02 Feb 2015, 12:24
އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ސްވޮންސީ ސިޓީއާ ދެކޮޅަށް ސައުތޭމްޕްޓަން ކުޅުނު މެޗުން އެ ޓީމް ބަލިވިއިރު، އެސްޓަން ވިލާއާ ދެކޮޅަށް އާސެނަލް ކުޅުނު މެޗު 5-0ގެ ތަފާތު ބޮޑު ނަތީޖާއަކުން ކާމިޔާބުކޮށް، އާސެނަލް ސައުތޭމްޕްޓަނާ ޕޮއިންޓުގެ ގޮތުން ހަމަހަމަ ކޮށްފި އެވެ.
ރޭގެ ކާމިޔާބީއާއެކު އާސެނަލް ވަނީ ލީގުގައި މިހާތަނަށް 42 ޕޮއިންޓް ހޯދާފައެވެ. ނަމަވެސް އެ ޓީމާ ޕޮއިންޓުގެ ގޮތުން ހަމަހަމަ ސައުތޭމްޕްޓަން ތާވަލްގެ ހަތަރުވަނައިގައި އޮތީ އެ ޓީމަށްވުރެ ފައިދާ ލަނޑު އިތުރު ވުމުންނެވެ. އެ ދެ ޓީމަށް ވުރެ އެއް ޕޮއިންޓް ކުރީގައި އުޅޭ މެންޗެސްޓާ ޔުނައިޓަޑް މިހާރު ތާވަލްގެ ތިންވަނައިގައި އޮތްއިރު، ތާވަލް އަދިވެސް ލީޑު ކުރަމުން ދަނީ 48 ޕޮއިންޓާއެކު ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީއަށްވުރެ ފަސް ޕޮއިންޓް ކުރީގައި އުޅޭ ޗެލްސީ އެވެ.
ރޭ އާސެނަލް ކުޅުނު މެޗުގައި އެ ޓީމް ލީޑު ނެގީ އޮލީވިއާ ޖިރޫ ކާމިޔާބުކުރި ލަނޑާއެކު މެޗުގެ އަށްވަނަ މިނެޓުގައެވެ. މެޗުގައި އަވަސް ލީޑެއް ލިބުނު ނަމަވެސް، އެ ޓީމަށް ވަނީ މެޗުގެ ފުރަތަމަ ހާފްގައި އިތުރު ލަނޑެއް ކާމިޔާބު ކުރެވޭގޮތް ނުވެފައެވެ.
މެޗުގެ ދެވަނަ ހާފް ފެށިތާ 11 މިނެޓުތެރޭ އާސެނަލްއަށް ލީޑު ފުޅާކޮށްދިނީ އަނިޔާގެ ސަބަބުން ގިނަ ދުވަސްތަކެއް ވަންދެން ކުޅުމާއި ދުރުގައި ހުންނަން ޖެހުނު މެސޫޓް އޮޒިލް އެވެ. އޭގެ އިތުރުން ގިނަ ދުވަސްތަކަކަށްފަހު ތިއޯ ވޮލްކޮޓްވެސް އާސެނަލްގެ ފުރަތަމަ 11 އިން ފެނިގެން ދިޔައިރު، މެޗުގެ 63 ވަނަ މިނެޓުގައި އާސެނަލްގެ ތިންވަނަ ލަނޑު ކާމިޔާބު ކުރީ ވޮލްކޮޓްއެވެ.
މެޗުގައި އާސެނަލްގެ ހަތަރުވަނަ ލަނޑު ލިބުނު ޕެނަލްޓީއަކުން ސަންތީ ކަޒޯލާ ކާމިޔާބުކުރިއިރު، މެޗުގެ ފަސްވަނަ ލަނޑު އަސެނަލްއަށް ކާމިޔާބު ކޮށްދިނީ ފުރިހަމަ ވަގުތު ހަމަވެ މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ހެކްޓާ ބެލެރިން އެވެ. އެ މެޗުގެ ނަތީޖާއާއެކު އެސްޓަން ވިލާ ތިން ޕޮއިންޓުގެ ތަފާތަކުން ލީގުގެ ރެލިގޭޝަން ޒޯންގެ ތުންފަތްމަތީ އޮތްއިރު، އެންމެ ފަހުން ލީގުގައި ކުޅުނު އަށް މެޗުންވެސް އެ ޓީމް ވަނީ ބަލިވެފައެވެ.
އާސެނަލް ކުޅުނު މެޗާ ހިލާފަށް ރޭ ސައުތޭމްޕްޓަން ސްވޮންސީ ސިޓީ އަތުން ބަލިވީ 1-0ގެ ނަތީޖާއަކުންނެވެ. މެޗުގެ ގިނަ ވަގުތު ސައުތޭމްޕްޓަން ބޯޅަ ހިފައްޓައިގެން ކުޅުނު ނަމަވެސް އެ ޓީމަށް ވަނީ މެޗުގައި ސްވޮންސީގެ ގޯލު ހުޅުވާލެވޭ ގޮތް ނުވެފައެވެ.
މެޗުގައި ފެނިގެން ދިޔަ ހަމައެކަނި ލަނޑު ސްވޮންސީއަށް ކާމިޔާބު ކޮށްދިނީ 83 ވަނަ މިނެޓުގައި އެ ޓީމްގެ ޖޮންޖޯ ޝެލްވީ އެވެ. އަދި ސައުތޭމްޕްޓަނަށް މެޗުގެ ނަތީޖާ ހަމަހަމަ ނުކުރެވުނުއިރު، މެޗުގެ އެންމެ ފަހު މިނެޓުގައި އެ ޓީމްގެ ޑިފެންޑަރު ރަޔަން ބާޓްރެންޑް ކުރި ފައުލަކާއި ގުޅިގެން އޭނާއަށް ވަނީ ސީދާ ރަތް ކާޑެއް ދައްކާ ދަނޑުން ފޮނުވާލާފައެވެ.
ޕްރިމިއާ ލީގުގެ މެޗުތައް ދެން އެންމެ އަވަހަށް ކުޅެން ހަމަޖެހިފައި ވަނީ މިމަހުގެ ހަތެއް ވާ ހޮނިހިރު ދުވަހު އެވެ.