ ބަދަލުދިނުމަށް ކަމަށް ވެސް ކަތީބު ވިދާޅުވި އެވެ.
ކަތީބު އިތުރަށް ވިދާޅުވީ އެ ސަރަހައްދުގައިވާ ރުއްތަކުން ކާށި ވިއްކަމުންދާކަމުގެ މައުލޫމާތު ލިބިފައިނުވާ ކަމަށެވެ. ނަމަވެސް ދަރު ފަދަ ތަކެތި ހޯދުމަށް އެ ސަރަހައްދަށް ނުވަދެވޭ ކަމުގެ ޝަކުވާ ލިބިފައިވާ ކަމަށާއި މިއަދުން ފެށިގެން ރައްޔިތުންނަށް އެ ސަރަހައްދަށް ވަދެވޭނެ މަގު ތަނަވަސްކޮށްދީފައިވާނެ ކަމަށް ވެސް ކަތީބު ވިދާޅުވި އެވެ.
މާފަރު ކައުންސިލަރ އިބްރާހިމް އަބޫބަކުރު މިއަދު ވިދާޅުވީ އެ ސަރަހައްދުގައިވާ ބަންޑާރަ ރުއްތަކުގެ ބަދަލު ދިނުމަށް ސަރުކާރުން ވައުދުވެފައިވީ ނަމަވެސް އެ ބަދަލު އަދި ދީފައިނުވާ ކަމަށެވެ. އަދި ބަދަލު ނުދިނުމުގެ ސަބަބުން ރައްޔިތުންގެ ފަރާތުން ތަފާތު ޝަކުވާ ލިބެމުންދާ ކަމަށް ވެސް ކައުންސިލަރ ވިދާޅުވި އެވެ.