ދ. ކުޑަހުވަދޫ، ހިރިނާދޫ، އަބްދުﷲ މާއިލް، 24، ގެއްލުނު ށ. ފިރުނބައިދޫ ވަރުވާއަށް ނަގައިގެން އެރަށުގައި ދަނޑުވެރިކަމުގެ މަސައްކަތް ކުރި މީހުން އެރަށް ދޫކޮށް ހިންގައްޖެ އެވެ.

މާއިލް އާއެކު ދެން އެރަށުގައި އެންމެ ފަހުން ހުރި ށ. ފުނަދޫ، ހަސަން އަލީ (ހަސަންބެ)، 62، މިއަދު 'ސަން' އަށް ބުނީ، އޭނާ ފިރުނބައިދޫއިން ފައިބައި އެރަށުގައި ގެންގުޅުނު ސާމާނުތައް މީހަކާ ހަވާލުކޮށްފައިވާ ކަމަށެވެ. އެރަށުން ފޭބީ އެކުގައި އުޅޭނެ މީހަކު ނެތީމަ ކަމަށް ވެސް ހަސަންބެ ބުންޏެވެ.

"ރަށަކު ނޯވޭ މާ ބޮޑު ދަނޑުވެރިކަމެއްވެސް. ކުޑަ ކަރާވެލެއް އޮންނަނީ. އޭގެއިންވެސް އެއްޗެއް ނުލިބޭ މީދަލާއި ހެދި. ދެން އެކުގައި އުޅޭނެ މީހެއް ނެތީމަ ރަށުން ފޭބީ،" ހަސަންބެ ބުންޏެވެ.

އޭނާ ބުނިގޮތުގައި އެ ފަޅުރަށަށް ދެން އޭނާ މަަސައްކަތް ކުރަންދާނީ އޭނާއާއި އެކު މަސައްކަތްކުރާނެ ދެތިން މީހަކު ލިބުމުންނެވެ.

މީގެކުރިންވެސް ހަސަންބެ ވަނީ އޭނާގެ އުފަން ރަށް އަދި މިހާރު ފަޅުރަށް ފިރުނބައިދޫގައި މަސައްކަތްކޮށްފައެވެ. އެފަހަރު ޖެހުނު މައްސަލަތަކެއްގެ ސަބަބުން އޭނާ އެރަށު ވަޒީފާއިން ވަކިވެ އެރަށަށް އަނބުރައި ދިޔައީ މިދިޔަ މަހު 25 ވަނަ ދުވަހުއެވެ. އެއީ މާއިލް އެރަށަށް ދިޔަ ދުވަހު އެވެ. އެދެމީހުން އެރަށުގައި އުޅެނިކޮށް މިދިޔަ މަހު 27 ވަނަ ދުވަހު މާއިލް ވަނީ ގެއްލިފައެވެ.

މާއިލްގެ މައްސަލައިގައި ފުލުހުން ވަނީ، ހަސަންބެއާއި ސުވާލުކޮށް މައުލޫމާތުތައް ސާފުކުރުމުގެ އިތުރުން ހަސަންބެގެ ފިންގާ ޕްރިންޓުތައް ނަގައި އެކި އޭންގަލްތަކުން ފޮޓޯވެސް ނަގާފައިކަމަށް ހަސަންބެ ބުނެއެވެ.

ހަސަންބެ ބުނާގޮތުން މާއީލް ގެއްލުނީ "ސަޖިދަ" ތަކެއް ކުރުމަށްފަހު ހިނގައިދިޔަ ކަންތައްތަކަކަށް ފަހުއެވެ. އޭގެ ފަހުން މާއިލްގެ ހަބަރެއް ނުވެއެވެ. ނަމަވެސް މާއިލްގެ އާއިލާއިން ބުނަނީ އޭނާވީތަނެއް ހަސަންބެއަށް އެނގޭނެ ކަމަށެވެ.