ޑެންގީ ހުން ޖެހިގެން އިއްޔެ ފަސް އަހަރުގެ ކުއްޖަކު މަރުވެފައިވާ ކަމަށް ސެންޓާ ފޯ ކޮމިއުނިޓީ ހެލްތު އެންޑް ޑިޒީސް ކޮންޓްރޯލް (ސީސީއެޗްޑީސީ) ބުނެފި އެވެ.

ނަމަވެސް އެއީ ކޮން ނަމެއް ކިޔާ އަދި ކޮން ރަށެއްގެ ކުއްޖެއް ކަމެއް ސީސީއެޗްޑީސީ އަކުން ނުބުނެ އެވެ.
މާލެ އާއި އަތޮޅުތެރޭގެ ބައެއް ރަށްރަށުގައި ޑެންގީ ހުން ޖެހޭ މިންވަރު ޖެނުއަރީ މަހުން ފެށިގެން އިތުރުވަމުންދާ ކަމަށާއި މަދިރި އާލާ ނުވާ ގޮތަކަށް މަސައްކަތް ކުރުމަށް އެ ސެންޓަރުން ދަނީ އިލްތިމާސް ކުރުމުންނެވެ. އަދި އެކަން ތަކުރާރުކޮށް އަންގަމުން ދިޔަ ނަމަވެސް ބަލި އިތުރު ވަމުންދާ ނިސްބަތް ދަށްވަމުން ނުދާކަން އެ ސެންޓަރުން ވަނީ ފާހަގަ ކޮށްފަ އެވެ.

މިއަހަރުގެ މިހާތަނަށް 217 މީހަކަށް ޑެންގީހުން ޖެހިގެން ރިޕޯޓްކޮށްފައި ވާއިރު އޭގެ ތެރޭގައި ހިމެނެނީ ފަސް އަހަރުންދަށުގެ 58 ކުއްޖަކާއި ހަ އަހަރާއި 15 އަހަރާ ދެމެދުގެ 62 ކުއްޖަކާއި އަދި 15 އަހަރުން މަތީގެ 97 މީހެކެވެ.

ޑެންގީ ހުމަކީ މަދިރީގެ ޒަރީއާ އިން ޖެހޭ ހުމަކަށް ވާތީ މަދިރި އުފެދޭ ތަންތަން ބަލައި، މޮނިޓާކޮށް އަދި އެފަދަ ތަންތަން ނައްތާލުމުގެ މަސައްކަތް ސެންޓަރުން އަންނަނީ ކުރަމުން ނެވެ.

މާލޭގައި މަދިރި ގިނަވުމާ ގުޅިގެން ސީސީއެޗްޑީސީން ވަނީ މާލޭގެ އެކި ސަރަހައްދުތަކަށް ފޮގް ސްޕްރޭ ކުރުމުގެ ކަންތައް ކުރުމުގެ މަސައްކަތް ކުރަމުން ނެވެ.

ޑިޒީސް ކޮންޓްރޯލުން ބުނީ ފޮގް ސްޕްރޭ ކުރުމަށް މަދިރި ނައްތާލުމަށް އޮތް ދާއިމީ ހައްލު ނޫން ކަމަށާއި އެކަމަށް އެންމެ ރަނގަޅީ މަދިރި އުފެދޭ ގޮތަށް ހުރި ތަންތަން ބަލައި ނައްތާލުން ކަމަށެވެ.