މޯލްޑިވްސް ޗެސް ފެޑަރޭޝަނުން އިންތިޒާމްކޮށްގެން ކުރިއަށް ގެންދިޔަ ގައުމީ ރާޒުވާ މުބާރާތުގެ ޗެންޕިއަންކަން ޖެހިޖެހިގެން ދެވަނަ އަހަރަށް މުހައްމަދު ހަސަން ހޯދައިފި އެވެ.

މުހައްމަދު ހަސަން އެ މުބާރާތުގެ ޗެންޕިއަންކަން ހޯދީ ކުޅުނު ނުވަ ގޭމުގެ ތެރެއިން އަށް ގޭމު ކާމިޔާބުކޮށް، އެއް ގޭމު އެއްވަރު ކުރުމަށްފަހު މުޅިއެކު 8.5 ޕޮއިންޓް ހޯދައިގެނެވެ.

މި އަހަރުގެ ގައުމީ ރާޒުވާ މުބާރާތުގެ ދެވަނަ 7.5 ޕޮއިންޓާއެކު ހޯދީ ހުސެއިން ނިމާލް އެވެ. އަދި 6.5 ޕޮއިންޓާއެކު އަހުމަދު އަޝްރަފް އާއި ހަސަން ސާމިރު މުބާރާތުގެ ތިންވަނަ އާއި ހަތަރުވަނަ ހޯދިއިރު، ހަ ޕޮއިންޓާއެކު މުބާރާތުގެ ފަސްވަނަ ހޯދީ އަހުމަދު ފުއާދު އެވެ.

'ނެޝަނަލް އިންޑިވިޖުއަލް ޗެސް ޗެންޕިއަންޗިޕް 2015'ގެ ނަމުގައި މި އަހަރުގެ ގައުމީ ރާޒުވާ މުބާރާތް ކުރިއަށް ގެންގޮސްފައި ވަނީ މި މަހުގެ 23 ވަނަ ދުވަހުން 31 ވަނަ ދުވަހުގެ ނިޔަލަށެވެ. މުބާރާތުގެ މެޗުތައް މާލޭ ކުޅިވަރު އެކުވެނީގައި ކުރިއަށް ގެންދިޔަ އިރު، އެ މުބާރާތަކީ މި އަހަރު ރާއްޖޭގެ ޗެސް ފެޑަރެޝަނުން އިންތިޒާމްކޮށް ކުރިއަށް ގެންދިޔަ ފުރަތަމަ މުބާރާތެވެ.