ގދ. ތިނަދޫގެ ދޯންޏެއްގެ ތެރޭގައި ފެން ޕަންޕެއްގެ ހޮޅި ވިރުވަން އުޅެނިކޮށް ގޭސް ފުޅިއެއް ގޮވައި ފަޅުވެރިއެއްގެ ހަށިގަނޑުގެ 15 ޕަސެންޓް ފިހިއްޖެ އެވެ.

އެމްއެންޑީއެފުން ދެންމެ ބުނީ ތިނަދޫ ބަނދަރުގައި އޮތް ދޯންޏެއްގައި އެ ހާދިސާ ހިގަން މެދުވެރިވީ، ދޯނީގެ ފަލްކާތެރޭގައި ހުރި ގޭސް އުނދުނެއް ބޭނުންކޮށްގެން ފެން ޕަންޕެއްގެ ހޮޅި ވިރުވުމުގެ މަސައްކަތް ކުރަމުންދަނިކޮށް ގޭސްފުޅި ގޮވައިގެން ކަމަށެވެ.

އެމްއެންޑީއެފުން ބުނި ގޮތުގައި، ގޭސް ފުޅި ގޮވީ ފަލްކާތެރޭގައި ގޭސް ލީކުވެފައި ހުއްޓައި އުދުން ރޯކުރުމުން ކަމަށެވެ.

އެމްއެންޑީއެފުން ބުނީ މިއަދު މެންދުރު 12:20 އެހާކަންހާއިރު، ހިނގި އެ ހާދިސާގައި މީހެއްގެ ހަށިގަނޑުގެ ބައެއް ފިހިފައިވާއިރު، ގޭސް ފުޅި ގޮވުމުގެ ތެރޭގައި ދޯނީގެ ތައްޓުމަތިން 12 ވަރަކަށް ފޫޓް ވަރުގެ ތަނެއް ނެއްޓިގެން ގޮސްފައިވާ ކަމަށެވެ.

އެމްއެންޑީއެފްގެ މީޑިއާ އޮފިސަރު އަބްދުﷲ އަލީ މިއަދު ވިދާޅުވީ އެ ހާދިސާގައި ފިހުނު ފަޅުވެރިއާއަށް ތިނަދޫ ރީޖަނަލް ހޮސްޕިޓަލުން ފަރުވާދެމުން އަންނަ ކަމަށެވެ. އަދި އޭނާގެ ހާލު އޭހާ ސީރިއެއްސް ނުވާތީ މާލެ ގެންނަ ގޮތަށް އަދި ނިންމާފައި ނުވާ ކަމަށް އަބްދުﷲ އަލީ ވިދާޅުވި އެވެ.