ުމިއަދު ހެނދުނު ހއ. ފިއްލަދޫ ކައިރިން ފެނުނު ކިނބުލަކީ އިއްޔެ އެ އަތޮޅު ހޯރަފުށި ކައިރިން ފެނުނު ކިނބޫ ނޫން ކަމަށް ފިއްލަދޫ ކައުންސިލުން ބުނެފި އެވެ.

ފިއްލަދޫ ކައުންސިލު އިދާރާގެ އެޑްމިނިސްޓްރޭޓިވް އޮފިސަރު އަބްދުﷲ އިހުވާނު މިއަދު 'ސަން' އަށް ވިދާޅުވީ ފިއްލަދޫ ފުއްޓަރު ފަރާތުން މިއަދު ކިނބޫ ފެނިފައި ވަނީ ރަށާ ވަރަށް ކައިރިން ކަމަށާއި ކިނބޫ ފެނުނީ މަންމަނު ކުއްޖަކަށް ކަމަށެވެ. އަދި އޭނާ ބަލަން ހުއްޓައި ކިނބޫ ކަނޑަށް ފައިބައިގެން ގޮސްފައިވާ ކަމަށް އޭނާއާ ހަވާލާދީ އިހުވާން ވިދާޅުވި އެވެ.

އަދި ފިއްލަދޫ ކައިރިން މިއަދު ފެނުނީ އިއްޔެ ހޯރަފުށި ކައިރިން ފެނުނު ކިނބޫ ނޫން ކަމަށާއި މިއަދު ފިއްލަދޫން ކިނބޫ ފެނުނު ވަގުތު، ހޯރަފުށި ކައިރިން ފެނުނު ކިނބޫ ހިފަން މަހަށް ދިޔަ ބަޔަކު އުޅުނު ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް އިހުވާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކިނބޫ ފެނުމާ އެކު ރަށު ރައްޔިތުންގެ ސަމާލުކަމަށް އެކަން ގެނެސް މޫދަށް އެރި އުޅުމުގައި ސަމާލުވުމަށް ރައްޔިތުންނަށް އިލްތިމާސްކޮށްފައި ވާނެ ކަމަށެވެ.

ހޯރަފުށި ކައިރިން އިއްޔެ ފެނުނު ކިނބޫ، ހިފަން މަސައްކަތް ކުރުމުގެ ތެރޭގައި އެމްއެންޑީއެފް ބޭފުޅުންގެ އަތުން ކިނބޫ ވަނީ ދޫވެފަ އެވެ. މިދުވަސްވަރަކީ ރާޖޭގެ ކަނޑުގެ އެކި ސަރަހައްދުތަކުން ކިނބޫ ގިނަ އަދަދަކަށް ފެންނަ ދުވަސްވަރެކެވެ. އެގޮތުން ލ. އިސްދޫކަލައިދޫ ކައިރިން ކިނބުލެއް ހިފައި މިހާރު އޭތި ވަނީ ފުލުހުންނާ ހަވާލުކޮށްފަ އެވެ.