ގާހިރާ (ފެބްރުއަރީ 2) : މިސްރަށް ކުރިމަތިވެފައިވާ އަމަނާބެހޭ މައްސަލަތަކާއެކު ވެސް 2014 ވަނަ އަހަރު ފަތުރުވެރިކަމުގެ ދާއިރާ ވަރަށް ބޮޑަށް ކުރިއަރާފައިވާކަން އެގައުމުގެ ފަތުރުވެރިކަމާ ބެހޭ ވުޒާރާ އިން ހާމަކޮށްފި އެވެ.
އެވުޒާރާ އިން އިއްޔެ އާންމުކުރި ތަފާސްހިސާބުތަކެއްގައިވާ ގޮތުން ފާއިތުވި 2014 ވަނަ އަހަރު ފަތުރުވެރިކަމުން މިސްރަށް ލިބުނު އާމްދަނީ 2013 ވަނަ އަހަރާ އަޅާބަލާއިރު 27 އިންސައްތައަށް ވަނީ މައްޗަށް ގޮސްފަ އެވެ. އަދި ފާއިތުވި އަހަރު މިސްރަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދުވެސް އޭގެ ކުރީ އަހަރާ އަޅާބަލާއިރު 4.2 އިންސައްތައަށް އިތުރުވެފައިވާކަން މި ތަފާސްހިސާބުތަކުން ދައްކަ އެވެ. މިދިޔައަރަކީ މިސްރުގައި ހަމަނުޖެހުންތައް ބޮޑުއަހަރެއް ނަމަވެސް 2013 ވަނަ އަހަރާ އަޅާބަލާ އިރު މިދިޔަ އަހަރު ސަލާމަތީކަންކަން އާންމުކޮށް ރަނގަނޅު ކަމަށް މިސްރު ސަރުކާރުން ފާހަގަކޮށްފައިވެ އެވެ.

މިސްރުގެ އިގްތިސާދުގައި ފަތުރުވެރިކަން މުހިއްމު ބައެއް އަދާކުރެ އެވެ. މިސްރަކީ ފަތުރުވެރިކަމުގެ ވަސީލަތްތަކާއި ދުނިޔޭގެ އެއްވަނަ ދަރަޖައިގެ އާސާރީތަންތަން އެންމެ ގިނަ އެއްގައުމެވެ. ދެހާސް ތޭރަ ވަނަ އަހަރު މިސްރުގެ ގައުމީ އާމްދަނީ އަކީ 284 ބިލިޔަން އެމެރިކާ ޑޮލަރެވެ. މީގެ ތެރޭގައި ފަތުރުވެރިކަމުގެ ޓެކްސްއިން ސަރުކާރަށް ފަސް ބިލިޔަން ޑޮލަރު ލިބިފައިވާ އިރު ޕްރައިވެޓް ސެކްޓަރަށް ފަތުރުވެރިކަމުން 10 ބިލިޔަން ޑޮލަރު ލިބިފައިވާނެ ކަމަށް އަންދާޒާ ކުރެވިފައިވެ އެވެ. މިދިޔަ އަހަރު ފަތުރުވެރިކަމުން 7.5 ބިލިޔަން އެމެރިކާ ޑޮލަރު ސަރުކާރަށް ލިބިފައިވާ އިރު ޕްރައިވެޓް ސެކްޓަރަށް 15 ބިލިޔަން ޑޮލަރު ލިބިފައިވާނެ ކަމަށް އަންދާޒާ ކުރެވިފައިވެ އެވެ.

ގާހިރާގައި ރޭ ބޭއްވި ނޫސްކޮންފަރެންސެއްގައި ވާހަކަ ދައްކަވަމުން މިސްރުގެ ފަތުރުވެރިކަމާ ބެހޭ ވަޒީރު ހިޝާމް އައްޒަޢްޒޫޢް ވިދާޅުވީ 2014 ވަނައަހަރު 9.9 މިލިޔަން ފަތުރުވެރިން މިސްރަށް އައިސްފައިވާ ކަމަށާއި މިއީ ރެކޯޑް މިންވަރެއް ކަމުގަ އެވެ. އަދި މިއަހަރު 11 މިލިޔަން ފަތުރުވެރިން މިސްރަށް ޒިޔާރަތް ކުރާނެކަމަށް ބެލެވޭކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މިސްރަށް ބޭރުފައިސާ ލިބޭ މައިގަނޑު އިގްތިސާދީ ހަރަކާތްތަކުގެ ތެރޭގައި ވެސް ފަތުރުވެރިކަމުގެ ދައުރު ވަރަށް ބޮޑެވެ. މިސްރުން ބޭރަށް އެކްސްޕޯޓްކުރާ ތަކެތީގެ ތެރޭގައި ތެލާއި ގޭހާއި ތެލުގެ ބާވަތްތަކާއި އުފެއްދުންތަކާއި ކަފައާއި މޭވާއާއި ތަރުކާރީގެ ބާވަތްތައް ހިމެނެ އެވެ. މީގެ އިތުރުން ސްވޭސް ކެނެލްއަށްލިބޭ އާމްދަނީ ވެސް އެވްރެޖްކޮށް އަހަރަކު 4.3 ބިލިޔަން ޑޮލަރަށް އަރާކަމަށްވެ އެވެ. (ނޫސްއެޖެންސީތައް)