02 Feb 2015, 10:27
މެލޭޝިއާގެ ޓިއަމަން އައިލެންޑްގައި ކުރިއަށް ގެންދިޔަ ޓިއަމަން ފެސްޓިވަލް 2015ގައި، ބޮޑީ ބޯޑިންގް ކެޓަގަރީގެ އެއްވަނަ ރާއްޖޭގެ މިދިޔަ އަހަރުގެ އެންމެ މޮޅު ބޮޑީ ބޯޑަރު އަލީ ޚުޝްރުވާން (ކުޑަ އައްޔަ) ހޯދައިފި އެވެ.
މި މަހުގެ 29 އިން 31 ވަނަ ދުވަހާ ހަމައަށް ކުރިއަށް ގެންދިޔަ ރާޅާ އެޅުމުގެ މުބާރާތުގެ އެއްވަނަ ކުޑަ އައްޔަ ހޯދީ ދެކުނު އޭޝިއާގެ އެކި ގައުމުތަކުގެ ރާޅާ އެޅުންތެރިންނާ ވާދަކުރުމަށް ފަހު އެވެ. އެ މުބާރާތުގެ ބޮޑީ ބޯޑިންގް ކެޓަގަރީން އެއްވަނަ ކުޑަ އައްޔަ ހޯދިއިރު، އެ ކެޓަގަރީގެ ތިންވަނަ އާއި ހަތަރުވަނަ ހޯދީ ރާއްޖޭގެ ދެ ބޯޑަރުން ކަމަށްވާ އަލީ ޖާވިދު އާއި ނާޒިމް އަހުމަދު އެވެ.
މުބާރާތުގެ ވަނަތައް ހޯދުމުގެ އިތުރުން ރާއްޖޭގެ މޫޝާން އަދުނާން ވަނީ އެ މުބާރާތުގެ ސެމީގައި ވާދަކޮށްފައެވެ. އަދި ސެމީގެ އިތުރުން، އެ މުބާރާތުގެ ކުއާޓާ ފައިނަލްގައި ރާއްޖޭގެ މުހައްމަދު އިހުސާން އާއި އިބްރާހިމް ޝިމަން، އަހުމަދު އަރީޝް ރަޝީދު އަދި އަހުމަދު ފައުޒާން ވާދަކޮށްފައި ވެއެވެ.
ބޮޑީ ބޯޑިންގް ކެޓަގަރީގެ އިތުރުން މި އަހަރު ބޭއްވި ޓިއަމަން ފެސްޓިވަލް ޝޯޓް ބޯޑިންގް ކެޓަގަރީގެ އެއްވަނަ ހޯދީ ރާއްޖޭގެ އިސްމާއިލް މިގްލާލް އެވެ. އަދި އެ ކެޓަގަރީގެ ސެމީގައި ރާއްޖޭގެ ހުޝާމް އިބްރާހިމް ވާދަކުރިއިރު، އެ ކެޓަގަރީގެ ކުއާޓާގައި ރާއްޖޭގެ އަހުމަދު މިސްބާހު އަލީ ވަނީ ވާދަކޮށްފައެވެ.
މިދިޔަ އަހަރު ބޭއްވި ޓިއަމަން ފެސްޓިވަލްގައިވެސް ރާއްޖެގެ ބޯޑަރުން ވަނީ މުބާރާތުގެ ބޮޑީ ބޯޑިންގް ކެޓަގަރީން ވަނަތައް ހޯދާފައެވެ. މިދިޔަ އަހަރު އެ މުބާރާތުގެ އެއްވަނަ އާއި ދެވަނައިގެ އިތުރުން ތިންވަނަ އާއި ހަތަރުވަނަވެސް ހޯދީ ރާއްޖޭގެ ބޮޑީ ބޯޑަރުންނެވެ.
ޓިއަމަން ފެސްޓިވަލް އަކީ ވޭތުވެދިޔަ ހަތަރު އަހަރު ދެކުނު އޭޝިއާގެ ރާޅާ އެޅުންތެރިންނަށް ހާއްސަކޮށްގެން ކުރިއަށް ގެންދާ މުބާރާތެކެވެ. ޓިއަމަން ޑިވަލޮޕްމަންޓް އޮތޯރިޓީ އާއި ޕަހާންގް ސްޓޭޓްގެ ޓޫރިޒަމް މިނިސްޓްރީއާ ގުޅިގެން ޓިއަމަން ބޯޑް ރައިޑާސް ކްލަބުން އެ މުބާރާތް ބާއްވާތާ މިއީ ހަތަރުވަނަ އަހަރެވެ.