02 Feb 2015, 10:01
ބްރިސްބޭން (ފެބްރުއަރީ 2) : މީގެ ދޮޅު އަހަރެއްހާ ދުވަސްކުރިން މިސްރުން ހައްޔަރުކުރި އަލްޖަޒީރާގެ ނޫސްވެރިޔާ، ޕީޓަރ ގްރެސެޓް، މިނިވަން ކުރުމުން އޭނާގެ ޢާއިލާއިން އެކަމަށް ވަރަށް ބޮޑަށް މަރްޙަބާ ކިޔައިފި އެވެ.
ގްރެސެޓްގެ އާއިލާއިން އޮސްޓްރޭލިޔާގެ ބްރިސްބޭންގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިސްރުގެ ޖަލުތަކުގައިވާ އަލްޖަޒީރާގެ އަނެއް ދެ ނޫސްވެރިން ކަމަށްވާ މުހައްމަދު ފަހުމީ އާއި ބާހިރު މުހައްމަދު މިނިވަން ކުރުމަށް މިސްރު ސަރުކާރަށް އިލްތިމާސްކޮށްފައިވެ އެވެ. އަދި ގްރެސެޓް މިނިވަން ކުރުމަށް މަސައްކަތްކޮށްދިން ހުރިހާ ފަރާތްތަކަކަށް ވެސް އެޢާއިލާއިން ޝުކުރު އަދާކުރި އެވެ.
އޮސްޓްރޭލިޔާގެ ޚާރިޖީ ވަޒީރު ޖޮލީ ބިޝޮޕް ވިދާޅުވީ ގްރެސެޓް މިނިވަންކުރުމަށް ފަހު މިސްރުން ފުރުމުގެ ކުރިން އޭނާއާ ފޯނުން ވާހަކަ ދެއްކެވި ކަމަށާއި ގްރެސެޓްގެ މަޢްނަވީ ރޫހު ވަރުގަދަ ކަމަށާއި އަދި ގައުމަށް އެނބުރި އައުމުގެ ޝައުގުވެރިކަން ވެސް އޭނާގެ ކިބާގައި ވަރަށް ބޮޑުކަމުގަ އެވެ.
އޮސްޓްރޭލިއާ އަށް އުފަން ޕީޓަރ ގްރެސެޓް މިސްރުގެ އިންގިލާބީ ސަރުކާރުން ހައްޔަރުކޮށް ޖަލަށްލާފައި ވަނީ 2013 ވަނަ އަހަރުގެ ޑިސެމްބަރު މަހުގަ އެވެ. ހަތަރުސަތޭކަ ދުވަހު ޖަލުގައި ބެހެއްޓުމަށް ފަހު މިސްރުގެ މިހާރުގެ ރައީސް އަބްދުލްފައްތާޙް އައްސީސީގެ ސަރުކާރުން އިއްޔެ އޭނާ މިނިވަންކުރުމަށް ފަހު ވަނީ މިސްރަށް ނާދެވޭގޮތަށް އަވަށްޓެރި ސައިފްރަސްއަށް އޭނާ ޑީޕޯޓްކޮށްލާފަ އެވެ.
ސައިފްރަސްގެ ލަރްނަކާ އެއަރޕޯޓުން ގްރެސެޓްއަށް މަރްޙަބާ ކިޔާފައި ވަނީ އެގައުމުގައި ހުންނަ އޮސްޓްރޭލިޔާގެ ކޮންސިއުލޭޓްގެ އިސްވެރިންނެވެ. މީޑިޔާގެ ތަޖްރިބާކާރެއް ކަމަށްވާ ޕީޓަރ ގްރެސެޓަކީ އަލްޖަޒީރާގެ އިނގިރޭސި ޗެނެލްގެ ނޫސްވެރިއެކެވެ. އެޗެނެލްއާ ގުޅުމުގެ ކުރިން ގެރެސެޓް ވަނީ ބީބީސީގައި ވެސް މަސައްކަތްކުރައްވާފައިވެ އެވެ.
މިސްރުގެ ކުރީގެ ރައީސް ޑރ. މުޙައްމަދު މުރުސީގެ ވެރިކަން އަސްކަރީ އިންގިލާބަކުން ވައްޓާލިތާ ފަސް ވަރަކަށް މަސްތެރޭގައި މިސްރުގެ އޭރުގެ އިންގިލާބީ ސަރުކާރުން ގްރެސެޓް ހައްޔަރުކުރީ ޑރ. މުރުސީއަށާއި މުރުސީ ނިސްބަތްވެ ވަޑައިގަންނަވާ އިޚްވާނުލްމުސްލިމޫން ޖަމާއަތަށް ސިޔާސީ ފައިދާތަކެއް ޙާސިލްވާ ގޮތަށް ދޮގު ޚަބަރުތަކެއް ފެތުރި ކަމުގެ ތުހުމަތުގަ އެވެ. މިތުހުމަތުތައް ކޯޓަށް ސާބިތުވެއްޖެ ކަމަށްބުނެ ގާހިރާގެ ކޯޓަކުން ގްރެސެޓްއާއި އަލްޖަޒީރާގެ އެހެން ދެ ނޫސްވެރިން ކަމަށްވާ މުހައްމަދު ފަހުމީ އާއި ބާހިރު މުހައްމަދު ދިގުމުއްދަތަކަށް ޖަލަށްލުމަށް ޙުކުމްކޮށްފައި ވަނީ މިދިޔަ އަހަރުގެ ޖޫންމަހު އެވެ. އަލްޖަޒީރާގެ ތިން ނޫސްވެރިންގެ މައްޗަށް ވެސް ސާބިތުވިކަމަށް ބުނާ މިތުހުމަތުތަކަކީ މުޅިން ފުލޯކު އަދި އެއްވެސް އަސާސެއްނެތް ދޮގު ތުހުމަތުތަކެއްކަމަށް އެތިން މީހުންނާ އަދި އަލްޖަޒީރާއިންވެސް ބުނެއެވެ.
މިތިން މީހުން މިނިވަންކުރުމަށް ދުނިޔޭގެ ގައުމުތަކުންނާއި ބައިނަލްއަގްވާމީ ޖަމްއިޢްޔާ ޖަމާއަތްތަކުން ތަކުރާރުކޮށް މިސްރަށް ގޮވާލަމުން ގެންދިޔުމާ ގުޅިގެން މިސްރުގެ ރައީސް އަބްދުލްފައްތާޙް އައްސީސީ ދާދިފަހުންވަނީ މި ތިންމީހުން މިނިވަންކޮށްދެއްވާނެ ކަމުގެ އިޝާރާތްތަކެއް މިދިޔަ ހަފްތާގައި ދެއްވާފަ އެވެ. އަލްޖަޒީރާ އިން ވަނީ ގްރެސެޓް މިނިވަން ކުރުމުން އެކަމަށް ވަރަށް ބޮޑަށް މަރްޙަބާ ކިޔާފަ އެވެ. އަދި އަނެއް ދެނޫސްވެރިން ކަމަށްވާ މުހައްމަދު ފަހުމީ އާއި ބާހިރު މުހައްމަދުވެސް މިނިވަން ކުރަންދެން އެދެ މީހުންގެ މިނިވަންކަމަށް މަސައްކަތް ކުރާނެ ކަމަށް އަލްޖަޒީރާއިން ބުނެ އެވެ.
މީގެއިތުރުން އެމްނެސްޓީ އިންޓަނޭޝަނަލް އިންވެސްވަނީ މުހައްމަދު ފަހުމީ އާއި ބާހިރު މުހައްމަދު އެއްވެސް ޝަރުތަކާ ނުލައި މިނިވަން ކުރުމަށް މިސްރުގެ ރައީސް އަބްދުލްފައްތާޙް އައްސީސީގެ ސަރުކާރަށް ގޮވާލާފަ އެވެ. (އަލްޖަޒީރާ)