02 Feb 2015, 10:04
ސިފައިންނަކީ ސިޔާސީ އެންމެހާ ހަރަކާތްތަކުން ދުރުވެ ތިބޭ ބަޔަކަށް ވުމަށް އާ ޑިފެންސް މިނިސްޓަރު މޭޖަ ޖެނެރަލް ރިޓަޔަޑް މޫސާ ޢަލީ ޖަލީލު ސިފައިންނަށް އިލްތިމާސް ކުރައްވައިފި އެވެ.
ޑިފެންސް މިނިސްޓަރުގެ މަގާމާ ހަވާލުވެވަޑައިގަތުމަށް ފަހު ފުރަތަމަ ފަހަރަށް ސިފައިންނާ ރޭ ކަޅުއްތުއްކާ ކޮށީގައި ބައްދަލު ކުރައްވައި ޖަލީލު ވިދާޅުވީ ސިފައިން ވާންޖެހޭނީ އަސްކަރީ އުސޫލީ މިންގަނޑުތަކުގެ ތެރޭގައި ތިބެން ޖެހޭ ބަޔަކަށް ކަމަށެވެ. އަދި ވިދާޅުވީ އެ އުސޫލުގެ މަތިން ސިފައިންގެ އަމަލުތައް ބެހެއްޓުމަށް އިލްތިމާސް ކުރައްވާ ކަމަށެވެ.
މިނިސްޓަރު ޖަލީލު ވިދާޅުވީ ސިފައިންނަކީ ވަރަށް ހާއްސަ ތަމްރީނުތަކެއްގެ އަލީގައި އަސްކަރީ އަދަބުގެ ތެރޭން، ގައުމަށް ވަރަށް އިހްލާޞްތެރި މަސައްކަތެއް ކުރަމުން ގެންދާ ބައެއް ކަމަށެވެ. އަދި ސިފައިންނަކީ މާތްވެގެންވާ އިސްލާމްދީނާއި ދިވެހި ގައުމަށް ތެދުވެރި، އަމާނަތްތެރި ބައެއްގެ ގޮތުގައި ދެމިތިބުމަށް އަބަދު ވެސް އަޒުމު ކަނޑައަޅަން ޖެހޭނެ ކަމަށް ވިދާޅުވި އެވެ.
އެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަޙްމަދު ޝިޔާމު ވިދާޅުވީ ސިފައިންގެ ކޮންމެ މީހަކު ވެސް އެމީހަކާ ހަވާލުވެފައިވާ ޒިންމާ އެންމެ ފުރިހަމަ ގޮތުގައި އަދާކޮށް، ކުރާ ކޮންމެ ކަމެއްގައި ވެސް އަސްކަރީ އަހުލާގުގެ އެންމެމަތީ ދަރަޖައިގައި ބަހައްޓަން ޖެހޭ ކަމަށެވެ.
އެ ބައްދަލުވުމުގައި ޝިޔާމުގެ އިތުރުން ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއާ ޖެނެރަލް އަޙްމަދު މުޙައްމަދާއި ޖެނެރަލް އޮފިސަރުންނާއި އެހެނިހެން ރޭންކްތަކުގެ އޮފިސަރުންގެ އިތުރުން ގިނަ އަދަދެއްގެ ސިފައިން ބައިވެރިވި އެވެ.