ހޮންގްކޮންގް (ފެބްރުއަރީ 2) : ޑިމޮކްރަސީއަށް ގޮވާލައި މުޒާހަރާ ކުރާ އެތަށް ހާސްބަޔަކު ހޮންގްކޮންގްގެ މަގުތަކަށް އަނެއްކާ ވެސް ނުކުމެއްޖެ އެވެ.
މިއީ މިދިޔަ އަހަރުގެ ފަހުކޮޅު ކުރިޔަށް ދިޔަ މިފަދަ މުޒާހަރާތަކަށް ފަހު ބޭއްވި ފުރަތަމަ މުޒާހަރާ އެވެ. މިދިޔަ އަހަރުގެ މުޒާހަރާތަކާ ޚިލާފަށް އިއްޔެގެ މުޒާހަރާތަކުގައި އެއްވެސް ހަމަނުޖެހުމެއް ހިންގާފައެއްނުވެ އެވެ. އެހެންކަމުން ބާރުގެ ބޭނުންކޮށްގެން އެ މުޒާހަރާތައް ހުއްޓުވުމަށް ހޮންގްކޮންގެ ފުލުހުން މަސައްކަތް ކޮށްފައެއްނުވެ އެވެ.

އިއްޔެގެ މުޒާހަރާ އިންތިޒާމް ކުރި ފަރާތްތަކުން ބުނީ 13 ހާސް މީހުން އެކަމުގައި ބައިވެރިވި ކަމަށާއި އެމީހުން ކޮންގްކޮންގެ ވިޔަފާރީގެ މައި މަރުކަޒުތަކުގެ ވަށައިގެންވާ މަގުތަކުގައި ސުލްޙަވެރިކަމާ އެކު ހިނގާލައި އެމީހުންގެ ޝުޢޫރުތައް ފާޅުކޮށްފައިވާ ކަމުގަ އެވެ. ނަމަވެސް އިއްޔެގެ މުޒާހަރާގައި ބައިވެރިވެފައި ވަނީ ގާތްގަނޑަކަށް 8،000 މީހުން ކަމަށް ހޮންގްކޮންގެ ފުލުހުން ބުނެ އެވެ.

ޑިމޮކްރަސީއަށް ގޮވާލައި ހޮންގްކޮންގްގައި މުޒާހަރާކުރާ ފަރާތްތަކުގެ ތެރޭގައި ގިނައީ ޒުވާނުންނެވެ. އެމީހުން އެދެމުންދަނީ ހޮންގްކޮންގެ ގާނޫނު ހަދާ މަޖިލީހުގެ މެންބަރުންނަކީ އައްޔަން ކުރެވޭބައެއްގެ ބަދަލުގައި އިންތިޚާބު ކުރެވޭ ބަޔަކަށް ހެދުމަށާއި އެސަރަހައްދުގެ ވެރިއަކަށް ޗައިނާ ސަރުކާރުން އައްޔަންކުރާ ގަވަރުނަރުގެ ބަދަލުގައި ހޮންކޮންގްގެ ރައްޔިތުންގެ ސީދާ ވޯޓަކުން އިންތިޚާބުކުރާ މަގާމަކަށް އެމަގާމު ހެދުމަށެވެ. މީގެ އިތުރުން ހުޅަނގުގެ ލެބެރަލް ޑޮމޮކްރަސީގެ އުސޫލުތައް މަޑުމަޑުން ހޮންގްކޮންގް އަށް ތައާރަފް ކުރުމަށް ވެސް މުޒާހަރާކުރާ ފަރާތްތަކުން އެދެމުން ގެންދެ އެވެ.

ޗައިނާ ސަރުކާރުންވަނީ އެކަންތައްތަކަށް ދެކޮޅު ހަދާފައެވެ. ނަމަވެސް ޑިމޮކްރަސީ އަށް ގޮވާލައި ސުލްޙަވެރިކަމާ އެކު ޚިޔާލު ފާޅުކުރާނަމަ އެކަން މަނާނުކުރާނެ ކަމަށް ޗައިނާ އިން ބުނެ އެވެ. (ރޮއިޓާސް)