02 Feb 2015, 12:33
ސްޕެނިޝް ލީގުގައި ރޭ ވިލަރެއާލްއާ ދެކޮޅަށް ކުޅުނު މެޗު ކާމިޔާބުކޮށް ތާވަލްގެ އެއްވަނައިގައި އޮތް ރެއާލް މެޑްރިޑާ އެއް ޕޮއިންޓް ގާތަށް ބާސެލޯނާ ޖެހިލިއިރު، އެސްޕެންޔޮލްއާ ދެކޮޅަށް ސެވިއްޔާ ކުޅުނު މެޗު ކާމިޔާބުކޮށް، އެ ޓީމް ތާވަލްގެ ހަތަރު ވަނައަށް ޖެހިލައިފި އެވެ.
ރޭގެ މެޗާއެކު ބާސާ ވަނީ މިހާތަނަށް ލީގުގައި 21 މެޗު ކުޅެ މުޅިއެކު 50 ޕޮއިންޓު ހޯދާފައެވެ. އެ ޓީމަށްވުރެ އެއް މެޗު މަދުން ކުޅުނު ރެއާލް ތާވަލްގެ އެއްވަނައިގައި އޮތީ 51 ޕޮއިންޓާއެކު އެވެ. ރޭގެ ކާމިޔާބީއާއެކު ސެވިއްޔާ މިހާރު ލީގުގައި މުޅިއެކު 42 ޕޮއިންޓު ހޯދާފައި ވާއިރު، ތާވަލްގެ ތިންވަނައިގައި 47 ޕޮއިންޓާއެކު އޮތީ އެތުލެޓިކޯ މެޑްރިޑެވެ.
ރޭ އަމިއްލަ ދަނޑުގައި ބާސާ ކުޅުނު މެޗު 3-2ގެ ނަތީޖާއަކުން އެ ޓީމް ކާމިޔާބު ކުރިނަމަވެސް، މެޗުގައި އެ ޓީމަށް ޖެހުނީ ވިލަރެއާލްގެ ފަހަތުން ދުވާށެވެ. ފުރަތަމަ ހާފްގެ 30 ވަނަ މިނެޓުގައި ބާސާގެ ސަޕޯޓަރުން ސިއްސުވާލުމަށް ފަހު ވިލަރެއާލްގެ ޑެނިސް އެ ޓީމަށް ލީޑު ހޯދަދިންއިރު، ބާސާއަށް މެޗުގެ ނަތީޖާ ހަމަހަމަ ކޮށްދިނީ ފުރަތަމަ ހާފްގެ އެންމެ ފަހު މިނެޓުގައި ނޭމާ އެވެ.
މެޗުގެ ދެވަނަ ހާފް ފެށިތާ ހަ މިނެތުތެރޭ ލޫސިއާނޯ ވިއެއްޓޯ ކާމިޔާބުކުރި ލަނޑާއެކު މެޗުގެ ލީޑް ދެވަނަ ފަހަރަށްވެސް ނެގީ ވިލަރެއާލް އެވެ. ނަމަވެސް އޭގެ ދެ މިނެޓު ބާސާގެ މިޑްފީލްޑަރު ރަފީނިއާ ވަނީ އެ ޓީމަށް ނަތީޖާ ހަމަހަމަ ކޮށްދީފައެވެ. ބާސާއަށް ފުރަތަމަ ފަހަރަށް މެޗުގައި ލީޑު ނެގުނީ ރަފީނިއާ ނަތީޖާ އެއްވަރު ކޮށްދިންތާ ދެ މިނެޓު ފަހުން މެސީ ކާމިޔާބު ކުރި ލަނޑާއެކު އެވެ. އެ ލަނޑާއެކު ވިލަރެއާލް ނަތީޖާ ހަމަހަމަ ކުރަން މަސައްކަތް ކުރި ނަމަވެސް، އެ ޓީމަށް ވަނީ އެކަން ކާމިޔާބު ނުވެފައެވެ.
އެސްޕެންޔޮލްއާ ދެކޮޅަށް ރޭ ސެވިއްޔާ ކުޅުނު މެޗު އެ ޓީމްވެސް ކާމިޔާބުކުރީ 3-2 ގެ ނަތީޖާއަކުންނެވެ. މެޗުގެ ލީޑު ފުރަތަމަ ނެގީ އެސްޕެންޔޮލް އެވެ. ލިބުނު ޕެނަލްޓީއެއް ކާމިޔާބުކޮށް، މެޗުގެ 15 ވަނަ މިނެޓުގައި އެސްޕެންޔޮލްއަށް ލީޑު ހޯދަދިނީ ސްޓުއާނީ އެވެ. އޭގެ 11 މިނެޓު ފަހުން ހޯޒޭ ރޮޒާރިއޯ ކާމިޔާބު ކުރި ލަނޑާއެކު ސެވިއްޔާ މެޗުގެ ނަތީޖާ ހަމަހަމަ ކުރިއިރު، 35 ވަނަ މިނެޓުގައި ވޮޓޮއްލޯ ކާމިޔާބުކުރި ލަނޑާއެކު ސެވިއްޔާ ފުރަތަމަ ފަހަރަށް މެޗުގައި ލީޑު ނެގިއެވެ.
ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ އެ މެޗުގެ 40 ވަނަ މިނެޓުގައި އެސްޕެންޔޮލްގެ ގޯލްކީޕަރު ކިކޯ ކެސިލާއަށް ވަނީ ސީދާ ރަތް ކާޑެއް ދައްކާ ދަނޑުން ފޮނުވާލާފައެވެ. އޭނާގެ ބަދަލުގައި އެ ޓީމްގެ ބަދަލު ކީޕަރު ޕޯ ލޮޕޭޒް ކުޅެން އެރިއިރު، އެސްޕެންޔޮލްއަށް މެޗުގެ ބާކީ ބައި ކުޅުން ޖެހުނީ 10 ކުޅުންތެރިންނާ އެކު އެވެ.
އެއް ކުޅުންތެރިއަކު މަދުން ކުޅުނު ނަމަވެސް، މެޗުގެ 77 ވަނަ މިނެޓުގައި އެސްޕެންޔޮލްގެ ސަންޗޭޒް މާޓާ ވަނީ އެ ޓީމަށް މެޗުގެ ނަތީޖާ ހަމަހަމަ ކޮށްދީފައެވެ. ނަމަވެސް މެޗުގެ އެންމެ ފަހު މިނެޓުގައި އިއާގޯ އަސްޕަސް ކާމިޔާބުކުރި ލަނޑާއެކު އެސްޕެންޔޮލްގެ މައްޗަށް ކުރި ހޯދައި، މެޗު ކާމިޔާބު ކުރީ ސެވިއްޔާ އެވެ.