02 Feb 2015, 10:52
ގދ. އަތޮޅުގައި އޮއްނަ ފަޅުރަށުން ވެލާ ހިފައިގެން ކައްކައިގެން ކާ މައްސަލަ ވަރަށް ބޮޑުވެފައިވާ ކަމަށާއި ފުލުހުންނާއި ކައުންސިލަށް ވެސް އެކަން ހުއްޓުވިފައި ނުވާ ކަމަށް ގައްދޫ ކައުސިލު އިދާރާ އިން ބުނެފި އެވެ.
ގައްދޫ ކައުންސިލު އިދާރާގެ މެންބަރަކު މިއަދު 'ސަން އަށް ވިދާޅުވީ ގައްދު އާއި އެ ރަށް ކައިރީގައި އޮންނަ ގަމަށް ގޮސް ވެލާ ހިފައި ކައި ހެދުމަކީ އާންމުވެފައިވާ ކަމެއް ކަމަށާއި ކައުންސިލުގެ މަސައްކަތުން ވެސް އެކަން ހައްލުވެފައި ނުވާ ކަމަށެވެ.

ގައްދޫ ގޮނޑުދޮށުން ފެނުނު ވެލައެއް ----
"ފުލުހުންނާއި ކައުންސިލުން ވެސް ވަރަށް މަސައްކަތް ކުރި، އެކަމަކު އަދި ވެލާ ހިފުން ކޮންޓްރޯލް ކުރެވޭ ގޮތެއް ނުވޭ،" ގައްދޫ ކައުންސިލަރު ވިދާޅުވި އެވެ.ގދ. ގައްދު އާއި ކައިރީގައި އޮންނަ ގަމަކީ ނިސްބަތުން ގިނަ އަދަދަކަށް ވެލާ ބިސް އަޅަން އަރާ ރަށަކަށް ވާތީ ފިޝަރީޒް މިނިސްޓްރީ އިން 2000 ވަނަ އަހަރު ގަމުން ވެލާބިސް ނެގުން މަނާކޮށް ގަމަކީ ހިމާޔަތް ކޮށްފައިވާ ތަނެއްގެ ގޮތުގައި ވަނީ ކަނޑައަޅާފަ އެވެ.
ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ހިފުން، ކެއުން، އަދި އޭގެ ބިސް ބޭނުން ކުރުން މަނާ ވެލާގެ ބިސް ވިއްކައިގެން ގދ. ގައްދޫ މީހަކު އާމްދަނީ ހޯދާ ކަމުގެ މަސައްކަތް ކުރާ ކަމަށް ވެސް ސަން އަށް ވަނީ މައުލޫމާތު ލިބިފަ އެވެ.
ގައްދޫގެ ސަރުކާރު މުއައްސަސާއެއްގައި ވަޒީފާ އަދާ ކުރާ މީހަކު އިއްޔެ 'ސަން' އަށް ބުނީ ގައްދޫގައި ވެލާ ހިފައި ކައި ހެދުމަކީ ވެސް އާންމު ކަމެއް ކަމަށާއި އެގޮތުން އާމްދަނީ ހޯދުމުގެ ގޮތުން ވެލާ ބިހުގެ ވިޔަފާރި ކުރަމުންދާ މީހަކު އެ ރަށުގައި އުޅޭ ކަމަށެވެ. އެގޮތުން ކޮންމެ ދުވަހަކުހެން ގަމު ގޮނޑު ދޮށުން ވެލާ ބިސް ނަގައިގެން އެ ބިސް ވިއްކާ ކަމަށް އޭނާ ބުންޏެވެ.
"މީހުން އެބަޖެހޭ އޭނަ އަށް ތިނެއް ނުނީ ހަތަރު ދުވަސް ކުރިން ބިސް ގަންނަން އޯޑަރު ދޭން. އެހާ ވެލާ ބިހުގެ ޑިމާންޑު ބޮޑު" ނަން ހާމަ ނުކުރުމަށް އެދި ސަން އަށް މައުލޫމާތު ދިން ގައްދޫ މީހަކު ބުންޏެވެ.
ހާމަކަން ބޮޑުކޮށް ވެލާ ބިހުގެ ވިޔަފާރި ކުރަމުން ދާއިރު، ގައްދޫ ކައުންސިލުން އެއްވެސް ފިޔަވަޅެއް އަޅާފައި ނުވާ ކަމަށް އޭނާ ބުންޏެވެ. އެކަމާ ބެހޭ ގޮތުން ގައްދޫ ކައުންސިލު މެންބަރު ވިދާޅުވީ ވެލާ ބިސް ފާޅުގައި ވިއްކާކަން އެނގިފައި ނުވާ ކަމަށާއި ކައުންސިލު އިދާރާ އިން ސުވާލުކުރުމުން ބިސް ވިއްކުމުގެ ވިޔަވާރި ނުކުރާ ކަމަށް އެމީހާ ބުނެފައިވާ ކަމަށެވެ. އަދި ކައުންސިލުން ބެލި ބެލުމުން ވެސް ވެލާ ބިހުގެ ވިޔަފާރި ކުރާކަން އެނގިފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ސިއްރުން ކުރާ ކަމަށް މައުލޫމާތު ލިބޭ، އަޅުގަނޑުމެން ބިސް ގަންނަން މީހަކު ފޮނުވީމާ ނުވިއްކި، ފާޅުގައެއް ނުކުރޭ،" ކައުންސިލަރު ވިދާޅުވި އެވެ.
ގައްދު އާއި އަދި ގދ. އަތޮޅު އެހެން ރަށް ރަށުން ވެސް ގަމުން ވެލާ ހިފައިގެން ކައި ހަދާ ކަމަށް ބުނާ އިރު މިދިޔަ ބުރާސްފަތި ދުވަހު ގައްދޫ ހުޅަނގު ފަރާތުގައި ދެ ވެލާ ފަޅާ ލުމަށް ފަހު އޭގެ މަސް ނަގައި އަނެއްބައި މޫދަށް އުކާލާފައިވާ ކަމަށް ބުނާ ފޮޓޯތަކެއް ގައްދޫ މީހަކު ވަނީ 'ސަން' އާ ހިއްސާކޮށްފަ އެވެ. ފޮޓޯތަކުން ފެންނަ ގޮތުގައި ވެލާ ތޮށިގަނޑު ފިޔަވައި ދެންހުރި ބައިތައް ވަނީ ނަގާފަ އެވެ.
އެ ފޮޓޯތަކާ ބެހޭ ގޮތުން 'ސަން' އިން ސުވާލުކުރުމުން ގައްދޫ ކައުންސިލަރު ވިދާޅުވީ ގައްދޫ ގޮނޑުދޮށުން ފެނުނު ވެލާގެ ތޮށިގަނޑުތަކަކީ އެއީ ގައްދޫ ބަޔަކު ފެޅި ވެލާތަކެއްކަން ޔަގީން ނުވާ ކަމަށެވެ. އޭނާ ވިދާޅުވީ "ބޮޑަށް ބެލެވޭ ގޮތުން އެއީ ކައިރި ރަށަކުން އޮޔާ އައިއްސަ އޮތް ވެލާ ތޮށިގަނޑްތަކެއް" ކަމަށެވެ.

ގައްދޫ ގޮނޑުދޮށުން ފެނުނު ވެލައެއް ---
އެންވަޔަމެންޓަލް ޕޮރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ބުނީ ގައްދޫގައި ވެލާ ހިފާ ކައި އަދި ވެލާ ބިހުގެ ވިޔަފާރި ކުރާ ކަމުގެ ޝަކުވާ އެ އެޖެންސީ އަށް އެކި ގޮތް ގޮތުން ލިބިފައިވާ ކަމަށާއި އަދި އެކަމަށް އެއްވެސް ފިޔަވަޅެއް އެޅިފައި ނުވާ ކަމަށެވެ.ވެލާގައި އަތްލުމާއި ވެލާ ފަޅައި ކައި އަދި އޭގެ ވިޔަފާރި ކުރުމަކީ ގާނޫނީ ގޮތުން މަނާ ކަމެކެވެ.