02 Feb 2015, 09:37
ހުޅުމާލެއަކީ ހިތް ފަސޭހަ، އުޅެލަން ފަސޭހަ ރަށެކެވެ. ޕްލޭންތައް ވެސް އޮތީ ދުބާއީ ފެންވަރުގަ އެވެ. ޒުވާނުންނަށް ހާއްސަ އެތައް ކަމެއްގެ ވާހަކަތައް ދެކެވެ އެވެ. ކުރަހާފައިވާ ޗާޓްތައް އެހާމެ ނަލަ އެވެ. އެކަން ކުރަން ކުރެވޭ މަސައްކަތްތައް ވެސް އިންތިހާއަށް އިތުރެވެ. ހުޅުމާލެއަކީ ނަލަ މަންޒިލަކަށް ވިޔަސް އެ ރަށް ދެކެ އެންމެން ވެސް ފޫހިވާ އެއް ސަބަބެއްވެ އެވެ. އެއީ މާލެއާއި ހުޅުމާލެ އާއި ދޭތެރޭ އޮތް ދަތުރުފަތުގެ ނިޒާމެވެ. މިހާރު އޮތް އެ ނިޒާމުގެ ސަބަބުން ހުޅުމާލޭގެ ތަރައްގީއަށް ވެސް އެތައް ގެއްލުމެއް އެބަ ކުރިމަތިވެ އެވެ. ނަމަވެސް އެމާޔޫސީ ކަމަށް ނިމުމެއް ގެނެވޭ ފަދަ ސިގުނަލެއް މިދިޔަ ހަފްތާގެ ތެރޭގައި މި ވަނީ ލިބިފަ އެވެ.
"ޓްރާންސްޕޯޓް ފޯ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް" ނަމުގައި މިހާރު މިވަނީ އެމްޓީސީސީ އާއި އެޗްޑީސީ އަދި އެމްޕީއެލް ގުޅިގެން ދަތުރުފަތުރުގެ ޚިދުމަތް ފޯރުކޮށްދޭ ކުންފުންޏެއް ހެދުމަށް އެއްބަސްވެފަ އެވެ. ދަތުރުފަތުރުގެ ޚިދުމަތަށް ޚާއްސަކޮށްގެން ކުންފުންޏެއް އުފެއްދުމުގެ ބޭނުމަކީ ކަސްޓަމަރުންނަށްދޭ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމާއި ދަތުރުފަތުރުގެ ޚިދުމަތް ޒަމާނީ ފެންވަރަށް ތަރައްގީކުރުމެވެ. ތިން ކުންފުނި ގުޅިގެން 150 މިލިއަން ރުފިޔާއިން ފަށައިގަންނައިރު ހުޅުމާލެ ފެރީއާއި ހުޅުމާލެ އާއި މާލޭގެ ބަހުގެ ހިދުމަތުގެ އިތުރުން ބްރިޖުގެ ދަތުރުތައް ކުރުމަށް ވެސް ވަނީ ހިމަނާފަ އެވެ.
"ތިން ކުންކުންފުނި މިގުޅެނީ ފެރީތަކެއް އިތުރަށް ހޯދައި އަދި ބަސްވެސް ހޯދައި އިންވެސްޓްކުރުމަށް ތައްޔާރުވެގެން، އެހެން ވީމާ ކުންފުނި އުފެދިގެން ކުންފުނީގެ ޕްލޭންގެ ދަށުން އިންވެސްޓު ކޮށްގެން އަޅުގަނޑުމެން ފެރީތަކެއް ހަދަން ބަޔަކާ ހަވާލުކުރެވޭނެ،" އަލަށް ހަދާ ކުންފުނީގައި އިސްކޮށް ހަރަކާތްތެރިވާ އެމްޓީސީސީގެ ސީއީއޯ އިބްރާހިމް އަބްދުއްރައްޒާގު ހަލީމް ވިދާޅުވި އެވެ.
ހުޅުމާލެއަކީ މިހާރު ވެސް 30،000 އަށް ވުރެ ގިނަ މީހުން ދިރިއުޅޭ ރަށެކެވެ. ފެރީގެ "ނުހޮރުއްޕާން" އެތައް ބަޔަކަށް ޖެހެ އެވެ. އެންމެ ބޮޑު ޝަކުވާއަކީ "ބަރަވެލި" ދުވެލީގެ މައްސަލަ އެވެ. އެހެން އެކަންވާން ގޮންޖެހުންތައް ވެސް އެބަހުއްޓެވެ. ބަނދަރު ކުޑަވުމާއި ތެލުގެ ހަރަދަކީ ބޮޑެތި ގޮންޖެހުންތަކެވެ. ނަމަވެސް އާ ކުންފުންޏާއެކީ އެކަމަށް ނިމުމެއް އަންނާނެ ކަމުގެ އުފާވެރި ހަބަރު މިހާރު މި ވަނީ ދީފަ އެވެ.
އެމްޓީސީސީގެ ސީއީއޯ އިބްރާހިމް ހަލީމް ވިދާޅުވި ގޮތުގައި އެ ތިން ކުންފުނި ގުޅިގެން ފެރީގެ ހިދުމަތް މި އަހަރު ތެރޭގައި ފެށިގެންދާއިރު ހުޅުމާލެއާއި މާލެއާ ދެމެދުގެ ދަތުރުތައް ހަލުއިވެ، ދަތުރުގެ ދިގުމިން 15 މިނެޓަށް ވުރެ ދަށް ކުރެވޭނެ އެވެ.
"އަޅުގަނޑުމެން މިހާރު މި ދަތުރުކުރަނީ 20 މިނެޓުން އަޅުގަނޑުމެން މި އުންމީދުކުރަނީ ލަސްވެގެން 15 މިނެޓް ނުވަތަ އެއަށް ވުރެ އަވަހަށް ދަތުރުކުރެވޭ ވަރަށް އަޅުގަނޑުމެން ހިދުމަތް ތަރައްގީ ކުރާނަން،" ހަލީމް ވިދާޅުވި އެވެ.

އަވަނެއް ފަދަ ފެރީތަކުގެ ސަބަބުން ނަލަ ވެގެން އޮފީހަށާއި ހަވީރު ފިންޏަށް އަންނަ ފަރާތްތަކުގެ ދަތިތަކަށް ވެސް ހައްލެއް ގެނައުމަށް ޕްލޭން އެބައޮތެވެ. ހާއްސަކޮށް އޮފީހަށްދާ ފަރާތްތަކާއި ބުރަ މަސައްކަތްކޮށްފައިދާ ފަރާތްތަކުން ފެރީގައި ވަކިން ތިބެވޭނެ އުސޫލްތަކެއް ހަމަޖައްސަނީ އެވެ. ހޫނު ފެރީތައް ފިނި ކޮށްލަނީއެވެ. ބޮޑެތި ފެރީތައް ވެސް ގެނައުމަށް ނިންމައިފި އެވެ. އެގޮތުން މާޗް މަހު ދެ ފެރީއެއް ތައާރަފް ކުރެވޭއިރު އެއިން އެއްފެރީއަކީ 200 މީހުންގެ ކެޕޭސިޓީ އެވެ. އަނެއް ފެރީ 130 މީހުންގެ ޖާގަ އެވެ. އެ ފެރީތަކުން ހޫނުވާ މައްސަލައަށް ހައްލުކޮށްފައިވާނެ ކަމަށް މައުލޫމާތު ދިނެވެ.
"އަލަށް ދެ ފެރީ ގެނައި ނަމަވެސް މިހާރު މިބޭނުންކުރާ ފެރީތައް ހަމަ ބޭނުންކުރާނެ. ސަބަބަކީ ފެރީއަކީ އަޅުގަނޑުމެންނަށް ސީދާ ބޭރުން ގަނެލައިގެން ގެނެވޭނެ އެއްޗިއްސެއް ނޫން. ބޭރުން ގެންނަން ބެލިނަމަވެސް އެލްމިނިއަމް ފެރީތައް މިއުޅެނީ ވަރަށް އަގު ބޮޑުކޮށް. ގާތްގަނޑަކަށް އެއްލިމިއަން ޑޮލަރު ނުވަތަ 1.5 މިލިއަން ޑޮލަރު އަރާ،" ހަލީމް ވިދާޅުވި އެވެ.
އާ ފެރީތަކާއި އަވަސް ދަތުރުތަކުގެ ސަބަބުން ގައިމުވެސް ޓާމިނަލް ތޮށްނުޖެހޭނެ އެވެ. އެކުންފުނި އޮތީ ހުޅުމާލެއަށް އަލަށް އިތުރުވާ އާބާދީއަށް ވެސް ތައްޔާރުވެ ހިދުމަތް ފުޅާކުރުމަށް ވިސްނައި ތައްޔާރުވެގެންނެވެ. ބާރު ސްޕީޑާއި ހިތްގައިމު ފެރީއެއްގެ ހިދުމަތް ލިބޭނެ ނަމަ އާންމުންގެ ޝަކުވާތައް ހުއްޓޭނެ އެވެ. އެ ކުންފުނީގެ އަމާޒަކީ މިއަހަރު ނިމުމުގެ ކުރިން ހިދުމަތް ފުޅާކުރުމެވެ.
ދެން އޮތީ އެއްގަމު ދަތުރުފަތުގެ ވާހަކައެވެ. އާނއެކެވެ. މާލެ، ހުޅުމާލެ ބަހާއި ބުރިޖުގެ ދަތުރުތަކުގެ ވާހަކަ އެވެ.
ހަލީމް ވިދާޅުވި ގޮތުގައި ތިން ކުންފުނި ހިއްސާވާ އާ ކުންފުންޏާ އެކު ބަހުގެ ދަތުރުތަކަށް ވެސް ފަހި މަގެއް ދައްކާނެ އެވެ. އެންމެ ބޮޑު ސަމާލުކަމެއް އޮތީ ހުޅުމާލޭ ބަސް ދަތުރުތަކަށެވެ. އެގޮތުން ޒަމާނީ ދެ ބަސް އިތުރުކޮށް އިތުރު ރޫޓްތަކަށް ދަތުރުތައް ކުރުމުގެ އިތުރަށް އެއާޕޯޓަށް ލަގެޖާ އެކު ދެވޭ ބަސްތަކެއްގެ ހިދުމަތް ދިނުމެވެ. ބުރިޖުގައި ކުރާނެ ވަކި ހިދުމަތެއް އަދި ނުނިންމި ނަމަވެސް ފުރިހަމަ ދަތުރުފަތުގެ ހިދުމަތެއް ބުރިޖުން ދޭނެ ކަމުގެ ޔަގީންކަންވެސް ދެ އެވެ.
"މިހާރު މިގެންގުޅޭ ބަސްތަކަކީ ހަމައެކަނި ފަސިންޖާ ބަސްތަކެއް. ކުރިއަށް އޮތްތަނުގައި އަޅުގަނޑުމެން ގެންނަ ބަސްތަކަކީ ދަށަށް ލަގެޖް އެއްޗެހި ވެސް ލެވޭގޮތަށް ހުންނަ ބަސް،" ހަލީމް ވިދާޅުވި އެވެ.
ޒަމާންވީ އިންތިޒާރަށް ނިމުން އަންނައިރު ދެން އޮތީ ބޮޑު ސުވާލެވެ. ފެރީގެ ނިޒާމަށް އަންނަ "އިންގިލާބާއި" އެއްގަމު ދަތުރުފަތުރުތަކަށް އަންނަ ބޮޑު ބަދަލާއި ޒަމާނީ ބަސްތަކާ އެކު އަގަށް އައިސްދާނެ ބަދަލުތަކުގެ ވާހަކަ އެވެ. އެއީ ހަމަ އުފާވެރި ހަބަރެކެވެ. އެއީ 1997 ހަތް ވަނަ އަހަރުން ފެށިގެން މިއަދާ ހަމައަށް ވެސް އެއް އަގެއްގައި ހިދުމަތްދޭ އެކުންފުނިން ދަތުރުފަތުގެ އަގަށް ބަދަލެއް ގެނައުމުގެ ވިސްނުން ނުގެންގުޅުމެވެ. ހަލީމް ވިދާޅު ވަނީ ބޭނުން ވަނީ ފައިސާތަކެއް ނޫން ކަމަށާއި ބޭނުންވަނީ ރަނގަޅު ހިދުމަތެއް ދިނުން ކަމަށެވެ.