ސަރުކާރުން މަސްވެރިންނަށް ދޭން ނިންމާފައިވާ "ބެޔަސް ނުބެޔަސް" ސުކީމުގައި ގިނަ އަދަދެއްގެ މަސްވެރިން ބައިވެރި ނުވުމަކީ އެ ސުކީމް ފެއިލްވުން ނޫން ކަމަށާއި އެކަމަކީ އެ ސުކީމްގެ ކާމިޔާބުކަން ދައްކުވައިދޭ ކަމެއް ކަމަށް ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ވިދާޅުވެއްޖެ އެވެ.

"ސަން" އަށް މިއަދު ދެއްވި ހާއްސަ އިންޓަވިއުއެއްގައި ޑރ. ޝައިނީ ވިދާޅުވީ، "ބެޔަސް ނުބެޔަސް" ސުކީމް ވަނީ ފެއިލްވެފައި ކަމަށް ބުނެ ބައެއް ފަރާތްތަކުން ވާހަކަ ދައްކަމުން އަންނަ ކަމަށެވެ. އަދި އެ ސުކީމްގައި މަސްވެރިން ބައިވެރިނުވުމަކީ އެކަމުގެ ހެއްކެއް ކަމަށް އެ ފަރާތްތަކުން ބުނަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ މަގްސަދަކީ ކޮންމެ މަސްވެރިއަކީ މަދުވެގެން 10،000ރ. ލިބޭ މީހަކަށް ހެދުން. މި އިންޝުއަރެންސް ސުކީމުގައި މަސްވެރިން ބައިވެރިނުވަނީ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އެއީ އެއަށް ވުރެއް ރަނގަޅަށް ލާރި ލިބޭތީވެ. އަނެއްކާ އަޅުގަނޑުމެން މަސްވެރިން ގާތު ސުވާލު ކުރުމުން މަސްވެރިން އެބަ ވިދާޅުވޭ ތިމަންނަމެނަށް މަހަކަށް އެވްރެޖްކޮށް 10،000ރ. އަށް ވުރެއް ގިނައިން ލިބެއޭ. އެހެންވީމަ އެއަށްވުރެ މަދުން ލިބޭ އެއްޗަކަށް ބައިވެރިވުމަކީ ތިމަންނަ މެނަށް އެހާ މުހިއްމު ކަމަކަށް ނުވެއޭ މަސްވެރިން އެބަ ވިދާޅުވޭ،" ޝައިނީ ވިދާޅުވި އެވެ.

ޑރ. ޝައިނީ ވިދާޅުވީ، ދިވެހިންގެ ތެރޭގައި ފަހުން ލިބިދާނެ ގެއްލުމަކަށް ވިސްނުމުގެ "އާދަކާދައެއް" ނެތް ކަމަށެވެ. އެހެންކަމުން ދިވެހިންގެ ތެރޭގައި ނެތް ކަމެއް ގެންނަން އުޅުމަށް ހުރަސްތަކަކާ ކުރިމަތިލާން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ، މި ސުކީމުގައި ބައިވެރިވާ ފަރާތްތަކަށް ދޭންޖެހޭ ލުއިތައް ވެސް ސަރުކާރުން އަންނަނީ ދެމުން ކަމަށެވެ.

"މި ޕްރޮގުރާމް މިއޮތީ ފެއްޓިފައި. މީގައި ބައިވެރިވާ މީހުންނަށް އޮތީ ފުރުސަތު ހުޅުވިފައި. ގަދަކަމަކުންނެއް އަޅުގަނޑުމެންނަކަށް މީހުނެއް މިއަކަށް ނުވެއްދޭނެ. އަދި ނުވެސް ގެނެވޭނެ،" ޝައިނީ ވިދާޅުވި އެވެ.

ޒުވާން މަސްވެރިން ނެރުމަކީ ވެސް ސަރުކާރުން ގެންގުޅޭ ވަރަށް މުހިއްމު ސިޔާސަތެއް ކަމަށް ޑރ. ޝައިނީ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ، މިދިޔަ އަހަރުވެސް އެކަނި 1000 ވަޒީފާ ފިޝަރީޒް މިނިސްޓްރީން އުފައްދާފައިވާ ކަމަށެވެ. އެހެންނަމަވެސް އެ ވަޒީފާތަކަށް މީހުން ނުކުތުމަށް ބައެއް ހުރަސްތައް އެބަހުރި ކަމަށް އޭނާ ވިދާޅުވި އެވެ.

"ބައެއް ބޭފުޅުންނަކީ އަދި ވަޒީފާގެ ފުރުސަތު ލިބުނުކަމުގައި ވިއަސް ވަޒީފާއަށް އަންނަން ބޭނުންވާ ފަރާތެއް ނޫން. އެހެންވީމަ އަމިއްލަ އަށް ވަޒީފާ އަދާ ނުކުރުމާ ވަޒީފާގެ ފުރުސަތުތައް އަޅުގަނޑުމެން ހޯދައިދިނުމަކީ ތަފާތު ކަމެއް. ސަރުކާރުން އަނެއްކާވެސް ގަދަކަމަކުން މީހުން ގެނެސްގެން ވަޒީފާއަކު ނުބޭތިއްބޭނެ،" ޝައިނީ ވިދާޅުވި އެވެ.

ސަރުކާރުން ދަނޑުވެރިކަމާއި މަސްވެރިކަމުގެ މަސައްކަތް ކުރުމަށް ދޫކޮށްފައިވާ ބައެއް ރަށްތަކުން މީގެ އެތައް އަހަރެއް ވެގެން ދިޔައިރުވެސް މަސައްކަތް ކޮށްފައި ނުވާކަން ފާހަގަކޮށް މިނިސްޓަރު ޝައިނީ ވިދާޅުވީ، ސަރުކާރުން އެފަދަ ގޮތްގޮތަށް ރަށްތައް ދޫ ނުކުރާނެ ކަމަށެވެ.

"މިސާލަކަށް މިދިޔަ ދިހަ އަހަރު ކީކިމިނީ ނުހުޅިވިގެން ދިޔައީ. އެކަމަކު މި ސަރުކާރުން އައިސްފައި ވަކި މީހަކަށް އަޅުގަނޑުމެން ނުބަލަން. ރައީސް ޔާމީން ވިދާޅުވެފައި އޮތީ ތިމަންނަމެން ނުބަލާނަމޭ މޫނަކަށް ކަނދުރާއަކަށް ކަންކަން ކުރުމުގައެއް. އެކަން އަޅުގަނޑުމެންނަށް ފެނިގެން އެދަނީ. އޮންނަ އުސޫލަކުން އަޅުގަނޑުމެން ކަންކަން ކުރާނަން. ނަގަން ޖެހިއްޖެ ރަށެއް ނަގާނަން. މަސައްކަތް ނުކޮށްފިއްޔާ ރަށްތައް ނެގޭނެ. މަސް ބަނދަރުތައް ވެސް ނެގޭނެ އެ ބަނދަރުތައް ހުންނަ ގޮތަށް ނުހުންނަންޏާ." ޝައިނީ ވިދާޅުވި އެވެ.