ސައުދީ އަރަބިއްޔާގެ މުއްސަނދި، ޕްރިންސް އަލް ވަލީދު ބިން ތަލާލް ޓީވީ ޗެނަލެއް އުފައްދަވައިފި އެވެ.

ފްރާންސް 24 ބުނީ އަލް އަރަބްގެ ނަމުގައި ވަލީދު އުފެއްދެވި އައު ޓީވީ ޗެނަލް ގާއިމްކޮށްފައި ވަނީ ބަހްރައިންގައި ކަމަށާއި އެތަނުގެ ހިދުމަތް އިއްޔެ ފަށާފައިވާ ކަމަށެވެ. އަދި ބުނީ އެ ޓީވީން ފުރަތަމަ ގެނެސްދިން ހަބަރަކީ އިސްލާމިކް ސްޓޭޓް ( އައިއެސް) އިން ރަހީނުކޮށްފައިވާ ޖަޕާންގެ ކޭންޖީ ގޮތޯ ގަތުލުކުރި ހަބަރު ކަމަށެވެ.

އަރަބި ބަހުން ހަބަރު ފެތުރުމުގައި މިހާރު އެންމެ ބޮޑު މަޝްހޫރުކަމެއް ހޯދާފައިވާ ގަތަރުގެ އަލްޖަޒީރާ އާއި ސައުދީ އަރަބިއްޔާގެ ކުރީގެ ރަސްގެފާނު ފަހުދުބިން އަބުދުލް އަޒީޒުގެ ޅިޔަނަކު ހިންގަވާ އަލް އަރަބިއްޔާއާ ވާދަކުރާނެ ޗެނަލަކަށް އަލް އަރަބް ވާނެ ކަމަށް ބެލެވެ އެވެ.

އަލް އަރަބް ޗެނަލްގެ ޖެނެރަލް މެނޭޖަރުގެ ޖަމާލް ޚަޝޫގީ ވިދާޅުވެފައި ވަނީ އެ ޗެނެލުން ހަބަރުފޮނުވާނީ ވަކި ފަރާތަކަށް ނުޖެހި ކަމަށެވެ.

ޕްރިންސް އަލްވަލީދަކީ މިދިޔަ ޖެނުއަރީމަހުގެ 23 ވަނަ ދުވަހު އަވަހާރަވި، ސައުދީ އަރަބިއްޔާގެ ކުރީގެ ރަސްގެފާނު ޢަބުދުﷲ ބިން ޢަބުދުލް ޢަޒީޒު އަލް ސައުދަށް ބޮޑުބޭބެވިދާޅުވާ ބޭފުޅެކެވެ.