02 Feb 2015, 10:05
ހދ. ކުޅުދުއްފުށީގައި އުމުރުން 11 އަހަރުގެ ކުއްޖަކު "ހިލިހިލާ" ޖަހައިގެން ގެންގުޅޭ މައްސަލައެއް ފެންމަތި ވެއްޖެ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ކުޑަކުއްޖެއްގެ ކަރާމާތަށް ގެއްލުންވާގޮތަށް އާއިލާއިން އަމަލު ކުރަމުންދާ މައްސަލަ ފުލުހުން ބަލަމުން އަންނަ ކަމަށެވެ. ނަމަވެސް އެމައްސަލައިގައި އަދި މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.
'ސަން' އަށް އެނގިފައިވާ ގޮތުގައި ކުއްޖާގެ ގައިގައި ހިލިހިލާ ޖަހަިއގެން އުޅޭ މައްސަލަ ފުލުހުންނަށް ހުށަހެޅުމުން އިއްޔެ ފުލުހުން އެގެއަށްދިޔަ އިރުވެސް އެކުއްޖާ އިނީ ހިލިހިލާ ޖަހައިފަ އެވެ. ނަމަވެސް އޭނާއަށް އެއްވެސް އަނިޔާއެއް ލިބިފައިހުރިކަމުގެ ނިޝާނެއް ނެތެވެ.
'ސަން' އިން ބެލިބެލުމުން އެނގުނުގޮތުގައި އެ ކުޑަކުއްޖާއަކީ ވަރަށް "ސަކަ" މިޒާޖެއްގެ ކުއްޖެކެވެ. އެކުއްޖާ ހިލިހިލާ ޖަހައިގެން އޭނާގެ އާއިލާއިން ގެންގުޅެނީ "ކުއްޖާ އަށް ގެއްލުމެއް ވެދާނެތީ" ކަމަށް އެރަށުން ސަން އަށް މައުލޫމާތުދިން މީހުންބުންޏެވެ.
"އެކުއްޖާ އެއްޗެހި ހަލާކުކޮށް އެހެން ހަދަނީ. އަލަމާރީގައި ހުންނަ އެއްޗެހި ވެސް ހަލާކުކުރޭ. ޖެންޑާއަށް ގެންގޮސް ނަސޭހަތްވެސް ދިން. އެކަމަކު އިސްލާހެއްނުވޭ،" ކުޅުދުއްފުށިން ސަންއާ ވާހަކަ ދެއްކި ފަރާތަކުން އެކުއްޖާގެ އާއިލާއާ ހަވާލާދީ ބުންޏެވެ.
ކުއްޖާގެ އާއިލާއާ ހަވާލާދީ އެފަރާތުން ބުނީ 11 އަހަރުގެ އެކުއްޖާގެ ހަށިގަނޑުގައި ބަލިކަމެއް ހުރިތޯ ބެލުމަށް އާއިލާއިން އެ ކުއްޖާ ޑޮކްޓަރަށާއި "ފަންޑިތަ" ހަދާ މީހުންނަށްވެސް ދައްކާފައިވާ ކަމަށެވެ. އެކުއްޖާގެ އެއްވެސް ނަފްސާނީ އަދި ސިކުނޑީގެ މައްސަލައެއް ހުންނަކަން އަދި އެނގިފައިނުވާކަމަށް ވެސް އޭނާ ބުންޏެވެ.