އިނގިރޭސިވިލާތުގެ މަޝްހޫރު އެއާލައިނެއް ކަމަށްވާ ބްރިޓިޝް އެއާވޭސް ހިންގާ އިންޓަނޭޝަނަލް ކޮންސޯލިޑޭޓެޑް އެއާލައިން ގްރޫޕް (އިއާޖް)ގެ 9.9 ޕަސެންޓް ހިއްސާ ގަތަރު އެއާވޭސް އިން ގަނެފި އެވެ.

ސީއެންބީސީ ނިއުސް ބުނީ ގަތަރު އެއާވޭސް އިން ބްރިޓިޝް އިއާޖްގެ 9.9 ޕަސެންޓް ހިއްސާ ގަތީ 1.7 ބިލިޔަން ޑޮލަރަށް ކަމަށެވެ. ގަތަރު އެއާލައިންއާ ހަވާލާދީ އެ އެޖެންސީން އަދި ބުނީ އެ ކުންފުންޏާ އޮންނަ ގުޅުން އިތުރަށް ބަދަހިކޮށް ހިއްސާ އިތުރުކުރުމަށް މަސައްކަތް ކުރާނެ ކަމަށެވެ.

ގަތަރު އެއާވޭސްގެ ޗީފް އެގްޒެކެޓިވް އަކުބަރު އަލް ބާކަރު ވިދާޅުވި ކަމަށް ނޫހުން ބުނީ އިއާޖްއާ ގުޅުން ބަދަހިކުރުމުން ހުޅަނގުގެ މާކެޓަށް ވިޔަފާރި ފުޅާ ކުރުމަށް ގަތަރު އެއާވޭސް އަށް ފުރުސަތު އިތުރުވާނެ ކަމަށެވެ.

ގަތަރު އެއާވޭސް އިން އިއާޖްގެ ހިއްސާ ގަނެފައި މިވަނީ އިއާޖްގެ ހިއްސާގެ އަގު އުފުލެމުން އަންނަ ދުވަސްވަރެއްގަ އެވެ. އެގޮތުން ފާއިތުވި ތިން މަސް ދުވަސް ތެރޭގައި އެ ކުންފުނީގެ ހިއްސާގެ އަގު ވަނީ 44 ޕަސެންޓަށް އުފުލިފަ އެވެ. މިއީ އެކުންފުނި އުފެއްދި ފަހުން މިވީ ހަތަރު އަހަރުގެ ތެރޭގައި ހިއްސާގެ އަގު މިވަރަށް އުފުލުނު ފުރަތަމަ ފަހަރެވެ.